ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން ރޯދަ މަހަށް ހާއްސަކޮށްގެން ފިޔާ، އަލުވި އަދި ބިހުގެ އާ ޝިޕްމަންޓެއް ރާއްޖެ ގެނެސްފިއެވެ.
އެސްޓީއޯގެ އޮފިޝަލަކު "ވަގުތަށް" ވިދާޅުވީ މިފަހަރު ޝިޕްމަންޓް ގެނެސްފައި ވަނީ އަވަށްޓެރި އިންޑިއާ އިން ކަމަށެވެ. އަދި މިއީ ރޯދައާ ދިމާކޮށް ގެނައި ޝިޕްމަންޓެއް ކަމަށާއި މިފަދަ އިތުރު ޝިޕްމަންޓެއް އަންނަ އާދިއްތަ ދުވަހު ވެސް ގެންނާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
Clearing of our latest perishables shipment #HappeningNow. Maintaining a sustainable supply of perishables has been and will always be of utmost importance to us. pic.twitter.com/cBmGeRknUu
— STO Plc (@stoplc) April 8, 2020
މިހާރު ހަލުވިކަމާ އެކު ފެތުރެމުން އަންނަ ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއަށް އެއްވެސް ވަރަކަށް ކާބޯތަކެތީގެ ދަތިކަން ނާންނަ ގޮތް ހެދުމަށް އެސްޓީއޯ އިން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމުރު ވަނީ ރޯދައަށް ބޭނުންވާ ތަކެތީގެ ޝިޕްމެންޓުތައް މިފަހަރު ރައްޔިތުންނާ ހަމަޔަށް ކުރިން ފޯރުކޮށްދޭނެ ކަމަށް ވިދާޅުވެފައެވެ.
ފިޔާ އަދި ބިހުގެ އަގު ކޮންޓްރޯލްކޮށް، ގަވައިދާ ހިލާފުވާ ވިޔަފާރިތައް ޖޫރިމަނާ ކުރަނީ
އެސްޓީއޯ އިން ފިޔާ އަދި ބިހުގެ އާ ޝިޕްމަންޓު ގެނައި އިރު، ފިޔާ އަލުވި، ބިސް އަދި ރީނދޫ މުގުގެ އަގު ކޮންޓްރޯލްކޮށް ގަވައިދާ ހިލާފަށް އަގުބޮޑުކޮށް އެތަކެތި ވިއްކާ ފަރާތްތައް ޖޫރިމަނާ ކުރުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ނިންމައިފައެވެ.
އެގޮތުން ބިހެއް ވިއްކޭނެ އެންމެ ބޮޑު އަގަކީ 1.80ރ. ކަމަށް ވާއިރު ފިޔާ އަދި އަލުވި ކިލޯއެއް ވިއްކޭނެ އެންމެ ބޮޑު އަގަކީ 20ރ.އެވެ. ރީނދޫ މުގު ކިލޯއެއް ވިއްކޭނެ އެންމެ ބޮޑު އަގަކީ 45ރ.އެވެ.