ކޮވިޑް-19 އާ ގުޅިގެން ފްލައިމީ އިން ކުރާ ދަތުރުތައް މާދަމާ އިން ފެށިގެން މެދުކަނޑާލަން އެ އެއާލައިނުން ނިންމައިފިއެވެ.

ވިލާ އެއާ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނާޝިދު ސޮއިކުރައްވައި ނެރުއްވި ސާކިއުލާއެއްގައި ވަނީ ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަށް އަންނަ ފަތުރުވެރިންނަށް ވިސާ ދިނުން ހުއްޓާލުމާ ގުޅިގެން އެ އެއާލައިނު ބޭނުން ކުރާ ޕެސެންޖަރުންގެ އަދަދު މަދުވެފައިވާ ކަމަށެވެ. އެހެންވެ، މާދަމާ އިން ފެށިގެން ވަކި މުއްދަތެއް ނެތް ގޮތަށް އެއާލައިންގެ އޮޕަރޭޝަންސްތައް މެދުކަނޑާލަން ނިންމާފައިވާ ކަމަށް ސާކިއުލާގައިވެއެވެ.

ނަމަވެސް މި ދުވަސްވަރު ރައްޔިތުން ބޭނުންވެއްޖެ ނަމަ އެހީތެރިކަން ފޯރުކޮށްދިނުމަށް އެއާލައިން އޮތީ ތައްޔާރަށް ކަމަށް ސާކިއުލާގައިވެއެވެ.

މި ހާލަތުގައި ވިލާ އެއާ އިން އަބަދުވެސް އިސްކަން ދޭނީ މުވައްޒަފުންނާއި ފަސިންޖަރުންގެ ސަލާމަތާ ރައްކާތެރިކަމަށް ކަމަށާއި މި ދުވަސްވަރު މަސައްކަތްކުރާނީ ކުންފުނީގެ ހިދުމަތް އިތުރަށް ފުޅާކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރުމަށް ކަމަށް ވެސް ސާކިއުލާގައިވެއެވެ.

އެގޮތުން މިއަހަރުގެ ފަހު ކުއާޓަރުގައި ފަސިންޖަރުންނަށް ހާއްސަ "ސަޕްރައިޒް" ތަކެއް ހުރި ކަމަށް އޭގައިވެއެވެ.

ފްލައިމީގެ ދަތުރުތައް އާންމުކޮށް ކުރަނީ އދ. މާމިގިއްޔަށާއި ބ. ދަރަވަންދޫއަށެވެ.