ކަރަންޓްގެ ޔަޤީންކަން އިތުރުކުރުމަށް ހިންގާ މަޝްރޫއުގެ ތެރެއިން ވަރަށް ބައިވަރު މަސައްކަތް ތަކެއް ކުރަމުން އަންނަ ކަމަށް ފެނަކަ ކޯޕަރޭޝަންއިން ބުނެފިއެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން ފެނަކަ ކޯޕަރޭޝަން ހިންގުމާއި ހަވާލުވެ ހުންނެވި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލައްމާނު ވިދާޅުވީ ކަރަންޓްގެ މައްސަލަ ހައްލުކުރުމަށްޓަކައި ބޭނުންވަނީ ސްފެއާ ޕާޓްސްއާއި ޖަނަރޭޓަރާއި ކޭބަލް އަދި ޓްރާންސްފޯމަރު ކަމަށާއި މި ތަކެތި ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ.

"ރޯދަމަހު ހަމަ ރާއްޖޭގެ އެއްވެސް ރަށަކުން ކަރަންޓް ނުކެނޑޭނެ ގޮތަކަށް ކަންކަން ރޭވިގެން ކުރިއަށް ގެންދެވޭތޯ މި މަސައްކަތްކުރަނީ. އޭގެއިތުރުން ޓެކްނިކަލް ޓީމަށް ވެސް އެކަން އެންގި، ކަންކަން ވަރަށް ގާތުން ބަލަމުން މި ގެންދަނީ" ލައްމާނު ވިދާޅުވިއެވެ.

ލައްމާނު އިތުރަށް ވިދާޅުވީ "ސަރުކާރުން ރައްޔިތުންނަށް ވަރަށް ލުއި ގޮތަތްތަކެއް ހައްދަވައިދެއްވާފައިވާ ކަމަށާއި ރޯދަމަހުގެ ތެރޭގައި މިހާރާއި އަޅާ ބަލާއިރު ވަރަށް ބޮޑު ތަފާތެއް ފެނިގެން ދާނެ" ކަމުގައެވެ.

ފެނަކަ ހިންގުން ލައްމާން އާއި ހަވާލު ކުރީ އެކުންފުނީގެ ކުރީގެ އެމްޑީ އަހްމަދު ޝަރީފް އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް އައްޔަން ކުރުމުން މާޗް މަހުގެ 29 ވަނަ ދުވަހުއެވެ. ލައްމާން އަކީ ކުރިން ވެސް ފެނަކައިގެ ޑެޕިއުޓީ އެމްޑީގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ.

ރާއްޖޭގެ 150 އަށް ވުރެ ގިނަ ރަށަށް ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދެނީ ފެނަކަ އިންނެވެ. ރައީސް ޔަމީން ވެރިކަމަށް ވަޑައިގެންނެވިއިރު ރާއްޖޭގެ ކަރަންޓްގެ ޚިދުމަތް ވަރަށް ދަށް ފެންވަރެއްގައި އޮތް ނަމަވެސް ރައީސް ޔާމީންގެ "24 ގަޑިއިރު ކަރަންޓް ޔަގީން" ވައުދު ފުއްދުމުގައި ފެނަކަ އިން މިހާރު ވަނީ ބޮޑެތި ކާމިޔާބީޔަކެއް ހޯދާފައެވެ.