ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެެއް އެއާލައިންކަމަށްވާ ގަތަރް އެއާވޭސް އިން ދިވެހި ކެބިން ކްރޫއިން ހޯދަން އިއުލާނުކޮށްފިއެވެ.

އެ ކުންފުނިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ، ދުނިޔޭގެ އެތަށް ގައުމަކަށް ދަތުރު ކުރަމުންދާ އެ އެއާލައިންއަށް ދިވެހި ކެބިން ކްރޫއިން ބޭނުންވާ ކަމަށާއި، އެކަމަށް ހާއްސަ އޮޕެންޑޭއެއް އަންނަ މަހުގެ ތެރޭގައި ބާއްވާނެ ކަމަށެވެ.

އެ އިއުލާނުގައި ބުނެފައިވާގޮތުގައި، އެ އެއާލައިންގެ ކެބިން ކްރޫއަކަށް ވެވޭނީ އުމުރުން 21 އަހަރު ފުރިފައިވާ މީހުންނަށެވެ. އަދި އިތުރު ޝަރުތަކުގެ ތެރޭގައި، އޯލެވެލް ނިންމާފައިވުމާއި، އިނގިރޭސިން ވާހަކަ ދެއްކުމަށާއި، ލިޔުމަށް ފަރިތަވާން ޖެހޭނެކަމަށް ވަނީ ބަޔާންކޮށްފައެެވެ.

މީގެ އިތުރުން، އެ މީހަކުވާން ޖެހޭޭނީ ސިއްހަތު ރަނގަޅު މީހެއްކަމަށްވެސް ބަޔާންކޮށްފައިވާއިރު، ވަޒީފާ ލިބިއްޖެނަމަ ދޯހާއަށް ބަދަލު ވެވެން ޖެހޭނެ މީހަކަށްވެސް ވާންވާނެކަމަށް ވަނީ ބުނެފައެވެ. އަދި ޓީމެއްގައި މަސައްކަތް ކުރެވޭނެ ގާބިލުކަން ހުރުމާއި، މީހުންނާއި ގުޅޭ ރަހުމަތްތެރި މީހަކަށްވެސް ވާން ވާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.

ގަތަރް އެއާވޭސްއަށް ދިވެހި ކެބިން ކްރޫއިން ހޯދަން ބާއްވާ އޮޕެން ޑޭ އޮންނާނީ އަންނަ މަހުގެ ތިން ވަނަ ދުވަހު 9:00 ޖަހާއިރުން ފެށިގެން ހުޅުލެ އައިލެންޑް ހޮޓެލްގައެވެ.

ގަތަރް އެއާވޭސް އިން ބުނީ، އެ މީހަކު އަންނަން ވާނީ "ފޯމަލް އެޓެޔާ"ގައި ކަމަށާއި، އަންނައިރު، ޕާސްޕޯޓް ފޮޓޯއަކާއި، ކުރިން ބުނެފައިވާ ގޮތަށް ހެދުން އަޅައިގެން ނަގާފައިވާ ޕާސްޕޯޓް ފޮޓޯ (އައިނު ނާޅާ) ގެނައުމަށެވެ. އަދި ފުލް ލެންތް ފޮޓޯއެއްގެ އިތުރުން ތައުލީމް ސެޓްފިކެޓްތަކުގެ ކޮޕީ ގެނައުމަށްވެސް ވަނީ ބުނެފައެވެ. އަދި އަންނައިރު ސީވީ އާއި ޕާސްޕޯޓް ކޮޕީއެއް ގެނައުމަށްވެސް ވަނީ ބުނެފައެވެ

އެ އޮޕެން ޑޭގައި އެ އެއާވޭސްގެ ކެބިން ކްރޫއިންނަށްވާން ބޭނުންވާ ކުދިންނަށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ކިޔު5

    ގަތަރުން ދިވެހިންނަށް ތަނަވަސްކޮށްދޭ ވަޒީފާގެ މިފަދަ ފުރުސަތުތަކަށްޓަކައި އަހަރެމެން ޝުކުރުވެރިވަން. އަދި ދިވެހި ސަރުކާރުން މިފަދަ މަގުތައް ފަހިވާގޮތަށް ކަންކަން ހަމަޖައްސާދެއްވާތީ ޝުކިރިއްޔާ. ގަތަރަށް އަހަރެމެންގެ ލޯތްބާއި އިހުތިރާމް އޮންނާނެ.

  2. ދިގު

    212 ސެންޓިމީޓަރަކީ 6 ފޫޓު 9 އިންޗި. ތިއަށް ޝަރުތު ހަމަވާ މީހަކު ނެތް ރާއްޖެ އަކު.

    • ޖެކްމާ

      މިދުނިޔޭގަވެސް ނިސްބަތުން މަދުވާނެ އެ އިސްކޮޅު ހުންނަ މީހުން. އަޅުގަނޑަށް ހީވަނީ
      ގަތަރު އެއަރވޭސް، ނެދަލެންޑުގަ ހުޅުވާލަން އުޅުނު ފުރުސަތެއް ދިވެހިރާއްޖެ ހުޅުވާލީހެން. މިތަނަށް ލައްކަ ނަންތައް ސިޔާސީ މިހުން ކިޔާވިއްޔަ. ސިންގަޕޫރު، ޓޯކިޔޯ، ސްވިޒަލެންޑް ދެންމިހެންގޮސް ކިޔާނެ ހުރިހާ ނަމެއް

      • ނުރަބޯ

        ކަލޭ ޖޭވީދޯ ހަހަހަހަ.....!!! ރީނދޫ ގުނބޯލެއްތާދޯ އެހެންވާނެ....!!!

    • Anonymous

      އެއީ ފައިގެ އިނގިލި ކުރި ޖައްސައިިގެން ހުންނަ އިރު 212 ސެންޓިމީޓަރަށް ފޯރަން ޖެހެނީ.

  3. ބަބްލް

    212 ސެންޓިމީޓަރ އޭ!!! ހުޅުލޭ ބޮޑު މީހާގެ ދަރިއަކަށް މިކަން ވާނީ

    • ބުލޫ

      ހައްހައްހާ.....

  4. ިއައިޝާ

    އަތް ހިއްލީމަ 212 ސެންޓިމީޓަރ އަށް އަތް ފޯރެންޖެހޭ ކަމަށް ޝަރުތުގައި އޮންނަނީ. މީހާ ގެ އިސްކޮޅުގައި ހުންނަން ޖެހެނީ މަދުވެގެން 160 ސެންޓިމީޓަރ

  5. ސާ

    ގަތަރް އެއާވޭޒްގަ ވަކި އިސްކޮޅެއް ނީނދެ ޝަރުތުތަކުގަ. 212 ސެންޓިމީޓަރަށް އިނގިލިކޮޅަށް ޖައްސައިގެން ހުންނައިރު އަތް ފޯރަން ޖެހެނީ. އާންމުކޮށް ނޯމަލް ދިގުމިނެއްގެ ކުދިން އުސްފައިވާނަކައް އެރީމަ ވާނެ.