ކޮވިޑް-19 ގެ ސަބަބުން ދުނިޔެއަށް ކުރިމަތިވެފައިވާ އިޤުތިޞާދީ މައްސަލަތަކުގެ ސަބަބުންނާއި ތެލުގެ އަގު ހިފެހެއްޓުމުށް ސައުދީ އަރަބިއްޔާ އާއި ރަޝިއާގެ ދެމެދުގައި އުފެއްދިގެން އުޅޭ ކޯޅުމުގެ ސަބަބުން ބުދަ ދުވަހު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަނެއްކާވެސް ވަރަށް ބޮޑަށް ދަށަށް ހިނގައްޖެއެވެ.

ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ވެސްޓް ޓެކްސަސްގައި ވަނީ 20.06 އެމެރިކާ ޑޮލަރަށް ވެއްޓިފައެވެ. ސާފުނުކުރާ ތެލުގެ އަގު ދެން ކަނޑައަޅާ ބްރެންޓް ކްރުޑްގައި ވަނީ ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 24.52 އެމެރިކާ ޑޮލަރަށް ވެއްޓިފައެވެ.

މިހާރު ތެލުގެ އަގު ވެއްޓިފައި މިވަނީ ފާއިތުވި 18 އަހަރު ދުވަސް ތެރޭގައި ވެސް ތެލުގެ އަގު ނުވެއްޓޭ މިންވަރަކަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ތެލުގެ އަގު ވެއްޓެން މެދުވެރިވެފައިވާ އެއް ސަބަބަކީ ދުނިޔޭގެ ދަތުރުފަތުރަށް އޮންނަ ޑިމާންޑް ވަރަށް ބޮޑަށް ދަށްވެފައި ވުމެވެ. އެތައް ހާސް ފްލައިޓަކާއި، އެތައް ހާސް ކަނޑު އުޅަނދެއްގެ ދަތުރުތައް މިހާރު ވަނީ ކެންސަލް ވެފައެވެ. އަދި އެތައް ގައުމަކުން ފެކްޓްރީތައް ބަންދު ކޮށްފައި ވާތީ އެކަމުގެ ސަބަބުން ވެސް ތެލުގެ އަގަށް އޮންނަ ޑިމާންޑް ވަނީ ދަށަށް ގޮސްފައެވެ.

ތެލަށް އޮންނަ ޑިމާންޑް ދަށަށް ދާން ފެށުމުން ތެޔޮ އުފައްދާ މިންވަރު މަދުކުރަން ސައުދީ އަރަބިއްޔާ އާއި ރަޝިއާ އިން ވަނީ މަޝްވަރާ ކޮށްފައެވެ. ނަމަވެސް ރަޝިއާ އިން އިން ވަނީ ތެޔޮ އުފައްދާ މިންވަރު ދަށް ކުރުމަށް ދެކޮޅު ހަދާފައެވެ. ސައުދީ އަރަބިއްޔާގެ ހުށަހެޅުމަށް ރަޝިއާ އިން ދެކޮޅު ހެދުމުން ސައުދީ އަރަބިއްޔާ އިން ވަނީ މީގެ ކުރިން ދުވާލަކު ސައުދީ އަރަބިއްޔާ އިން އުފައްދަމުން އައި 9.7 މިލިއަން ފީފާގެ ތެލުގެ ބަދަލުގައި ދުވާލަކު 12.3 މިލިއަން ފީފާގެ ތެޔޮ އުފައްދަން ފަށާފައެވެ.

ތެލުގެ އަގު ދަށަށް ދިއުމަކީ ސައުދީ އަރަބިއްޔާ އާއި ރަޝިއާގެ އިޤުތިޞާދަށް ވެސް ގެއްލުން ލިބޭނެ ކަމެކެވެ. ނަމަވެސް ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް ލަފާކުރެވެނީ ރަޝިއާ އަށެވެ.