ކޮވިޑް-19 ގެ ސަބަބުން ވައިގެ ދަތުރުތަކަށް އޮތް ޑިމާންޑް ދަށްވެ، ގިނަ އެއާލައިންތަކަށް މައްސަލަތައް ދިމާވެފައިވަނިކޮށް އިނގިރޭސިވިލާތުގެ އީޒީ ޖެޓް އެއާލައިން އިން ވެސް ހުރިހާ ދަތުރެއް ހުއްޓާލާ، ފްލައިޓްތައް ގްރައުންޑް ކޮށްފިއެވެ.

އީޒީ ޖެޓުން މިހާރު ވަނީ ގިނަ ޕައިލެޓުންނާއި ކެބިން ކްރޫންނަށް ދެމަސް ދުވަހުގެ ޗުއްޓީއެއް ދީފައެވެ.

"ގިނަ ގައުމުތަކުގެ ބޯޑަރު ބަންދުކޮށް، ސަރުކާރުތަކުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ދަތުތައް ކުރުމަށް ވަނީ ދަތިތައް ދިމާވެފައެވެ. ހާއްސަކޮށް ޔޫރަޕްގެ ގިނަ ގައުމުތަކަކަށް ދަތުރު ކުރުމުގައި މިހާރު ގިނަ ހުރަސްތަކެއް އެބަހުއްޓެވެ. އެހެންކަމުން މިއަދުން ފެށިގެން އީޒީ ޖެޓްގެ ހުރިހާ ފްލައިޓެއްގެ ދަތުރުތައް ވަނީ ހުއްޓާލަން ނިންމާފައެވެ." އީޒީ ޖެޓުން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.

އީޒީ ޖެޓުން ބުނީ މިއަދު އެއެއާލައިންގެ ދަތުރުތައް ހުއްޓަލުމުގެ ކުރިން ކޮވިޑް-19 ގެ ސަބަބުން އެކި ގައުމުތަކުގައި ތާށިވެފައި ތިބި ފަސެންޖަރުން އެއްތަނުން އަނެއްތަނަށް ގެންގޮސް ދިނުމަށް 650 އަށް ވުރެ ގިނަ ރެސްކިއު ފްލައިޓް ބާއްވާފައި ވާނެ ކަމަށެވެ. އެފްލައިޓްތަކުން 45000 އަށް ވުރެ ގިނަ މީހުން ވަނީ އެމީހުން ބޭނުންވާ މަންޒިލަށް ގެންގޮސް ދީފައި ކަމަށް ވެސް އީޒީ ޖެޓުން ބުނެއެވެ.

ދަތުރުތައް ހުއްޓާލި ނަމަވެސް އަދިވެސް ކުއްލި ހާލަތްތަކުގައި ރެސްކިއު ފްލައިޓްތައް ބާއްވަން އެއާލައިނުން ގެންދަނީ ސަރުކާރާއި ވާހަކަ ދައްކަމުން ކަމަށް އީޒީ ޖެޓުން ބުނެއެވެ.

އެއެއާލައިން ބުނީ އަލުން ދަތުރުތައް ފަށާނެ ތާރީޚެއް ބުނަން ނޭނގޭ ކަމަށާއި ދެން ދަތުރުތައް ފަށާނީ ކޮމާޝަލް ފްލައިޓްތަކަށް ޑިމާންޑް އިތުރުވާން ފެށުމުން ކަމަށެވެ.

ކޮވިޑް-19 ގެ ސަބަބުން ބައެއް އެހެން އެއާލައިންތަކުން ވެސް ވަނީ މިހާރު ދަތުރުތައް ހުއްޓާލާފައެވެ. ކޮވިޑް-19 ފެތުރުން ނުހުއްޓުވި ދިގުލައިގެން ދާނަމަ ވަރަށް ގިނަ އެއާލައިންތަކެއް ބަނގްރޫޓް ވެގެން ދިއުމުގެ ބިރު ވެސް ވަނީ ބޮޑުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު