ދުނިޔޭގެ ހަލުވިކަމާއެކު ކޮވިޑް19 ފެތުރެމުންދާތީ، ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު ފެއާ އިންޓަރނޭޝަނަލް ޓޫރިޒަމް ބޯސޭ(އައިޓީބީ) ކެންސަލް ކޮށްފިއެވެ.

މި ފެއާގައި ބައިވެރިވުމަށް ރާއްޖެ އިން ދިޔައީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. އެގޮތުން މިއަހަރުގެ ފެއާގައި ރާއްޖޭގެ 99 ކުންފުނިން ބައިވެރިވާގޮތަށް އޮތީ ހަމަޖެހިފައެވެ.

ޖަރުމަނުގައި ބާލިން ފެއާ ކުރިއަށްދާ ގޮތަށް އޮތީ މާރިޗް މަހުގެ 4 ވަނަ ދުވަހުން ފެށިގެން 8 ވަނަ ދުވަހުގެ ނިޔަލަށެވެ.

ޖަރުމަނުގެ ބާލީގައި ކޮންމެ އަހަރަކުވެސް ބާއްވާ މި ފެއާގައި މިއަހަރު ރާއްޖެއިން 99 ކުންފުނި ބައިވެރިވުމަށް ހުރިހާ ކަމެއް ހަމަޖެއްސިއެވެ. އަދި މި ކުންފުނިތަކުން 244 ބައިވެރިން މި ފެއާއަށް ދާން ހުރިހާ ކަމެއް އޮތީ ހަމަޖެހިފައެވެ.

އައިޓީބީ ބާލިން އިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، މިއަަހަރު ބާއްވަން ތާވަލު ކުރި އައިޓީބީ ބާލިން ފެއާ ކެންސަލްކޮށްފައިވާ ކަމަށާއި، އަންނަ އަހަރު އެ ފެއާ އޮންނާނެ ކަމަށެވެ. އަދި އަންނަ އަހަރު އޮންނަ އެ ފެއާއަށް މަރުހަބާ ކިޔާ ކަމަށް އެ ޓްވީޓުގައި ބުނެފައި ވެއެވެ. އަންނަ އަހަރު ފެއާ އޮންނާނީ މާރިޗް މަހުގެ 10 އިން 14 އަށެވެެ.

އައިޓީބީން ބުނީ، ކޮވިޑް 19 އާއި ގުޅިގެން ޖަރުމަނުގެ ފެޑަރަލް މިނިސްޓްރީ އޮފް ހެލްތް އާއި ފެޑެރަލް މިނިސްޓްރީ އޮފް އިކޮނޮމިކް އިން އެ ފެއާ ކެންސަލް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

މިއީ އެ ފެއާ ބާއްވާތާ މިވީ 54 އަހަރުގެ ތެރޭގައި ފެއާ ކެންސަލް ކުރަން ޖެހުނު ފުރަތަމަ ފަހަރެވެ.

އަދި މި ނިންމުން ނިންމަން ޖެހުނީ ފެއާއަށް ޒިޔާރަތް ފަރާތްތަކަށާއި،މުވައްޒަފުންނާއި، ބައިވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށް އައިޓީބީން ބުނެފައި ވެއެވެ.

މި ފެއާތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން ވަރަށް ބޮޑަށް މާކެޓްވެ ކުރި އަރައެވެ. މި އަހަރުގެ ފެއާ ކެންސަލް ކުރުމުން ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ގެއްލުމެއް ވާނެ ކަމަށް ބެލެވެއެވެ.