ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން، ވޮލެންޓިއަރުކޮށް މުސާރަ ނުހިނގާ ގޮތަށް ޗުއްޓީ ބޭނުންވާ މުވައްޒަފުންނަށް އެ ފުރުސަތު ދޭން ނިންމައިފިއެވެ.

މޯލްޑިވިއަނުން މިއަދު ކުރި ޓްވީޓްތަކެއްގައި ބުނެފައި ވަނީ، ކޮވިޑް-19 އާ ގުޅިގެން ވޮލެންޓިއަރ ކުރާ އެ މުވައްޒަފުންނަށް ޗުއްޓީ ދެނީ މުސާރަ ނުލިބޭ ގޮތަށް ތިން މަހާއި އެއް މަހާ ދެމެދުގެ އަދަދެއްގެ ޗުއްޓީއެއް ކަމަށެވެ.

އައިއޭއެސްގެ ޕީއާރު އެންޑް ކޮމިއުނިކޭޝަންސް މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ އަންޕެއިޑް ލީވް ވޮލެންޓިއަރކޮށް ބޭނުންވާ މީހަކަށް ނެގޭނެ ކަމަށާއި، ނަމަވެސް އެ މުވައްޒަފުންނަށް އިންޝުއަރެންސް ލިބޭނެ ކަމަށެވެ. އަދި ކުންފުނީގައި މުވައްޒަފުންނަށް އޮންނަ ދަތުރު އިނާޔަތްތައް އެ މުވައްޒަފުންނަށް ލިބޭނެ ކަމަށް މޫސަ ވިދާޅުވިއެވެ.

މީގެ އިތުރުން، ކޮވިޑް-19 އާ ގުޅިގެން އައިލެންޑް އޭވިއޭޝަން ސާވިއަސް (އައިއޭއެސް)ގެ ޑިރެކްޓަރުގެ ބޯޑާއި ސީނިޔަ މެނޭޖުމަންޓުގެ މުސާރައިން 20 ޕަސެންޓް އުނިކުރުމަށް ވަނީ ނިންމާފައެވެ. އަދި މިގޮތަށް ނިންމާފައި ވަނީ، ވެރިންގެ މުސާރަ ކުޑަ ކުރަން ނިންމީ، ހަރަދު ކުޑަ ކުރުމުގެ ގޮތުން ކަމަށެވެ.

އަދި އެ އެ ކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން ހިތުގެ ބަލިތަކާއި، ނޭވާލުމުގެ ބަލިތަކާއި، ކެންސަރު، ހަކުރު ބަލި، ހައިޕަ ޓެންޝަން ހުންނަ މުވައްޒަފުންނާއި މާބަނޑު މުވައްޒަފުންނާއި، އުމުރުން 55 އަހަރުން މަތީގެ މުވައްޒަފުންނަށް މުސާރަ ހިނގާ ގޮތަށް 30 ދުވަހުގެ ޗުއްޓީއެއް ވެސް ދިނުމަށް ނިންމާފައެވެ.

މޯލްޑިވިއަން މީގެ ކުރިންވެސް ވަނީ ކޮވިޑް-19 އާ ގުޅިގެން ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ބައެއް މަންޒިލްތަކަށް ކުރާ ދަތުރުތައް ހުއްޓާލުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނ

    ހިއްވަރު ދޭން މުސާރައާއެކު ޗުއްޓި ދޭންވީ އެއްނު... ހާދަ ދަހި ބަޔެކޭ.. އަމިއްލަ އަށް ބޮޑުންނަށް މުސާރަ ބޮޑު ކޮއްގެން

  2. ވިލާ

    އަނހާ! ކޯއްޗަކަށް ތިވީ؟