ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު މިއަދު 27.34 އެމެރިކާ ޑޮލަރަށް ވެއްޓިއްޖެއެވެ. އިއްޔެ ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ހުރީ 41 އެމެރިކާ ޑޮލަރުގައެވެ.

މިއީ 1991 ވަނަ އަހަރު ކުރި ގަލްފް ހަނގުރާމައަށް ފަހު ތެލުގެ އަގު އިންސައްތައިން ބަލާނަމަ ކުއްލިއަކަށް އެންމެ ބޮޑަށް ވެއްޓުނު ފަހަރެވެ.

ތެލުގެ އަގު އާދަޔާއި ހިލާފަށް ދަށަށް ގޮސްފައި ވަނީ ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 35 އެމެރިކާ ޑޮލަރުގައި ބަހައްޓަން ސައުދީ އަރަބިއްޔާ އިން ކުރި މަސައްކަތައް ރަޝިއާ އިން އެއްބަސްނުވުމުންނެވެ. ރަޝިއާ އާއި ސީރިއާ ގުޅިގެން ތެޔޮ މާކެޓަށް ނެރުން މަދު ނުކުރަން ނިންމުމުން ސައުދީ އަރަބިއްޔާ އިން ވަނީ ތެލުގެ އަގު ވައްޓާލާފައެވެ.

ތެލުގެ އަގާއި މެދު ރަޝިއާ އާއި ސައުދީ އަރަބިއްޔާ އިން "ކޯޅުމެއް" ފެށިފައި ވާއިރު ކޮވިޑް-19 ގެ ސަބަބުން ތެލަށް އޮންނަ ޑިމާންޑް ދަށްވުމުގެ ސަބަބުން ވެސް ތެލުގެ އަގު ވަނީ ދަށްވާން ފަށާފައެވެ.

ސައުދީ އަރަބިއްޔާ އާއި އޯޕެކުން ބޭނުންވާ މިންވަރަށް ތެޔޮ އުފެއްދުން މަދު ކުރަން ރަޝިއާ އިން އެއްބަސް ނުވާނަމަ އަދިވެސް ތެލުގެ އަގު ދަށަށް ދިއުމުގެ ފުރުސަތު އެބައޮތެވެ. ބައެއް ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި އޭޕްރީލް މަހާއި ހަމައަށް ދާއިރު 06 އެމެރިކާ ޑޮލަރާއި 08 އެމެރިކާ ޑޮލަރާއި ދެމެދުގެ އަގަކަށް ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ވެއްޓުމުގެ ފުރުސަތު އެބައޮތެވެ.

ތެލުގެ އަގު މިހައި ބޮޑަށް ދަށަށް ދިއުމަކީ ހުޅަނގުގެ ތެޔޮ ކުންފުނިތަކަށް ބޮޑެތި މައްސަލަތަކެއް ދިމާވާނެ ކަމެކެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ތެލުގެ އަގު މިހައި ބޮޑަށް ދަށަށް ގޮސް ދުވަސްތަކެއް ވާނަމަ ހުޅަނގުގެ ބައެއް ތެޔޮ ކުންފުނިތައް ބަނގުރޫޓް ވުމުގެ ފުރުސަތު ވެސް އެބައޮތެވެ.

ތެލުގެ އަގު ދަށަށް ދިއުމުން އެހެން ގައުމުތަކާއި ބަލާއިރު ސައުދީ އަރަބިއްޔާ އަށް ލިބޭ ގެއްލުން ކުޑަވި ނަމަވެސް އެގައުމަށް ވެސް އިޤުތިޞާދީ މައްސަލަތަކާކާއި ކުރިމަތިވުމުގެ ފުރުސަތު ބޮޑެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަނހަނދޭ

    ތެޔޮނެގުންވެސް ވަޤުތީގޮތުންނަމަވެސް ހުއްޓުމަކައް އަންނާނެ މިހާބޮޑައް ތެލުގެ އަގު ދަށައްދާނަމަ އެހެންކަމައްވާނަމަ ދުނިޔޭގެ ބާޒާރުގަ މިހާރު ބޭނުންކުރާތެލުގެއަގު މައްޗައްދިއުމަކީ ވަރައްގާތްކަމެއް

    1
    1
  2. އަޙްމަދު

    27 ޑޮލަރަށް ތެޔޮ ހުރި އިރު ގަނެފަ ސްޓޯރ ކޮށްފަ ދެން ކަރަންޓްފީ ކުޑަކޮށްބަލަ. މިވެސް ޖެހެނީ ބުނެދޭންތޯ؟