ކ.ގާފަރުގައި ފިއުލެކްސްގެ ނަމުގައި ޕެޓްރޯލް ޝެޑެއް ހުޅުވައިފިއެވެ.

މި ޝެޑް ހުޅުވާފައި ވަނީ، މިދިޔަ ބުދަ ދުވަހުއެވެ. މި ޝެޑް ހުންނަނީ އެރަށު ބަނދަރުގެ ދެކުނު ފަރާތު ހުރަސް ޖެޓީގައެވެ.

މި ޝެޑުން ސައިކަލު، ކާރު، އަދި ޕިކަޕްތައް ފަދަ ހުރިހާ ވެހިކަލަކަށް ޕެޓްރޯލް އެޅުމުގެ ހިދުމަތް ދެމުން ގެންދާނެއެވެ. އަދި ދޯނި ފަހަރަށާއި، ލޯންޗް ފަހަރުތަަކަށް ބޭނުންވާ ޑީސެލާއި، ޕެޓްރޯލް އެޅުމުގެ ހިދުމަތްވެސް ދެމުން ގެންދާނެއެވެ.

"މިރަށުގައި އަލަށް އެފަދަ ހިދުމަތެއް ދޭން މި ފެށީ، މިއީ ގާފަރުގައި ޝެޑެއް ހުޅުވުނު ފުރަތަމަ ފަހަރު. މި ޝެޑް ހުޅުވުމަށް މަސައްކަތް ފެށިތާ އަދި ވާނީ ހަ މަސް" ފިއުލެކްސްގެ އޮފިޝަލަކު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މީގެ ކުރިން އެއްގަމު އުޅަނދު ފަހަރުތަކަށް ޕެޓްރޯލް އަޅަމުން ގެންދިޔައީ، އާއްމު މީހުން މާލެއިން ހަންހަމުގައި ޕެޓްރޯލް ގެނެސްގެން ވިއްކައިގެންނެވެ. އެކަން ރަސްމީކޮށް އެއްވެސް ފަރާތަކުން ކޮށްފައެއް ނުވެއެވެ. އަދި ދޯނި ފަހަރުތަަށް ޑީސެލް އަޅަމުން ގެންދަނީ މާލެއިންނެވެ.

އެރަށު ކައުންސިލުން ތެޔޮ ބިމެއް ކުއްޔަށް ދިނުމަށް ކުރި އިއުލާނާއެކު ފިއުލެކްސްއިން ވެސް އެކަމަށް އެދި ކުރިމަތިލީ މި އަސާސީ ހިދުމަތް ރަށުގެ ރައްޔިތުންނަށް ފަސޭހަމަމާއި އެކު ފުރިހަމަ ގޮތުގައި ފޯރުކޮށް ދިނުމުގެ އަޒުމުގައި ކަމަަށްް އެ ކުންފުނިން ބުނެއެވެ.