މޯލްޑިވިއަނުން އައްޑޫ އާއި ފުވައްމުލަކަށް ކުރާ ދަތުރުތަކުގެ އަދަދު އިތުރު ކުރާނެ ކަން މޯލްޑިވިއަނުން ރޭ އިއުލާންކޮށްފިއެވެ.

ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޯލްޑިވިއަންގެ ޕީއާރް އެންޑް ކޮމިއުނިކޭޝަން މޫސާ ވަސީމް ވިދާޅުވީ އެ ދެ ސަރަހައްދަށް ކުރާ ދަތުރުތައް އިތުރު ކުރަން ނިންމީ، ކަރަންޓީން ފެސިލިޓީތަކާއި ރިސޯޓްތަކުގައި ތިބި މީހުން އަނބުރާ ރަށަށް ދިއުމަށް ކުރިއަށް އޮތް ދުވަސްކޮޅު ދަތުރު ކުރާނެތީ ކަމަށެވެ.

އެ ދަތުރުތައް ފެށުމަށް ހަމަޖެހިފައި ވަނީ މާދަމާ އިން ފެށިގެން ކަމަށް ވެސް މޫސަ ވިދާޅުވިއެވެ.

"ކަރަންޓީން ފެސިލިޓީސްތަކުގައި، ނޫނިއްޔާމު އެކި ތަންތަނުގައި ރިސޯޓްތަކުގައި ތިބި މުވައްޒަފުންގެ ތެރެއިން ގިނަ އަަދަދެއްގެ މުވައްޒަފުންނަށް މިހާރު ނުކުމެވޭ އެބަ ރަށަށް ދާން. އެ ފުރުސަތު ލިބުމާ އެކީގައި. އަޅުގަނޑުމެން ބުރާސްފަތި ދުވަހުން ފެށިގެން ފުވައްމުލަކާއި ގަމަށް ދެ ސެކްޓާއަށް ކުރަމުންދާ ދަތުރުތަކުގެ ފިރިކުއެންސީ އިތުރުކުރާނަން." މޫސަ ވިދާޅުވިއެވެ.

އައްޑޫ އާއި ފުވައްމުލަކަށް މޯލްޑިވިއަނުން ކުރާ ދަތުރުތައް މަދުވެފައި ވަނީ ކޮވިޑް-19 އާ ގުޅިގެން ދަތުރުކުރާ މީހުންގެ ނިސްބަތް ދަށްވެ، ފްލައިޓްތަކަށް އޮންނަ ޑިމާންޑް ކުޑަވުމުގެ ސަބަބުންނެވެ.

އަދި އެ ދަތުރުތަކުގެ އަގު އިތުރަށް ބޮޑު ނުވާކަން އެ ކުންފުނިން ފާހަގަކުރެއެެވެ.

ރާއްޖެ އިން ކޮވިޑް-19 ފެނިފައިވާ މި އުނދަގޫ ހާލަތުގައި އެހީތެރިކަން ބޭނުން ވެއްޖެ ހިނދެއްގައި، ގައުމަށް ހިދުމަތް ކޮށްދިނުމަށް އައިލެންޑް އޭވިއޭޝަން އޮތީ ތައްޔާރަށް ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވަނީ ވިދާޅުވެފައެވެ.

ގައުމީ އެއާލައިންގެ ހައިސިއްޔަތުން، ދައުލަތުގެ ކަމާބެހޭ އިދާރާތަކުން އެހީތެރިކަން ބޭނުންވެއްޖެ ހާލަތެއްގައި އެ ކުންފުނިން އޮޕަރޭޓް ކުރާ ކާގޯ ފްލައިޓުތަކާއި މުވައްޒަފުން ތިބީ އެކަމަށް ތައްޔާރުވެގެން ކަމަށެވެ. އަދި އެ ކުންފުންޏާ އެކުގައި މަސައްކަތް ކުރާ ރާއްޖޭގެ އެހެން އެއާލައިންތަކުން ވެސް އޮތީ އެކަމަށް ތައްޔާރުގައި ކަމަށް މޯލްޑިވިއަނުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލިބެއްޔާ

    ހުވަދު އަތޮޅަށް ކުރާ ދަތުރުތަށް އިތުރު ކޮށްލަދީ.. ރައްޔިތުން އެންމެ ބޭނުންވާ ވަގުތުގައި ދަތުރުތަށް މަދު ކުރުމަކީ ދެރަކަމެއް..

  2. ކީކޭ ބުނާނީ

    އަޑު އިވުނު އަދިވެސް މިކަން ލަސްވަނީ ޕައިލެޓުން އެއްބަސް ނުކުރެވިގެން އުޅޭތީއޭ.
    މެނޭޖްމެންޓް ކަޑަވީމަ މިކަހަލަ ހުރިހާ ކަމެއްވެސް ވާނެ