ސިނަމާލެ ބްރިޖްގައި 24 ގަޑިއިރު މުދާ އުފުލުމުގެ ހުއްދަ ޓްރާންސްޕޯޓް އޮތޯރިޓީން އިއްޔެ ދީފިއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ނެރުނު އިއުލާނެއްގައި ބުނީ ސްކޫލްތައް ހުޅުވެން ދެން ބުރިޖް މަތީގައި ހުރިހާ ވައްތަރެއްގެ މުުދާ އުފުލާ އުޅަނދުގައި 24 ގަޑިއިރު މުދާ އުފުލޭނެ ކަމަށެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން އެގޮތަށް ކަނޑައެޅި އިރު، ސަރުކާރުން ވަނީ ސްކޫލްތައް މި ހަފްތާގެ ނިޔަލަށް ބަންދުކޮށްފައެވެ. ސްކޫލްތަކުގެ އިތުރުން ސަރުކާރުގެ އޮފީސްތަކާއި ކޮލެޖްތަކާއި ޔުނިވާސިޓީތައް ވެސް ވަނީ ބަންދުކޮށްފައެވެ.

ކުރިން ހަމަޖައްސާފައިވާ ގޮތުން ހެނދުނު 9:00 އިން ފެށިގެން ހަވީރު 15:00 އަށް އަދި ދަންވަރު 1:00 އިން ހެނދުނު 6:00 އަށް ބްރިޖުގައި މުދާ އުފުލުމަކީ މަނާ ކަމެކެވެ.

ސްކޫލުތައް ހުޅުވަންދެން ހުރިހާ ގަޑިތަކެއްގައި، މާލެ ތެރޭގައި ވެސް މުދާ އުފުލުމުގެ ހުއްދަ ދޭން ޓްރާންސްޕޯޓް އޮތޯރިޓީން ކުރިން އޮތީ ނިންމައިފައެވެ.