ކޮވިޑް-19 އާއި ގުޅިގެން އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅުއްވާ ފިޔަވަޅެއްގެ ގޮތުން މާދަމާ އިން މިމަހު 26 ގެ ނިޔަލަށް ސަރުކާރު ބަންދު ދުވަސްތަކެއް ގޮތުގައި ހަމަޖެއްސުމާއި ގުޅިގެން މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ވެސް ބަންދުކުރަން ނިންމައިފިއެވެ.

މިރާ އިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އެ އޮތޯރިޓީއަށް ދައްކަންޖެހޭ ޓެކުހާއި ގިނަ ފީތަށް އެ އޮތޮރިޓީގެ އޮންލައިން ހިދުމަތް "މީރާކަނެކްޓް" އަދި "ވާރު ޕޭ" މެދުވެރިކޮށް ދެއްކޭނެ ކަމަށެވެ. އޭގެ އިތުރުން މީރާއިން ހިދުމަތް ހޯދުމަށް ހުށަހަޅާ އެންމެހައި ފޯމުތައް އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެ އެވެ.

މި މުއްދަތުގައި މީރާއަށް ގުޅުއްވުމަށް ބޭނުންވާ ފަރާތަތަކަށް އެ އިންތިޒާމު ވަނީ އެ އޮތޯރިޓީ އިން ހަމަޖައްސާފައެވެ. އެގޮތުން 9821415 ވައިބާ މެދުވެރިކޯށް މެސެޖް ކުރުމުން ބޭނުންވާ މައުލޫމާތު ފޮރުކޮށްދޭނެއެވެ.

ކޮވިޑް-19 އާއި ގުޅިގެން މި ދަނޑިވަޅުގައި އެ އޮތޯރިޓީއިން ވަނީ މީރާއަށް އަންނަންޖެހޭ ޖެހުން މަދުކުރުމުގެ ގޮތުން މި ހާލަތު ނިމެންދެން އެއްގަމު އުޅަނދުގެ އަހަރީ ފީ އޮންލައިންކޮށް ދެއްކުމަށްފަހު ސްޓިކަރ ނަގަން ނުޖެހޭގޮތަށް ލުއި ތަކެއް ދީފައެވެ. މިގޮތަށް ނިންމާފައިވަނީ މިނިސްޓްްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ މަޝްވަރާގެ މަތިން ކަމަށް އެ އޮތޯރިޓީއިން ނެރުނު އިއުލާނުގައި ވަނީ ބުނެފައެވެ.

ރާއްޖެއިން ކޮވިޑް-19 ފައްސި (ޕޮޒިޓިވް) ވެފައިވަނީ 13 މީހެކެވެ. އޭގެތެރޭގައި ހިމެނެނީ ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންތަކަކާއި ޗުއްޓީ ހޭދަކުރުަމަށް އައި ފަތުރުވެރިންތަކެކެވެ. މިހާތަނަށް ދިވެއްސަކަށް މި ބަލި ޖެހިފައެއް ނުވެއެވެ. ނަމަވެސް މި ބަލީގެ އަލާމަތްތަށް ހުރި 80 އަށް ފަރާތެއް އެކަހެރިކޮށްފައި އެބަތިއްބެވެ.