މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދަށް ބަލާއިރު އޮކިއުޕެންސީ ހުރީ 73 ޕަސެންޓްގައި ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

އެ އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު ކުރިއެރުމެއް ކަމަށްވާއިރު މި މަހުގެ ނިޔަލަށް އެއްކުރެވުނު ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ އޮކިއުޕެންސީ ހުރީ 73.9 ޕަސެންޓްގައެވެ. އެހެންނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި އޮކިއުޕެންސީ ހުރީ 69 ޕަސެންޓްގައެވެ. އެ އަދަދުތަކަށް ބަލާލާއިރު މިއީ 4.9 އިންސައްތައިގެ ކުރިއެރުމެކެވެ.

މި އަހަރު އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖއަށް ޒިޔާރަތްކޮށްފައިވަނީ ޔޫރަޕްގެ ގައުމުތަކުންކަމަށް ތަފާސްހިސާބުތަކުން ދައްކާއިރު ދެވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އޭޝިޔާގެ އެކި ގައުމުތަކުންނެވެ. އަދި އެޔަށްފަހު އެމެރިކާ، މެދުއިރުމަތީގެ ގައުމުތައް އަދި އެފްރިކާގެ ގައުމުތަކުންވެސް ގިނަ އަދަދަކަށް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރިކަމަށް ތަފާސްހިސާބުތަކުން ވަނީ ދައްކާފައެވެ.

މުޅިއަކު ދިވެހި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަކީ 420,103 އެވެ. މިދިޔަ އަހަރު ދިވެހި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ހުރީ 359,053 ގައެވެ.

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ 56.8 އިންސައްތައަކީ ޔޫރަޕްގެ ގައުމުތަކުން ޒިޔާރަތްކުރި ފަތުރުވެރިންނެވެ. އެއީ މުޅިއަކު 238،696 ފަތުރުވެރިންނެވެ. އޭޝިޔާގެ ގައުމުތަކުން ޒިޔާރަތްކުރި ފަތުރުވެރިންގެ ނިސްބަތަކީ 35.1 ޕަސެންޓެވެ. އެއީ މުޅިއަކު 147،466އެވެ. އެމެރިކާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 19،107ގައި އުޅޭއިރު މެދުއިރުމަތީގެ ގައުމުތަކުން ރާއްޖެއަށް 11،898 ފަތުރުވެރިޔަކު ޒިޔާރްތކުރިކަމަށް ވަނީ ދައްކުވައިދީފައެވެ. އެފްރިކާގެ ގައުމުތަކުން ދިވެހި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 2،880 ފަތުރުވެރިންނެވެ.

ޓޫރިޒަމް މިނިސްޓްރީއިން މައުލޫމާތުދޭ ގޮތުގައި މިދިޔަ މަހުގެ ނިޔަލަށް ރާއްޖޭގެ 758 ތަނަކުން ދަނީ ފަތުރުވެރިންނަށް ހިދުމަތްދެމުންނެވެ. މިފާއިތުވެދިޔަ އަހަރުގެ މި މުއްދަތުގެ ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތްދެމުންދިޔައީ 710 ތަނެއްގައެވެ. އެނދުގެ އަދަދަށް ބަލާލާއިރު އެއީ 8.2 އިންސައްތައިގެ ކުރިއެރުމެކެވެ.

ފާހަގަކޮށްލަންޖެހޭކަމަކީ މި ކުރިއެރުން ލިބިފައި މި ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، ރާއްޖެއަށް ދަތުރުކުރުމުގައި ސަމާލުވުމަށް ބޭރު ގައުމުތަކުން ޓްރެވަލް އެޑްވައިޒަރީތައްވެސް ނެރެފައި ވަނިކޮށްކަމެވެ.