ކޯވިޑް-19 ޕެންޑެމިކް އާއި ގުޅިގެން، ކަސްޓަމަރުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން އުރީދޫގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް %25 ބޯނަސް ޑޭޓާ މުޅިން ހިލޭ ލިބޭ ޚާއްޞަ އޮފަރ އެއް ތައާރަފްކޮށްފިއެވެ.

އުރީދޫން ބުނީ، މި އޮފަރ ތައާރަފް ކުރެވިފައި ވަނީ މިދުވަސްވަރަކީ އާދައިގެ މަތިން ޑޭޓާ ބޭނުންކުރާވަރަށްވުރެ ގިނައިން ޑޭޓާ ބޭނުންކުރާ ދުވަސްކޮޅަކަށް ވުމާއެކު، ކަސްޓަމަރުންނަށް ލުއި ކޮށްދިނުމުގެ ގޮތުންް ކަމަށެވެ.

އެގޮތުން މަހުގެ ފަހުކޮޅު ކަމަށް ވެފައި، ޑޭޓާ އެލަވަންސްތައް ހުސްވެފައިވާ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަކަމެއް މި ބޯނަސް ޑޭޓާ މެދުވެރިކޮށް ލިބިގެންދާނެ ކަމަށް އުރީދޫން ބުންޏެވެ. އަދި އިތުރު %25 ބޯނަސް ޑޭޓާ، އޭޕްރިލް މަހުގެ ފުރަތަމަ ދުވަހުވެސް ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ލިބިގެނެދާނެކަމަށްވެެސް އެ ކުންފުނިން ބުންޏެވެ.

އުރީދޫވް ވަނީ ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ އިތުރުން ޕްރިޕެއިޑް އަދި ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ވެސް 25% ބޯނަސް ޑޭޓާ ފޯރުކޮށްދީފައެވެ.

މިގެ އިތުރުން، މޮބައިލް ކަސްޓަމަރުންނާއި ފައިބަރ އަދި ވަޔަރލެސް ބްރޯޑްބޭންޑް ގެންގުޅުއްވާ ފަރާތްތަކުގެ މާރިޗް މަހުގެ ބިލު އެހެން މަސް މަހެކޭ އެއްގޮތަށް ބިލު ދައްކަވަންޖެހިވަޑައިގަންނަވާ ތާރީޚުގެ ކުރިން ނުދެއްކުނުކަމުގައިވިޔަސް ޚިދުމަތް މެދު ނުކެނޑި ބޭނުންކުރެވޭ ގޮތަށް އެ ކުންފުނިން ވަނީ ހަމަޖައްސާފައެވެ. މިގޮތުގެ މަތިން، ކުދި ވިޔަފާރިތަކަށް ވެސް ބިލް ދެއްކެވުމަށް މި ފަސޭހަ ލިބިގެން ދާނެއެވެ.

އުރީދޫން ބުނީ، ދިވެހި ސަރުކާރާއި، އެޗް.ޕީ.އޭ އަދި ކަމާއި ގުޅޭ އެކި ސްޓޭކް ހޯލްޑަރުންނާއި ގުޅިގެން ކޮވިޑް-19 އާ ގުޅޭގޮތުން ޢާއްމު ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވޭ ހުރިހާ މަސައްކަތެއްގައި ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުންދެމުން ގެންދާނެ ކަމަށެވެ.