ސައުދީ އަރަބިއްޔާއިން ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު 10 ޕަސަންޓު މައްޗަށް އަރާފައިވާ ކަމަށް އެމްއެމްޕީއާރުސީން މިއަދު ބުނެފިއެވެ.

އެމްއެމްޕީއާރުސީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ތަނުގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބް މުހައްމަދު ވިދާޅުވީ ސައުދީން މިދިޔަ އަހަރު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 28،452 އަށް އަރާފައިވާ ކަމަށެވެ. ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތް ކުރި 10 ގައުމުގެ ތެރޭގައި ސައުދީ ހިމެނިފައިވާ ކަމަށް ވެސް ތޮއްޔިބް ވިދާޅުވިއެވެ. ސައުދީ އުޅެނީ އެ ލިސްޓްގެ ނުވަ ވަނައިގައެވެ.

މިއީ ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމުތަކުގެ ތެރޭގައި ސައުދީ ހިމެނުނު ފުރަތަމަ ފަހަރެވެ.

"ސައުދީން ފަތުރުވެރިން އިތުރުކުރަން ވަރަށް މަސައްކަތް ކުރެވުނު. ވަރަށް އަގު ބޮޑު މަސައްކަތްތަކެއް ވެސް ކުރެވުނު. އޭގެ ތެރޭގައި ވޯގް އަރަބިއާ އާއި އަލް މުސާފިރްއާ އެއްކޮށް ކުރި މަސައްކަތް ވެސް ހިމެނޭ،" އޭނާ ވިދާޅުވިއެވެ.

ރާއްޖެއަށް ފަތުރުވެރިން އައުން އިތުރުކުރުމަށް ރާއްޖެ އިޝްތިހާރު ކުރުމަށްޓަކައި، ބީބީސީ ޓްރެވެލް ޝޯގައި ރާއްޖެ އިޝްތިހާރު ކުރުމުގެ އިތުރުން ސީއެންއެން އާއެކު ވެސް މަސައްކަތްތަކެއް ކުރިއަށްދާ ކަމަށް ތޮއްޔިބް ފާހަގަކުރެއްވިއެވެ.

އެ މަސައްކަތްތައް ކުރަނީ ވިޔަފާރި ކޮމިއުނިޓީއަށް ޚާއްސަކޮށްގެން ކަމަށާއި މަގްބޫލް ނޫސްވެރިން ރާއްޖެ ގެނެސް އެ ފަރާތްތަކުގެ ލިޔުންތަކުގެ އެހީގައި ވެސް ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި މިވަގުތު އެންމެ ބޮޑަށް ރާއްޖެއަށް ފަތުރުވެރިން ގެންނަން މަސައްކަތް ކުރަނީ ރަޝިއާ އިން ކަމަށާއި ރާއްޖެއަށް އެންމެ ރައްކާތެރި މާކެޓަކީ އިންޑިއާ އާއި ރަޝިޔާ ކަމަށް ތޮއްޔިބް ވިދާޅުވިއެވެ.

އޭނާ ވަނީ އެމްއެމްޕީއާރްސީގެ މެމްބަރުންނަށް ވުމަށް ދައްކަން ޖެހޭ ފީ ކުޑަކުރުމާއެކު، މެމްބަރުން އިތުރުވެފައިވާ ކަން ފާހަގަކުރައްވައިފައެވެ.

އެގޮތުން މީގެ ކުރިން 30،000 ޑޮލަރު ދެއްކި ރިސޯޓްތަކުން މިހާރު އެމްއެމްޕީއާރްސީ އަށް ދައްކަނީ 795 ޑޮލަރު ކަމަށް އޭނާ ވިދާޅުވިއެވެ.

އެއާއެކު އެމްއެމްޕީއާރްސީގެ ބައެއް ޚަރަދުތައް ކުޑަކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަހްމޫދު

    ވަރަށް ރަގަޅު. ގެނެއްސަ ބަހައްޓާ. ފައިސާ ފައިސާ. ދިވެހި ރައްޔިތުން މަރާލާފަވެސް

  2. ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު

    އާދޭ އާދޭ ޔޮޓުގާ އާދޭ.. އުދުހިފަ އާދޭ.. ބަލާ ޖައްސަން އާދޭ..