ވެމްކޯއިން، އަލަށް ތައާރަފްކުރި އެ ކުންފުނީގެ މުވައްޒަފުންގެ އައު ޔުނީފޯމް ބޭނުން ކުރަން ފަށައިފިއެވެ.

އެ ޔުނީފޯމް ބޭނުން ކުރަން ފެށީ އިއްޔެއެވެ. އެ ޔުނީފޯމަކީ ވެމްކޯގެ ހިދުމަތް ހޯދާ ފަރާތްތަކަށް، އެއީ ވެމްކޯގެ މުވައްޒަފުންކަން ދެނެގަނެވޭނެ ފަދަ ގޮތަކަށް ތައްޔާރުކޮށްފައިވާ ޔުނީފޯމެކެވެ.

ވެމްކޯ އިން ބޭނުން ކުރާ ޔުނީފޯމްތަކަށް ބަލާއިރު، އެ ކުންފުނީގެ މަސައްކަތް ކުރާ ވެށިފާރަވެރިން ބޭނުން ކުރާ ޔުނީފޯމް ހުންނާނީ މަސައްކަތުގެ މާހައުލަށް އެންމެ އެކަށީގެންވާ ގޮތައް ތައްޔާރުކޮށްފައެވެ. އެ ޔުނީފޯމްގެ ކުލައަކީ ގަދަ ފެހިކުލައެވެ. އަދި އެ މުވައްޒަފުން ވިއްސާރާ ދުވަހު ބޭނުން ކުރުމަށް ކަޅު ކުލައިގެ ކޯޓެއް ބޭނުންކުރާނެއެވެ.

އަދި ވެށިފާރަވެރިންގެ ތެރެއިން އެންމެ އިސްކޮށް މަސައްކަތް ކުރާ ޑިއުޓީ އޮފިސަރުންނާއި އަދި ޑްރައިވަރުން ބޭނުންކުރާނީ މަޑު ފެހިކުލައިގެ ޓީޝާޓެކެވެ. އަދި ޑިއުޓީ އޮފިސަރުން ޔުނީފޯމާއެކު ކުޑަދަބަހެއްވެސް އެ މީހުން ބޭނުންކުރާނެއެވެ. އެއީ ކަލެކްޝަން ހިދުމަތަށް ޑާޓާ ނެގުމަށްޓަކައި ބޭނުންކުރާ ޓެބްލެޓަށް ހާއްސަ ކުރެވިފައިވާ ދަބަހެވެ.

މީގެ އިތުރުން، އޮރެންޖް ކުލައިގެ ވެސްޓް ބޭނުން ކުރާނީ ޓްރާންސްފާ ސްޓޭޝަންގައި މަސައްކަތް ކުރާ ފީލްޑްގައި އުޅޭ މުވައްޒަފުންނެވެ.

ކޮންމެ ޔުނީފޯމަކާއެކު ތޮތްޕަކާއި އަތަށް ލައްވާ އަންގިއެއްވެސް ހިމެނެއެވެ. އަދި ޔުނީފޯމާއެކީ ފައިވާނެއްގެ ގޮތުގައި ބޭނުން ކުރާނީ ކްރޮކްސްއެވެ.