އެސްޓީއޯގެ ޝިޕިން ލައިންގެ ފުރަތަމަ ބޯޓު އަންނަ ހަފްތާގައި ރާއްޖެ އަންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

އެސްޓީއޯ ޝިޕިންގެ ފުރަތަމަ ބޯޓު އަންނަ ހަފްތާގައި ރާއްޖެ އަންނާނެ ކަން ރައީސް ޞާލިހް އިއުލާން ކުރެއްވީ އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

އެސްޓީއޯ އިން ކުރި ޓްވީޓެއްގައި ވެސް ބުނީ އެ ކުންފުނީގެ ދަށުން ހިންގާ ކުންފުނިތަކުގެ ތެރެއަށް މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެމްއެސް) ކިޔާ ކުންފުންޏެއް އިތުރުވެފައިވާ ކަމަށެވެ.

މި ބޯޓުގެ ފުރަތަމަ ދަތުރުތައް އޮންނާނީ ސްރީ ލަންކާ އާއި ރާއްޖެއާ ދެމެދުގަ އެވެ.

އާ ޝިޕިން ލައިންގެ ފެށުމާ ގުޅޭ ގޮތުން މީގެ ކުރިން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ޝިޕިން ލައިނެއް އޮޕަރޭޓް ކުރަން ފެށުމުން މުދަލުގެ އަގު ކުޑަ ކުރެވޭނެ ކަމަށެވެ. ހާއްސަކޮށް ނުރައްކާތެރި ހާލަތްތަކުގައި ވެސް މުދާ އުފުލޭނެ ކަމުގެ ޔަގީންކަން ލިބިގެން ދާނެ ކަމަށް ވެސް އަމްރު ވިދާޅުވިއެވެ.

އެސްޓީއޯގެ ފުރަތަމަ ބޯޓާއި ބެހޭ މައުލޫމާތެއް އަދި ނުލިބެއެވެ. އެހެންކަމުން އެއި ކިހައި އަދަދެއްގެ ކޮންޓޭނާ އުފުލޭ ބޯޓެއް ކަމެއް ވެސް އަދި ނޭނގެއެވެ.

ދިވެހި ސަރުކާރުން އާ ޝިޕިން ލައިނެއް އުފައްދާ، ޚިދުމަތް މިފެށީ ޝިޕިން ލައިނެއް އުފައްދާ ވާހަކަ ދައްކަމުން ގެންދާތާ އެތައް އަހަރެއް ފަހުންނެވެ.

ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަން ނިމުނު އިރު ރާއްޖޭގެ ޝިޕިން ލައިނަކީ ދެކުނު އޭޝިއާގެ އެންމެ ވަރުގަދަ އެއް ޝިޕިން ލައިނެވެ. ނަމަވެސް ކުރީގެ ރައީސް މައުމޫންގެ ވެރިކަން ފެށިގެން ހައެއްކަ އަހަރުވިއިރު އެކުންފުނި ވަނީ ބަނގުރޫޓް ވެފައެވެ.