ދުނިޔޭގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާތީ، ފަތުރުވެރިކަމާ ގުޅޭ އިތުރު ފެއާތައް ކެންސަލްވުން ވަރަށް ގާތް ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕްބްލިކް ރިލޭޝަންސް ކޯޕަރޭޝަންސް (އެމްއެމްޕީއާރުސީ) އިން މިއަދު ބުނެފިއެވެ.

އެމްއެމްޕީއާރުސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެތަނުގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ ކޮވިޑް-19 ހަލުވިކަމާ އެކު ފެތުރެމުންދާތީ ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު ފެއާ އިންޓަނޭޝަނަލް ޓޫރިޒަމް ބޯސޭ (އައިޓީބީ) ކެންސަލް ކުރުމާ ގުޅިގެން ރާއްޖެ އަށް އެކަމުގެ އަސަރުކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެ ފެއާގައި ބައިވެރިނުވެވުމުގެ ނޭދެވޭ އަސަރު މިހާރު ވެސް ކުރަމުންދާ ކަމަށެވެ.

މީގެއިތުރުން ބައެއް ސިނާއަތްތަކާއި އެއާލައިންތަކުން ރާއްޖެ އަށް ކުރާ ދަތުރުތައް ކޮވިޑް-19 އާ ގުޅިގެން މެދުކަނޑާލުމުގެ އަސަރު ވެސް ކުރަމުންދާ ކަމަށް ކަމަށް ތޮއްޔިބް ވިދާޅުވިއެވެ.

ދުނިޔޭގައި ބާއްވާ ފަތުރުވެރިކަމުގެ ބޮޑެތި ފެއާތައް މިހާތަނަށް ވެސް ކެންސަލް ވެފައިވާ ކަމަށާއި ކުރިއަށް އޮތް ތަނުގައި އެމްއެމްޕީއާރްސީ އިން ބައިވެރިވާން ހަމަޖެހިފައިވާ އިތުރު ފެއާތައް ކެންސަލްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ތޮއްޔިބް ވިދާޅުވިއެވެ.

"ތިން ފެއާއެއް ކެންސަލްވެ، ހަތަރު ރޯޑް ޝޯ ކެންސަލްވެއްޖެ. ކުރިއަށް އޮތް ތަނުގައި ވެސް ފެއާތައް ކެންސަލްވުން ވަރަށް ގާތް. ގިނަ ފަހަރަށް ދެ ދުވަސް ނޫނީ ތިން ދުވަހަށް ވެފައި އޮއްވާ މި ކެންސަލް ވަނީ. އެހެންވީމަ އޭރުން ވާ ގެއްލުން ވަރަށް ބޮޑު. އަޅުގަނޑުމެން ވެސް އެބަޖެހޭ ދުރާލާ އެއަށް ގޮތެއް ނިންމަން،" ތޮއްޔިބް ވިދާޅުވިއެވެ.

ތޮއްޔިބް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ވެސް ބޮޑެތި ފެއާތައް ކެންސަލް ވާނެ ކަމަށް ބެލެވޭތީ، ކެންސަލް ވެދާނެ ކަމަށް ބެލެވޭ ފެއާތަކުގައި ބައިވެރިވުމާއި މެދު ގޮތެއް ނިންމަވާނެ ކަމަށައި ގޮތެއް ނުނިންމާ ވަނިކޮށް ފެއާ އެއް ކެންސަލްވުމުން ރީފަންޑް ނުލިބި ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ.

ރާއްޖެއިން ބޭރަށް ކުރާ ދަތުރުތައް މަޑު ޖައްސާލި ނަމަވެސް އެމްއެމްޕީއާރުސީގެ މަސައްކަތްތައް މަޑު ޖައްސާ ނުލާކަން އޭނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންނަށް އެންމެ މުހިއްމީ ސްޓާފުންގެ ސަލާމަތާއި ރައްކާތެރިކަން. ދަތުރުތައް މަޑު ޖައްސާލި ނަމަވެސް މަސައްކަތްތައް ހުއްޓައެއް ނުލަން. އެކަން ހަމަ އަޅުގަނޑު ތަކުރާރުކޮށްލާނަން. ދެން ރާއްޖެއަށް އޮތް އެޑްވާންޓޭޖެއް ރާއްޖެއިން ކޮރޯނާ ވައިރަސް ފެނިފައި ނެތުމަކީ. އެއީ ރާއްޖެ ސޭފްވާ ކަމެއް." ތޮއްޔިބް ވިދާޅުވިއެވެ.

ނުރައްކާތެރި ވައިރަހާ ގުޅިގެން އައިޓީބީ ބާލިން ފެއާ އާއި އައިޓީބީ އިންޑިއާ ފެއާވެސް ވަނީ ކެންސަލްކޮށްފައެވެ. އައިޓީބީ ފެއާގައި ބައިވެރިވުމަށް ރާއްޖެ އިން ދިޔައީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. އެގޮތުން މިއަހަރުގެ ފެއާގައި ރާއްޖޭގެ 99 ކުންފުނިން ބައިވެރިވާ ގޮތަށް އޮތީ ހަމަޖެހިފައެވެ.

ޖަރުމަނުގައި ބާލިން ފެއާ ކުރިއަށްދާ ގޮތަށް އޮތީ މާރިޗް މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން އަށް ވަނަ ދުވަހުގެ ނިޔަލަށެވެ.

ޖަރުމަނުގެ ބާލީގައި ކޮންމެ އަހަރަކުވެސް ބާއްވާ މި ފެއާގައި މިއަހަރު ރާއްޖެއިން 99 ކުންފުނި ބައިވެރިވުމަށް ހުރިހާ ކަމެއް ހަމަޖެއްސިއެވެ. އަދި މި ކުންފުނިތަކުން 244 ބައިވެރިން މި ފެއާއަށް ދާން ހުރިހާ ކަމެއް އޮތީ ހަމަޖެހިފައެވެ.