ފާއިތުވި މާރިޗު މަހު ރާއްޖެއަށް އިމްޕޯޓު ކުރެވުނު މުދަލުގެ ސީއައިއެފް އަގު މިދިޔަ އަހަރުގެ މާރިޗު މަހާ އަޅާބަލާއިރު 48 އިންސައްތަ އިތުރުވެއްޖެއެވެ.

ކަސްޓަމްސް އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ މާރިޗު މަހު ދިވެހިރާއްޖެއަށް 3.03 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު މިއަހަރުގެ މާރިޗު މަހު މިޢަދަދުވަނީ 4.49 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

އިމްޕޯޓްކުރި މުދަލުގެ އަގުގެގޮތުން 28 އިންސައްތަ ޗައިނާއިން އިމްޕޯޓްކޮށްފައިވާއިރު، ޔޫ.އޭ.އީ އިން 15 އިންސައްތަ އަދި އިންޑިޔާ އިން 11 އިންސަައްތަ މުދާ ވަނީ އެތެރެކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީ ގެ ގޮތުގައި ކަސްޓަމްސަށް ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ މާރިޗު މަހާއި އަޅާބަލާއިރު ހުސްވި މާރިޗު މަހު 60 ޕަސެންޓް އިތުރުވެފައެވެ. މިއަހަރުގެ މާރިޗު މަހު އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދަޢުލަތަށް 277.7 މިލިއަން ރުފިޔާ ލިބިފައިވާއިރު މިދިޔަ އަހަރުގެ މާރިޗު މަަހު ލިބިފައިވަނީ 173.4 މިލިއަން ރުފިޔާއެވެ.

މީގެއިތުރުން ފާއިތުވި މާރިޗު މަހު ދިވެހިރާއްޖެއިން މަހުގެ ބާވަތްތައް އެކްސްޕޯޓު ކުރެވުނު މިންވަރު ވެސް މިދިޔަ އަހަރުގެ މާރިޗު މަހާ އަޅާބަލާއިރު 49 އިންސައްތަ ވަނީ އިތުރުވެފައިވެއެވެ.

މިދިޔަ އަހަރުގެ މާރިޗު މަހު 165.6 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން އެކްސްޕޯޓްކޮށްފައިވާއިރު، މި އަހަރުގެ މާރިޗު މަހު އެކްސްޕޯޓްކުރި މުދަލުގެ މިންވަރުވަނީ 246.1 މިލިއަން ރުފިޔާ އަށް އިތުރުވެފައެވެ.

ދިވެހިރާއްޖެއިން މައިގަނޑުގޮތެއްގައި އެކްސްޕޯޓްކުރަނީ މަހުގެ ބާވަތްތައްކަމަށްވާއިރު މިދިޔަ ޖެނުއަރީ މަހު އެކްސްޕޯޓްކުރި މުދަލުގެ 35 އިންސައްތަ ތައިލެންޑަށް އެކްސްޕޯޓްކޮށްފައިވާއިރު، 15 އިންސައްތަ އެކްސްޕޯޓްކޮށްފައިވަނީ ޖަރުމަންވިލާތަށެވެ.

އިނގިރޭސިވިލާތަށް 10 އިންސައްތަ އެކްސްޕޯޓްކޮށްފައިވާއިރު، އެމެރިކާއަށް 9 އިންސައްތަ އަދި ފަރަންސޭސިވިލާތަށް 7 އިންސައްތަ އެކްސްޕޯޓްކޮށްފައިވެއެވެ.