ރީތި ރިސޯޓެއް ނުވަތަ ރީތި ތަނެއް ހުޅުވާނަމަ އެތަނަށް ދާނެ ވަރަށް ގިނަ މީހުން ވާނެއެވެ. މުޅި ދުނިޔެެއިން އެތަން ދެކިލަން އަންނާނެއެވެ. ފޮޓޯތައް ނަގާ އިންސްޓަގްރާމްކޮށް، އެހެން މީހުންނަށް އެތަނުގެ ފެންވަރު ދައްކުވައިދޭން ބޭނުންވާނެއެވެ. މިއީ ދުނިޔޭގެ އާދައެވެ.

މިހާރު ބޭރުގެ މީޑިޔާތަކުގައި އާއި ރާއްޖޭގެ ހުރިހާ މީޑިޔާއެއްގައި އެންމެ ބޮޑަށް ދެކެވެމުންދާ އެއް ވާހަކައަކީ ދުނިޔޭގެ އެންމެ ފުރަތަމަ ކަނޑުއަޑީގެ ގެ ރާއްޖޭގައި ހަދާ ވާހަކައެވެ. އެތަނަށް ދާން ކެތްމަދުވެފައި މިހާރު އެތައް ބަޔަކު އެބަތިއްބެވެ. އެ ވާހަކަ މުޅި މީސް މީޑިޔާގައި ދައްކަމުން އެބަދެއެވެ.

އަނެއްކާ މި މީހުން މިގޮތަށް ވާހަކަދައްކަމުން ދަނީ އެ ގޭގައި އެއް ރޭ ހުރެލަން ލިބޭ އަގު ނޭނގި ބާއޭ ހިތައް އަރައެވެ. އެތަނަށް ދާނެ ހިތްވަރެއް ގިނަ ބަޔަކު ނެތް ކަމުގައިވިޔަސް، ދުނިޔޭގެ އެތަން މިތަނުން މުއްސަނދިން އެތަނަށް އަންނާނެކަމުގެ ޔަގީނެވެ. މިހާރުން ފެށިގެންވެސް އެ ގޭގައި ވަގުތު ހޭދަކޮށްލަން ބޭނުންވެގެން އުޅޭ މީހުން ބަޖެޓް ހަދަން ފަށާނެއެވެ. އަދި ފައިސާ އެއް ކުރަންވެސް ފަށާނެއެވެ.

ކަނޑު އަޑީގައި ހަދާ ގޭގެ ކުރެހުމެއް

ބޭރުގެ ގިނަ ރިޕޯޓްތައް ބުނާގޮތުގައި، މޫދު އަޑީގެ ގޭގައި އެއް ރޭގެ ހުރުމުގެ އަގަކީ 50،000 ޑޮލަރެވެ. ދިވެހި ރުފިޔާއިން ބަލާނަމަ ގާތްގަނޑަކަށް ހަތްލައްކަ ހަތްދިހަ އެއް ހާސް ރުފިޔާއެވެ.

ދުނިޔޭގެ އެންމެ ފުރަތަމަ ހަދާ ކަނޑުއަޑީގެ ގެ ހަދަން މިހާރު ވަނީ ފަށާފައެވެ. އެ ގެ ހުންނާނީ ކޮންރެޑް މޯލްޑިވްސް ރަންގަލި ރިސޯޓުގެ ފަޅުތެރޭގައެވެ. "މުރަކަ" ނަމުން ނަން ދީފައިވާ އެ ގޭގެ މަސައްކަތް ނިންމުމަށްފަހު މިއަހަރުގެ ނޮވެމްބަރު މަހު ހުޅުވާނެއެވެ.

ކަނޑު އަޑީގައި ހަދާ ގޭގެ ކުރެހުމެއް

ދެ ބުރިއަށް ހަދާ އެ ގޭގެ ނިދާ ކޮޓަރި ހުންނަނީ ކަނޑު އަޑީގައި ހުންނަ ސުއިޓްގައެވެ. އެ ސުއިޓްގައި ކިންގް ސައިޒުގެ ބެޑް ރޫމަކާއި ލިވިން އޭރިއާ އާއި ފާޚާނާއެއް ހުންނާނެއެވެ. އެ ސުއިޓް ހުންނަނީ ކަނޑުގެ ލޮނުގަނޑަށް ވުރެ 16.4 ފޫޓު އަޑީގައެވެ. އަދި އެގޭގެ މަތީ ބައިގައި ހިމެނެނީ ޓްވިން ސައިޒް ބެޑް ރޫމަކާއި، ފާހާނާ އަކާއި، ޕައުޑާ ރޫމަކާއި، ޖިމަކާއި، ބަޓްލާސް ކުއާޓާއަކާއި ޕްރައިވެޓް ސެކިއުރިޓީ ކުއާޓަރަކާއި، ލިވިން ރޫމަކާއި، ބަދިގެ އަކާއި، ބާ އެއްގެ އިތުރުން ޑައިނިންއެކެވެ.

އެ ގެއަކީ ނުވަ މީހުންގެ ޖާގައިގެ ގެއެކެވެ.

ކޮންރެޑުން މީގެކުރިން ވަނީ "އިތާ"ގެ ނަމުގައި ކަނޑުއަޑީގެ ރެސްޓޯރަންޓެއް ވެސް ހުޅުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދިވެހީން

    ތި ފެންވަރުގެ ހިދުމަތަކަށް ބަލާފަ އަގުބޮޑެއްނޫން ! ތީ ހަމަ ކުޑަވަރެއްގެ ޕްރައިވެޓް ރިޒޯޓެއް...

  2. ޑަބަލްއޭ

    سبحان الله

  3. ވައްލަވައްލަ

    ރޫމްބޮއި އަކަށް މަހަކު 3000/-، ދޯ މަހުޖަނުންނޭ؟

  4. ވައްލަވައްލައި

    ނޫނޭ 3000/- އެއް ނޫން! މަހަކު 5000/- ރުފިޔާ ރޫމް ބޮއި އަކަށް ދޭނީ. ބޭރު މެނޭޖަރަކަށް މަހަކު 10000/- އެކަމަކު އެއީ ޑޮލަރުން. ހޯދަން އިއުލާނު ގޮވާއިރު ގޮވާނީ، "ޔޫރަޕުގެ ތިންބަހުން ފަރިތަކޮށް ވާހަކަ ދައްކަން އެނގޭ، މިފެންވަރުގެ ރިސޯޓެއްގައި 5 އަހަރު މެނޭޖަރު ފެންވަރުގެ ތަޖުރިބާ ހުރި މީހަކަށް ވުން". ދެން ކިހިނެއް ދިވެއްސެއް ހޯދާނީ ރާއްޖޭގައި ހުރިހާ މެނެޖްމެންޓު ޕޮޒިޝަންތަކަށް މިގޮތަށް އިއުލާނު ގޮވަންޏާ؟؟؟ އެވީ ބޭރުމީހަކު ނަގަން. މީ ދުނިޔެމަތީ ސުވަރުގޭގެ ހަގީގަތް!!!!