ކޮވިޑް19 އާ ގުޅިގެން ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައިވުމުން، ދިރާގުން ސަރުކާރުގެ މުވައްޒަފުންނަށް ގޭގައި ތިބެގެން އޮފީސް މަސައްކަތް ކުރުމަށް ލުއިފަސޭހަ ފޯރުކޮށްދިނުމުގެ ގޮތުން، ދިރާގުން ފޯރުކޮށްދޭ ފިކްސްޑް ބްރޯޑްބޭންޑް އިންޓަނެޓްގެ ޒަރިއްޔާއިން ސަރުކާރުގެ ވިއުގަތަކަށް ހިލޭ ވަދެވޭނެގޮތް ހަދައި ދީފިއެވެ.

މިއީ ދިރާގާއި މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީއާ ގުޅިގެން ފޯރުކޮށްދިން ހިދުމަތެކެވެ.

ދިރާގުން ބުނީ، މިދުވަސްވަރު ސަރުކާރުގެ ހުރިހާ އޮފީސްތަކާއި މުއައްސަސާތަކެއް ބަންދުކޮށްފައިވުމުން، ގޭގައި ތިބެގެން، ރިމޯޓް ވޯރކިންގގެ އެކި ވަސީލަތްތައް ބޭނުންކުރުމަށް އިންޓަނެޓްގެ ޚިދުމަތް މުވައްޒަފުންނަށް މިވަނީ ވަރަށް މުހިންމުވެފައިއެވެ. އެހެންކަމުން، މިފަދަ ހާލަތެއްގައި، ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ސަރުކާރުގެ މުވައްޒަފުންގެ މަސައްކަތް މެދުނުކެނޑި ކުރިއަށް ގެންދިޔުމަށް ލުއި ފަސޭހަ ގޮތްތަކެއް ހޯދައިދިނުމަކީ ދިރާގުން އެންމެ އިސްކަމެއް ދިން ކަމެއް ކަމަށެވެ.

އެގޮތުން، މިހާރު ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ޚިދުމަތް މެދުވެރިކޮށް ސަރުކާރު މުވައްޒަފުންނަށް ރައްކާތެރިކަމާއެކު ސަރުކާރުގެ އެކި ޕޯޓަލް ތަކަށް ހިލޭ ވަދެވި، ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތައް އޮންލައިންކޮށް ފަސޭހަކަމާއެކު ކުރެވުމަށް މަގުފަހިވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ދިރާގުން ވަނީ، ކޮވިޑް-19 އާ ގުޅިގެން ކަސްޓަމަރުންނަށް އިންޓަނެޓް ބޭނުންކުރުމަށް ލުއިފަސޭހަތަކެއް ފޯރުކޮށްދިނުމުގެ ގޮތުން، މާރިޗް މަހުން ފެށިގެން ހިލޭ ޑޭޓާ އެލަވަންސް އަދި ޑިސްކައުންޓް ދެމުންނެވެ އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ އިސްނެންގެވުމުގެ ދަށުން، ކަސްޓަމަރުންނަށް އިންޓަނެޓް ބޭނުން ކުރުމުގައި އިތުރު ލުޔެއް ދިނުމުގެ ގޮތުން ދިރާގުން ވަނީ ހުރިހާ ކަސްޓަމަރުންނަށް އިންޓަނެޓް ބޭނުންކުރުމަށް ދިރާގުން ކުރިން ހިލޭ ދީފައިވާ ޑޭޓާގެ މިންވަރު އެޕްރީލް އަދި މޭ މަހަށް އިތުރުކޮށްފައިއެވެ.

މިގޮތުން، ހުރިހާ ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް %50 އާއި %140 އާ ދެމެދުގެ އަދަދަކަށް ޑޭޓާ އެލަވެންސް އެޕްރިލް މަހުގައި ވަނީ ދީފައިއެވެ. އަދި މޭ މަހުގައިވެސް މި އިތުރު އެލަވަންސް ކަސްޓަމަރުންނަށް ލިބިގެން ދާނެ ކަމަށް ދިރާގުން ބުންޏެވެ. އަދި އަދި ފިކްސްޑް ބްރޯޑްބޭންޑް ބޫސްޓަރތަކަށް ވަނީ %50 ޑިސްކައުންޓް ދީފައިއެވެ.

މީގެ އިތުރުން، ދިރާގު ޕޯސްޑްޕެއިޑް ކަސްޓަމަރުންނަށް އެޕްރިލު މަހު %50 އާއި %75 އާ ދެމެދުގެ އަދަދަކަށް އިތުރު ޑޭޓާ އެލަވަންސް ވަނީ ދީފައިއެވެ. އަދި މޭ މަހުގައިވެސް މި އިތުރު އެލަވަންސް ކަސްޓަމަރުންނަށް ލިބިގެން ދާނެއެވެ. އަދި، ދިރާގު ޕްރީޕެއިޑް ކަސްޓަމަރުން އެޕްރީލު އަދި މެއި މަހު ނަންގަވާ ޑޭޓާ އެޑް-އޮން އަށް %50 އިތުރު ޑޭޓާ ލިބިގެންދާނެއެވެ.

ދިރާގުން ދަނީ ސަރުކާރާއި ކަމާބެހޭ އެހެނިހެން އިދާރާތަކާ ގުޅިގެން މުޖުތަމައަށް އެކި ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް އިސްނަގައިގެން ގިނަ ކަންތައްތަކެއް ކުރުމަށް މަސައްކަތްކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރައްޔިތުމީހާ

    ދިވެހިރާއްޖޭގަ ލޯކަލް ޑާޓާ ހިލޭދޭނީ ކޮން ދުވަހަކުންބާ! ދުނިޔޭގެ ގިނަ ގައުމުތަކުގައި ލޯކަލް ޑާޓާއަށް ޗާޖެއްނުކުރެ. ލޯކަލް ޑާޓާއަކީ ސަރވިސް ޕްރޮވައިޑަރ ތަކަށް އެއްވެސް ބުރައެއް އުފުލަން ޖެހޭ އެއްޗެއްނޫން. ދިރާގުގަ ހޮސްޓްކޮށްފަ އިންނަ ސައިޓަކަށް ވަންނަންވެސް ދިރާގުން ޗާޖްކުރޭ! މިދެން ބޮޑު އަރަތެއްނުން. ސަރުކާރުންވެސް މިކަހަލަ ކަންތައް ހުއްޓުވަން ނޫޅެނީ ކީއްވެބާ؟