ތެލުގެ އަގު ހިފެހެއްޓުމެއް ނެގި ދަށަށް ދަމުންދާ ދިއުން ހުއްޓުވަން އެންމެ ގިނައިން ތެޔޮ އުފައްދާ ގައުމުތަކުން ފާއިތުވި ހަތަރު ދުވަހު ކުރި މަޝްވަރާތައް އެންމެ ފަހުން އެއްބަސްވުމަކަށް އައިސްގެން ނިންމާލައިފިއެވެ. އެއްބަސް ވެފައި ވަނީ މިހާރު ދުވާލަކު އުފައްދަމުން ގެންދާ ތެލުގެ ތެރެއިން ދުވާލަކު 9.7 މިލިއަން ފީފާގެ ތެޔޮ މަދުކުރާށެވެ.

ތެލުގެ އަގު ހިފެހެއްޓުމެއް ނެތި ދަށަށް ދާތީ ތެލުގެ އަގު ހިފެހެއްޓުމަށް އަޅާނެ ފިޔަވަޅުތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރީ ޕެޓްރޯލިން އެކްސްޕޯޓިން ކަންޓްރީސް ނަމަކަށް ކިޔާ ޖަމިއްޔާގައި ހިމެނޭ ގައުމުތަކާއި އޯޕެކްގައި ހިމެނޭ ގައުމުތަކުގެ ތެލާއި ބެހޭ ވަޒީރުންނެވެ.

ތެޔޮ އުފައްދާ މިންވަރު މަދުކުރުމަށް ކުރި މަޝްވަރާތަކުގައި ފުރަތަމަ މަސައްކަތް ކުރީ ދުވާލަކު ދިހަ މިލިއަން ފީފާ މަދުކުރާށެވެ. އެއަދަދަށް ތެޔޮ އުފެއްދުން މަދުކުރަން ގިނަ ގައުމުތަކުން ބުރާސްފަތި ދުވަހު އެއްބަސްވި ނަމަވެސް ފައިނަލް އެއްބަސްވުމަކަށް ނާދެވުނީ މެކްސިކޯ އިން އެގޮތައް އެއްބަސްވުނުމުންނެވެ. ދުވާލަކު 20 މިލިއަން ފީފާ މަދުކުރަން ވެސް އޯޕެކްގެ ގައުމުތަކުން އެއްބަސްވިއެވެ. ނަމަވެސް ކެނެޑާ އާއި ނޯވޭ އިން ވަނީ އެއަދަދަށް ތެޔޮ އުފެއްދުން މަދުކުރަން ދެކޮޅު ހަދާފައެވެ.

ތެޔޮ އުފެއްދުން މަދުކުރަން އެއްބަސްވާ ޖުމްލަ އަދަދަށް ތެޔޮ އުފެއްދުން މަދުކުރަނީ އެކި ގައުމުތަކަށް ބަހާލައިގެން އެގައުމަކަށް ޖެހޭ ނިސްބަތަކުން ތެޔޮ އުފެއްދުން މަދުކޮށްގެންނެވެ.

މިހާރު ތެޔޮ އުފެއްދުން މަދުކުރުމުން ތެލުގެ އަގު ކޮންމެވެސް ވަރަކަށް އުފުލޭނެ ކަމަށް ބެލެވެއެވެ. ކޮވިޑް-19 އާއި ގުޅިގެން ދުނިޔެ ހުއްޓުމަކަށް އައިސްފައި ވުމުން ތެލަށް އޮންނަ ޑިމާންޑް ފާއިތުވި ދެމަހެއްހާ ދުވަހު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. ނަމަވެސް ތެޔޮ އުފައްދާ މިންވަރު މަދުކުރަން ހާއްސަކޮށް ސައުދީ އަރަބިއްޔާ އިން އައީ ދެކޮޅު ހަދަމުންނެވެ.