ސަބާ މޯލްޑިވްސް ކޯޕަރޭޓިވް ސޮސައިޓީއަށް ދިވެހި ކާބޯތަކެތީގެ އުފެއްދުންތައް ފޯރުކޮށްދޭނެ ފަރާތްތައް ހޯދަން އެސޮސައިޓީއިން އިއުލާނު ކޮށްފިއެވެ.

ސަބާ މޯލްޑިވްސް ކޯޕަރޭޓް ސޮސައިޓީއަކީ ގޭގައި ތިބެ މަސައްކަތް ކުރާ ދެ ޖިންސުގެ ފަރާތްތަކުންވެސް އުފައްދާ ކާބޯތަކެއްޗަށް މާކެޓް ހޯދަދީ، ޕްރޮމޯޓްކޮށްދޭ ބައެކެވެ.

މިއީ ސާކްގެ ޕްރޮޖެކްޓެކެވެ. ސަބާ ބްރޭންޑް ސާކްގެ ހުރިހާ ގައުމެއްގައިވެސް ހަރަކާތްތެރިވަމުންދާނެއެވެ. މި ޕްރޮޖެކްޓް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގާއިރު، ރާއްޖެއިން މި ޕްރޮޖެކްޓް ހިންގަނީ އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެންނެވެ.

އެ ސޮސައިޓީގެ މާކެޓިންގ އެންޑް ބިޒްނަސް ޑެވެލޮޕްމެންޓް އޮފިސަރ ފާތިމަތު ނަބީލާ "ވަގުތު"އަށް ވިދާޅުވީ، މި ޕްރޮޖެކްޓަކީ ގޭގައި މަސައްކަތް ކުރާ އަންހެން ބޭފުޅުންނާއި ފިރިހެން ބޭފުޅުން ތައްޔާރުކުރާ ކާބޯތަކެތި މާކެޓް ކޮށްދިނުމުގެ ގޮތުން ހިންގާ ޕްރޮޖެކްޓެއް ކަމަށެވެ.

"ގޭގައި މަސައްކަތް ކުރާ ބޭފުޅުންނަށް ހާއްސަ، ދިގު މުއްދަތަކަށް އެ ތަކެތި ފޯރުކޮށްދޭނެ މީހުން މި ހޯދަނީ، މި ހުންނަނީނު ފިހާރަތަކުގައި ޕެކްކޮށްފައި ހުންނަ އެއްޗެހި، ކުދިބަޖިޔަ، ކުދިގުޅަ ކަހަލަ އެއްޗެހި". ނަބީލާ ވިދާޅުވިއެވެ.

އެގޮތުން މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 05 މާރިޗު 2020ވާ ބުރާސްފަތިދުވަހުގެ 14:00 ގެ ކުރިން އެސޮސައިޓީއިން ކުރި އިޢުލާނާއި އެކުގައިވާ އެޕްލިކޭޝަން ފޯމް ފުރުމަށްފަހު ހުށަޙެޅުމަށް ވަނީ އެދިފައެވެ.

އެ ފޯމް ހުށަހަޅަން ޖެހެނީ، އެ އޮފީސް ހުންނާނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމެންޓް، ބޮޑުތަކުރުފާނުމަގު (ތިން ވަނަ ފަންގިފލާ) ނުވަތަ އަތޮޅުތެރެއިން ނަމަ އެރަށެއްގެ ކައުންސިލަށެވެ. ނޫނީ އެ ސޮސައިޓީގެ އީމެއިލް ([email protected]) މެދުވެރިކޮށް ފޯމް ހުށަހެޅޭނެއެވެ.

އެ ސޮސައިޓީން ވަނީ އިތުރު މަޢުލޫމާތު ހޯދުމަށް 7220077، 3003018 ނަންބަރަށް ގުޅުމަށް އެދިފައެވެ.