ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް19 ވައިރަސް ރާއްޖެއިން ވެސް ފެނިފައިވުމާއި ގުޅިގެން ހުޅުމާލޭގައި ގިނަ ބައެއްގެ މެދުގައި މަގްބޫލް މާޓެއް ކަމުގައިވާ، ފަހި ޕްލާޒާ އިން މާދަމާއިން ފެށިގެން އީކޮމާސް ޕޯޓަލް މެދުވެރިކޮށް ޙިދުމަތްދޭން ނިންމައިފިއެވެ.

އެ މާޓުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ ޙިދުމަތް ދިނުމަށްޓަކައި ފިހާރައިގެ "އީ-ކޮމާސް ޕޯޓަލް" މާދަމާ ހެނދުނު 8:00 ޖަހާއިރު ލޯންޗްކުރާނެ ކަމަށެވެ. އަދި ޑެލިވަރީގެ ޙިދުމަތް ބޭނުންވާ ފަރާތްތަކުން، "ފަހި ޕްލާޒާ" ގެ އީކޮމާސް ޕޯޓަލް އަށްވަދެ އޯޑަރު ކުރުމުން، އޯޑަރ ކުރާ ތަކެތި ސީދާ ގެއަށް ގެންގޮސްދިނުމުގެ ޚިދުމަތް ދޭނެ ކަމަށް އެ މާޓުން ބުނެއެވެ.

އެ ޙިދުމަތް ފޯރުކޮށްދޭން ނިންމާފައިވަނީ ކޮންމެ ދުވަހަކު ހެނދުނު 8:00 އިން ރޭގަނޑު 12:00އަށް ކަމަށާއި، އެ ހިދުމަތް ދޭނީ ކަސްޓަމަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅައިގެން ކަމުގެ ޔަޤީންކަން އެ މާޓުން ދެއެވެ.

އެ ޙިދުމަތާއި ބެހޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށްޓަކައި 7370545 އަށް ގުޅައިގެން މަޢުލޫމާތު ސާފުކުރެވޭނެ ކަމަށްވެސް "ފަހި ޕްލާޒާ" އިން ބުންޏެވެ. މީގެ އިތުރުން، ޑެލިވަކުރާ ސްޓާފުންގެ ސާފުތާހިރުކަމަކީ "ފަހި ޕްލާޒާ" އިން އެންމެ އިސްކަންދޭނެ ކަންތަކުގެ ގޮތުގައި އެމާޓުން ފާހަގަކުރެއްވިއެވެ.

"މިއީ ކޮރޯނާ ވައިރަސް ފެތުރުން ކޮންޓްރޯލްކޮށް، ކަސްޓަމަރުންގެ ރައްކާތެރިކަމާއި ލުއިފަސޭހައަށްޓަކައި، "ފަހި ޕްލާޒާ" އިން ތަޢާރަފްކުރާ ޙިދުމަތެކެވެ. މިގޮތުން ޙިދުމަތް ފުރަތަމަ ފަށާއިރު ޑެލިވަރީ ކޮށްދޭނީ 200 ރުފިޔާއިން ފެށިގެން މަތީގެ އޯޑަރުތަކަށެވެ." ފަހި ޕްލާޒާއިން ބުނެފައިވެއެވެ.

ކަސްޓަމަރުންގެ ފީޑްބެކް އަށް ބަލައި، ޙިދުމަތް އިތުރަށް ރަނގަޅުކޮށް، މިއަށްވުރެ ކުދި އޯޑަރުތައްވެސް ޑެލިވާކުރުމަށް ނިންމާފައިވާ ކަމަށް ވެސް އެ މާޓުން ބުނެއެވެ. ހަމައެހެންމެ މުސްތަޤުބަލުގައި ޑެލިވަރީގެ ހިދުމަތް 24 ގަޑިއިރަށް ފުޅާކުރަންވެސް "ފަހި ޕްލާޒާ" އިން ވަނީ ނިންމާފައިވާ ކަމަށް އެ މާޓުން ބުނެފައިވެއެވެ.

"ކޮންމެހެން ބޭނުންވާ އެންމެ މުހިއްމު އައިޓަމްތައް މިހާރުވެސް އޮންލައިންކޮށް އޯޑަރުކުރެވޭނެ. އަދި އަޅުގަނޑުމެން މިދަނީ ކޮންމެ ދުވަހަކުވެސް އައިޓަމްތައް އިތުރު ކުރަމުން. 'ފަހި ޕްލާޒާ' ގެ ލަނޑުދަނޑިއަކީ، އިރާދަ ކުރެއްވިއްޔާ ރޯދަމަސް އަންނައިރު، މިޙިދުމަތް އެންމެ ފުރިހަމަ ކުރުން" ހުޅުމާލޭގައި އެންމެ ފުރަތަމަ ހުޅުވި ފިހާރަ، ފަހި ޕްލާޒާގެ އޮފިޝަލަކު ވިދާޅުވިއެވެ.

މިހިދުމަތަށް ކަސްޓަމަރުންގެ ފަރާތުން ވަރަށްބޮޑު ތަރުހީބެއް ލިބޭނެ ކަމަށް ފަހި ޕްލާޒާއިން އުއްމީދު ކުރެއެވެ. "ފަހި ޕްލާޒާ" ގެ ކުރި އެރުން ކަމުގައިވާ ކަސްޓަމަރުންނަށް ޝުކުރު އަދާކުރާކަމަށް ވެސް އެ މާޓުން ބުނެއެވެ. އަދި މިފަދަ ދަނޑިވަޅެއްގައި ގެއިން ނުނިކުމެ "އޮންލައިން ޕޯޓަލް" ފަދަ ވަސީލަތްތަށް ބޭނުންކޮށްގެން، ޙިދުމަތް ހޯދުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އެ މާޓުން ފާހަގަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    އުފާވެރި ޚަބަރެއް. ޝުކުރިއްޔާ.