ކްރޮސްރޯޑްސް މޯލްޑިވްސްގައި މޫވްއެންޕިކްގެ އައުޓްލެޓެއް ހުޅުވައިފިއެވެ.

މިރޭ ކްރޮސްރޯޑްސް މެރީނާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އައުޓްލެޓް ހުޅުއްވައި ދެއްވާފައި ވަނީ ކުރީގެ ނައިބުރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު އެވެ.

މި ރަސްމިއްޔާތަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑރ.ޖަމީލް ވިދާޅުވީ އެމަނިކުފާނަށް މޫވްއެންޕިކްގެ އައިސްކްރީމް މިހާތަނަށް ކެވިފައި ވަނީ މަދު ފަހަރެއްގައި ކަމަށާއި، އެހެން ނަމަވެސް މި އައިސްކްރީމް ފާހަގަކުރެވިފައި ވަނީ މީރު އައިސްކްރީމެއްގެ ގޮތުގައި ކަމަށެވެ. އަދި އައިސްކްރީމް ފިހާރަތައް ފަދަ ތަންތަނަށް ގެންދިއުމުގައި ހޭންޑަލް ކުރުމަށް ފަސޭހަ ގޮތަކަށް ޕެކިން ކޮށްފައި ހުންނަކަން ފާހަގަކޮށް އެމަނިކުފާނު ވަނީ އެކަމަށް ތައުރީފްކޮށްފައެވެ.

މީގެ އިތުރުން ޑރ.ޖަމީލް ވަނީ ޒުވާނުން ވިޔަފާރީގެ ދާއިރާއަށް ނިކުމެ ކުރަމުންދާ މަސައްކަތް ފާހަގަކޮށް އެފަރާތްތަކަށް ތައުރީފްކޮށް ވާހަކަ ދައްކަވާފައެވެ.

އެގޮތުން ޑރ.ޖަމީލް ވިދާޅުވެފައި ވަނީ ރާއްޖޭގައި ޒުވާން ވިޔަފާރިވެރިން ވިޔަފާރީގެ ސިނާއަތަށް ނިކުމެ ކުރަމުންދާ މިފަދަ މަސައްކައްތަކަކީ ބަލައިގަންނަން ޖެހޭ ކަމެއް ކަމަށެވެ. އަދި މިފަދަ ވިޔަފާރިތަކުގެ ސަބަބުން ރާއްޖެ ބައިނަލްއަގުވާމީ މަޝްރަހުގައި އިތުރަށް މަގުބޫލުވެގެންދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"އެގޮތުން ބަލާ ކަމުގައިވާ ނަމަ މި ރީޖަން ގައި ރާއްޖެ ހަގީގަތުގައި ވަރަށް ބޮޑު ކާމިޔާބީއެއް ހާސިލް ކުރޭ މަސައްކަތުގެ މޮޅުކަމާއި ފަންނުވެރިކަމާއި ރީތިކަމަށް ބެލިއްޔާމު. ދެން މިސާލަކަލަށް އަޅުގަނޑުމެން މެލޭޝިއާ ތަންތަނަށް ދަތުރު ކުރާއިރު އެގައުމުގެ ތަންތަން ރީތިކަމަށް މިވަނީ. އެކަމް އެމީހުން މިހާރު ރާއްޖެ އައިސް އެބަބުނޭ ރާއްޖެ ތިމަންމެންނަށް މާ ރީއްޗޭ" ޑރ. ޖަމީލް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޫވްއެންޕިކް ފައިންފުޑްސްގެ ބްރޭންޑް އެމްބަސެޑަރ އެމް.ވީ.އެމް ރާއޯ ވިދާޅުވީ ކުރިއަށް އޮތް ތަނުގައިވެސް ރާއްޖޭގެ އެހެނިހެން ހިސާބުތަކުގައިވެސް އައުޓްލެޓްތައް ހުޅުވުމުގެ ވިސްނުން އެބައޮތް ކަމަށެވެ. އަދި މާލޭގެ އިތުރު ތަނެއްގައިވެސް އައުޓްލެޓެއް ގާއިމްކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މޫވްއެންޕިކް އައިސްކްރީމް އާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރާއޯ ވިދާޅުވީ މި އައިސްކްރީމަކީ 1970ގެ އަހަރުތަކުގެ ތެރޭގައި 100 އިންސައްތަ ގުދުރަތީ ބާވަތްތައް ބޭނުންކޮށްގެން އައިސްކްރީމެއް އުފެއްދުމުގެ ބޭނުމުގައި ތައްޔާރު ކުރި އައިސްކްރީމެއް ކަމަށާއި، އޭރުން ފެށިގެން މިއަދާ ހަމަޔަށް މި އައިސްކްރީމް އުފައްދަމުން އަންނަނީ ކަމަށް ގާބިލު މޮޅު ޝެފުން ކަމަށެވެ.

އަދި ރާއްޖެ އަކީ މޫސުމީ ގޮތުން ހޫނު ތަނެއް ކަމުން މޫވްއެންޕިކް ފަދަ އަނގަޔަށް މީރު ބްރޭންޑެއްގެ އުފެއްދުންތައް ރާއްޖެއިން ބަލައިގަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. މޫވްއެންޕިކް ރާއްޖެ އެތެރެކުރަނީ ވީއެޗް ހޯލްޑިންސްއިންނެވެ.

އޭނާ ވިދާޅުވި ގޮތުގައި ދިވެހިންގެ މެދުގައި އެންމެ މަގުބޫލްކަން ލިބިފައި ވަނީ މޫވްއެންޕިކްގެ "ސްވިސް ޗޮކްލެޓް" ފްލޭވަރ އައިސްކްރީމަށެވެ. ރާއްޖޭގެ މާކެޓުގައި ވިކޭ މޫވްއެންޕިކް އައިސްކްރީމްގެ 30 އިންސައްތައަށްވުރެ ގިނައީ "ސްވިސް ޗޮކްލެޓް" ފްލޭވަރ އައިސްކްރީމް ކަމަށް އޭނާ ވިދާޅުވިއެވެ.