ކޮވިޑް-19 އާ ގުޅިގެން ލޯން ދެއްކުމަށް ދަތިވާ މީހުންނަށް ލުއި ގޮތްތަކެއް ހަދައިދޭން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ނިންމައިފިއެވެ.

އެމްއައިބީ އިން ނެރުނު ބަޔާނެއްގައި ބުނީ ދިވެހި ސަރުކާރާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ސަޕޯޓް ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން ބިޒްނަސް އަދި ކޯޕަރޭޓް ކަސްޓަމަރުންނާއި ރީޓެއިލް އަދި ކޮންޒިއުމަ ކަސްޓަމަރުންނަށް އުސޫލުތަކެއް އެކަށައަޅާފައިވާ ކަމަށެވެ.

އެގޮތުން އިސްލާމިކް ބޭންކްގެ ވިޔަފާރިއާ ގުޅޭ ފައިނޭންސިން ވަސީލަތްތައް ނަގާފައިވާ ކަސްޓަމަރުން އެމްއައިބީގެ ފުރުސަތު ބޭނުންވާ ނަމަ، "ކޮވިޑް ސަޕޯޓް އެޕްލިކޭޝަން ފޯމް" ފުރިހަމަ ކުރުމަށް އެ ބޭންކުން އެދެއެވެ. އެ ފޯމް އެމްއައިބީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.

ފޯމު ހުށަހެޅުމާ އެކު އެ ތަނެއްގެ އިންޓާނަލް އެސެސްމެންޓް ހަދައި ހޯދައިދެވޭނެ ލުއި ގޮތްތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދޭނެ ކަމަށް އެ ބޭންކުން ބުންޏެވެ. އަދި އެޕްލިކޭޝަންތައް އިވެލިއޭޓްކޮށް ކުރިއަށް ދާން ޖެހޭ ގޮތް ވެސް ކިޔައިދޭނެ ކަމަށް ވެސް އެމްއައިބީން ބުންޏެވެ.

ސަޕޯޓު ފޯމުތައް ފުރުމަށް ފަހު [email protected] އަށް މެއިލްކުރަން އެމްއައިބީން އެދެއެވެ.

އެމްއައިބީން ބުނި ގޮތުގައި މިއީ މި ދަނޑިވަޅު ގެއިން ބޭރަށް ނުކުމެ އުޅުމުގެ ބަދަލުގައި ގޭގައި ތިބެގެން ހިދުމަތް ހޯދަން ބާރުއެޅުމުގެ ގޮތުން އެ ބޭންކުން ނިންމި ނިންމުމެކެވެ. އެމްއައިބީން ބުނީ މި ދަނޑިވަޅު ސަރުކާރުން ނިންމާ ނިންމުންތަކަށް ފުރިހަމައަސް އެއްބާރުލުން ދޭނެ ކަމަށެވެ.