ކޮވިޑް-19 އާ ގުޅިގެން މާލެ ސިޓީ ފުރަބަންދު (ލޮކްޑައުން) ކޮށްފައި ވާތީ މޯލްޑިވިއަން އިން ކުރަމުންދާ ރާއްޖޭގެ އެތެރޭގެ ވައިގެ ދަތުރު ފަތުރުތައް މެދުކަނޑާލައިފިއެވެ.

މޯލްޑިވިއަން އިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، ކޮވިޑް-19 އާ ގުޅިގެން މާލެ ސިޓީ ފުރަބަންދު ހާލަތަށް ގެނެސްފައިވާތީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ވަކި ގޮތަކަށް އަންގަންދެން އެތެރޭގެ އުދުހުންތައް މިވަގުތަށް މެދުކަނޑާލާފައިވާ ކަމަށެވެ.

މާލެ ސިޓީ ފުރަބަންދުކޮށްފައި ވަނީ، މާލެ އިން ކޮވިޑް-19 އަށް މީހަކު ފައްސިވުމާއި ގުޅިގެންނެވެ. މާލެ ފުރަބަންދުކޮށްފައި ވަނީ 24 ގަޑިއިރަށެވެ.

މާލެ ސިޓީ ފުރަބަންދު ކުރުމާއި ގުޅިގެން މާލެ، ހުޅުމާލެ، ވިލިމާލޭގައި އެއްގަމު އުޅަނދު ދުއްވުން މަނާކުރުމާއި އާންމުން ތަންތަނަށް ނުކުތުން ވަނީ މަނާކޮށްފައެވެ. އަދި މާލެ، ހުޅުމާލެ، ވިލިމާލޭގައި ޕަބްލިކް ޓްރާންސްޕޯޓް (ބަހާއި ފެރީގެ) ހިދުމަތްތައް ވަނީ ހުއްޓާލަން އަންގާފައެވެ. އަދި މީގެ އިތުރުން، މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި، ގުޅިފަޅަށް މީހުން އަރައި ފޭބުން ހުއްޓާލަން ވަނީ އަންގާފައެވެ. އަދި މީގެ އިތުރުން، މާލެ ސަރަހައްދުން އުޅަނދުތައް ފުރުން ވަނީ މަނާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފްލައީ

    ހަމައެކަނި އެތެރޭގެ އުދުހުންތޯ ހުއްޓަވާލެއްވީ