ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް19 އާ ގުޅިގެން އަވަށްޓެރި އިންޑިއާ ފުރަބަންދު (ލޮކްޑައުން) ކުރުމުން ރާއްޖެއަށް ފިޔާ ބިސް އަދި އަލުވި ލިބުން ދަތިވެ، އެ ތަކެތީގެ އަގު އުފުލިއްޖެއެވެ.

އެގޮތުން ކުރިން 300 ރުފިޔާއަށް ލިބެން ހުރި ބިސް ކޭހެއް މިހާރު ލިބެން ހުރީ 400 އާ 550 ރުފިޔާއާ ދެމެދުއެވެ. މީގެކުރިން 300 ރުފިޔާއަށް ލިބެންހުރި ފިޔާ ބަސްތާއެއްގެ އަގު އުފުލިގެން ދިޔައީ 600 އާ 650 ރުފިޔާއާ ދެމެދުގެ އަގަކަަށެވެ. އަލުވި ބަސްތާއެއް މީގެކުރިން 280 ރުފިޔާއަށް ލިބެން ހުރިއިރު މިހާރު އަލުވި ބަސްތާއެއް ވެސް ލިބެނީ 350 އާ 450 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ.

އިންޑިއާ ލޮކްޑައުން ކުރި ނަމަވެސް ދިވެހިންނަށް ބޭނުންވާ ކާޑުގެ ބާވަތްތައް އެގައުމުން އަންނަނީ ފޯރު ކޮށްދެމުންނެވެ. އިންޑިއާއިން މިއަދު މާލެ އައި ބޯޓުން ގެނެސްފައިވަނީ 500 މެޓްރިކް ޓަނުގެ ހަކުރާއި 993 މެޓްރިކް ޓަނުގެ ހަނޑުލެވެ. ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނީ މިއަދު ރާއްޖެއަށް އައިސްފައިވާ ކާޑުގެ ބާވަތްތަކުގެ އިތުރުން، އިތުރު 1500 މެޓްރިކް ޓަނުގެ ހަނޑުލާއި 500 މެޓްރިކް ޓަނުގެ ހަކުރު ވަރަށް އަވަހަށް ރާއްޖެ ގެންނާނެކަމަށެވެ. މީގެ އިތުރުން އިމާރާތްކުރުމަށް ބޭނުންވާ 5000 މެޓްރިކް ޓަނުގެ ސިމެންތި ވެސް ކުރު މުއްދަތެއްގައި ރާއްޖެއަށް އަންނާނެކަމަށް އިންޑިއަން ހައިކޮމިޝަނުން ބުނެއެވެ.

ފިޔާ ބިސް އަދި އަލުވި ފަދަ ތަކެތީގެ އިތުރުން ތަރުކާރު ފަދަ އެއްޗެއްސަކީ ވެސް އިންޑިއާއިން އެތެރެ ކުރާ ބައެއް ތަކެއްޗެވެ. މި ތަކެތީގެ ތެރެއިން ބައެއް ތަކެއްޗަކީ ވިޔަފާރިވެރިން ކާގޯކޮށް ވައިގެ މަގުން ގެންނަ ތަކެއްޗެވެ. ނަމަވެސް ކޮވިޑް-19 ވައިރަހާއި ގުޅިގެން ސަރުކާރުން ރާއްޖެއަށް އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލުމާއި ގުޅިގެން ރާއްޖެއަށް ޝެޑިއުލް ފްލައިޓްތައް ކުރުން ވަނީ ހުއްޓިފައެވެ. އަދި އެކަމުގެ ސަބަބުން ވައިގެ މަގުން ކާގޯކޮށްގެން ގެންނަ ތަކެތިވެސް ހުސްވުމުގެ ބިރު މިހާރު އެބައޮތެވެ.

އެހެންނަމަވެސް އެތަކެތި ހުސްނުވެ އާއްމުންނަށް ލިބޭނެ ގޮތް ހަމަޖެއްސުމަށް ގައުމީ އެއާލައިން މޯލްޑިވިއަން އަންނަނީ ޗާޓަރު ފްލައިޓެއް ބޭއްވުމުގެ މަސައްކަތް ކުރަމުންނެވެ. އެ ކުންފުނިން ޗާޓަރު ފްލައިޓް ބާއްވަން ތައްޔާރު ވަނީ އިންޑިޔާ އާއި ދުބާއީ އަދި ތައިލެންޑާއި ސްރީލަންކާ އަށެވެ. ނަމަވެސް ފަހަރުގައި މަންޒިލްތައް އިތުރުވެގެން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ބޮޑުތަކުރުފާނު

  މާތްކަލާނގެއާއި ވަކީލު ކޮއްލައިގެން ތިބެން ޖެހޭނީ.. މިއޮތީ ވިޔަފާރި ކުރާ މީހުންނަށް ވަރަށް ބޮޑު ޗާންސެއް ލިބިފަ.. އެފަރާތްތަކުގެ ނުބައި ރޭވުމާއި، ރަނގަޅުރޭުވުންތައްވެސް ދެނެވޮޑިގެންވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާ.. އެއްވެސް ވިޔަފާރިވެރިޔަކު އަބަދަކު ހިތަށްއެރި ގޮތަކަށް ދުނިޔޭގަ އުޅެވޭނެކަމަށް ހީކޮށްގެން ނުވާނެ.. އެފަދަ ކޮންމެ މީހެއްގެ ތަޤްދީރު ބަދަލުކުރެއްވުން ވަނީ މާތް ﷲ ގެ ޙަޟުރަތުން.. ވިޔަފާރިވެރިންނަށް ހެޔޮވިސްނިން ދެއްވާށި...

  34
  1
 2. އިބިލީސް

  އިންޑިއާ އެއްނު ބުނީ އެހީވާނަމޭ... ޗައިނާއިން އެހީދޭތަން ފެނި އެކަން ހަޖަމު ނުވީ ތޯއްޗެއް...

 3. ކަލޯ ބެއްޔާ

  އެއްކަލަ ދިވެހި ރަނގަޅު ހެޔޮ ވިޔަފާރިވެރިން ހޭކަންޑާލަނީ ދޯ..