ޓޫރިޒަމް ދާއިރާގެ އިސްވެރިން ބައިވެރިވާ "ޓީޓީއެމް ހޮޓެލިއާ ސަމިޓް" އަންނަ ހޯމަ ދުވަހު ބަނޑޮސް އައިލެންޑް ރިޒޯޓް އެންޑް ސްޕާގައި ބާއްވަން ތައްޔާރުވެއްޖެއެވެ.

ހޮޓެލިއާ ސަމިޓް އޮންނާނީ އެ ދުވަހު ހެނދުނު 9:00 އިން މެންދުރު 13:00 އަށެވެ. ހޮޓެލިއާ ސަމިޓަކީ ޓޫރިޒަމް ދާއިރާގެ ފަރާތްތައް އެއް ފުރާޅެއްގެ ދަށަށް ގެނެސް، ބައްދަލުކުރާ ޕްލެޓްފޯމެކެވެ. މި ސަމިޓުގައި ހަތަރު ޕެނަލް ޑިސްކަޝަންއެއް ކުރިއަށްދާނެއެވެ.

މި ސަމިޓް ތެރެއިން ކްރައުން ކޮމްޕެނީގެ ޑައިރެކްޓަރ އަދި މަޓީގެ ސެކެޓަރީ ޖެނެރަލް އަހުމަދު ނަޒީރު ފަތުރުވެރިކަމުގެ އިންޑަސްޓްރީއާ ގުޅޭގޮތުން ވާހަކަދައްކަވާނެއެވެ. އަދި އެއަށްފަހު ޕްލެޓިނަމް ޕާޓްނަރ އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު ވެސް ވާހަކަދައްކަވާނެއެވެ.

މި ސަމިޓަށް ރިސޯޓް ތަކުގެ ވެރިންނާއި، ކުންފުނިތަކުގެ ވެރިންގެ އިތުރުން، އިންޓަނޭޝަނަލް ޓްރެވެލް ޓްރޭޑް ސްޓޭކް ހޯލްޑަރުންނާއި، ޓްރެވަލް އިންޑަސްޓްރީގެ ޕްރޮފެޝަނަލުން ބައިވެރިވާނެއެވެ. އެގޮތުން 100 އަށްވުރެ ގިނަ ޖެނެރަލް މެނޭޖަރުންނާއި، ކަމާ ގުޅޭ އިންޑަސްޓްރީގެ އެކްސްޕާޓުން މި ސަމިޓްގައި ބައިވެރިވާނެއެވެ.

އަދި މި ސަމިޓްގައި ބައިވެރިވާ އިންޓަނޭޝަލް ބޮޑީސްތަކުގެ ތެރޭގައި، އެކްސްޕީޑިއާ، ބުކިންގ ޑޮޓްކޮމް، އެއާއޭޝިއާ، ލޯންލީ ޕްލެނެޓް، ޓީޓީޖީ އޭޝިއާ، މަޓީ، މަޓާޓޯ، ޓުއަރިޒަމް މިނިސްޓްރީ، އިކޮނޮމިކް މިނިސްޓްރީ ފަދަ ތަންތަން ހިމެނެއެވެ.

މޯލްޑިވްސް ގެޓަވޭގެ ސީއީއޯ ޑރ. ހުސައިން ސަނީ އުމަރު ވިދާޅުވީ، މިފަދަ ސަމިޓެއްގެ ބޭނުމަކީ އިންޓަނޭޝަނަލް ޕާޓްނަރުންނާއި، ރާއްޖޭގައި ފަތުރުވެރިކަމުގައި އުޅޭ އެންމެ ފުޅާ ދާއިރާގެ ބޭފުޅުން ގުޅިގެން ރާއްޖޭގެ ރިސޯޓްތައް މާކެޓް ކުރާނެ ގޮތްތައް ހޯދުން ކަމަށެވެ.