ވޭތުވެދިޔަ އަހަރުގެ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެންމެ ރަނގަޅު މުވައްޒަފަކަށް ޕްރޮޕަޓީސް ޔުނިޓުގެ މޫސާ މުޙައްމަދު ހޯދައިފިއެވެ.

2017 ވަނަ އަހަރު ޤައުމީ ބޭންކު (ބީއެމްއެލް) ގައި ގައި އެންމެ ރަނގަޅަށް މަސައްކަތް ކުރި މުވައްޒަފުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ރޭ ދަރުބާރުގޭގައި ބޭއްވި ބީއެމްއެލްގެ އަހަރީ އެވޯޑު ދިނުމުގެ ހަފްލާގައި އެވޯޑްތައް ހާސިލުކުރި ފަރާތްތަކަށް އެވޯޑް ހަވާލުކޮށްދެއްވީ ބޭންކް އޮފް މޯލްޑިވްސް ގެ ސީއީއޯ އެންޑްރޫ ހީލީ އާއި ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންނާޢި އެގްޒެކްޓިވް ކޮމިޓީގެ މެންބަރުންނެވެ.

ބީއެމްއެލް ސްޓާފް އެވޯޑް ހަފްލާގެ ތެރެއިން – ފޮޓޯ: ބޭންކް އޮފް މޯލްޑިވްސް

އަގުނުކުރެވޭނެ ޚިދުމަތްތައް ކޮށްދެއްވި މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ގޮތުން ރޭގެ އެވޯޑް ހަފްލާގައި 17 އެވޯޑެއް ދީފައިވާއިރު، ބޭންކް އޮފް މޯލްޑިވްސް އެންމެ ރަނގަޅު މުވައްޒަފުގެ އެވޯޑް ޕްރޮޕަޓީސް ޔުނިޓުގެ މޫސާ މުޙައްމަދު ހޯދާފައިވާއިރު، ބެސްޓް ލީޑަރު އެވޯޑް ހޯދާފައިވަނީ އިންފޮމޭޝަން ޓެކްނޮލޮޖީ ޑިވިޜަންގެ ހުޝާމް ސައީދެވެ. ސީއީއޯ އެވޯޑް ފޮރ އައުޓް ސްޓޭންޑިންގ އެޗީވްމަންޓް އެ ބޭންކުގެ ސްޓްރެޓެޖިކް ޕްލޭނިންގ އެންޑް ޗޭންޖު ޑިވިޜަންގެ މޫސާ މުންސިފް އަދި ކްރެޑިޓް ޑިވިޜަނަށް ލިބިފައިވާއިރު، އެކްސެޕްޝަނަލް ކޮންޓްރިބިއުޝަން އެވޯޑް ހޯދާފައިވަނީ ބީއެމްއެލްގެ ޕީޕަލް އެންޑް ޗޭންޖު ޑިވިޜަންގެ ސަހާ ވަހީދެވެ.

ކުލަގަދަ އެވޯޑް ނައިޓުގައި ވާހަކަފުޅު ދައްކަވަމުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވޫ، ބޭންކް އޮފް މޯލްޑިވްސް މުވައްޒަފުންގެ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް އަދި ފަޚުރެއް ކަމަށެވެ.

ބީއެމްއެލް ސްޓާފް އެވޯޑް ހަފްލާގައި ސީއީއޯ ވާހަކަފުޅު ދައްކަވަނީ – ފޮޓޯ: ބޭންކް އޮފް މޯލްޑިވްސް

"ބޭންކް އޮފް މޯލްޑިވްސް މުވައްޒަފުންގެ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް އަދި ފަޚުރެއް. ބޭންކުގެ ކާމިޔާބުގެ ފަހަތުގައިވާ އަދި އަވޯޑް ލިބުނު ލިބުނު ފަރާތްތަކަށާއި އެވޯޑަށް ނޮމިނޭޓްވި ފަރާތްތަކަށް ތަހްނިޔާ ކިޔަން. އަދި އަޅުގަނޑުމެންގެ ހުރިހާ މުވައްޒަފުންގެ އަގު ނުކުރެވޭނެ ޚިދުމަތްތައް ފާހަގަކުރަން." ހީލީ ވިދާޅުވިއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ހުނަރުވެރި މުވައްޒަފުންގެ އަގު އެވޯޑް ހަފްލާއަކުން ވަޒަންކޮށްފައިވާއިރު، ވޯލްޑް އެޗްއާރުޑީ ކޮންގްރެސް އާއި އެމްޕްލޯޔަރ ބްރޭންޑިންގ އިންސްޓިޓިއުޓް އިން ދޭ ޝަރުފުވެރި އެވޯޑް "އޭޝިޔާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑް" އެ ބޭންކުން ވޭތުވެދިޔަ އަހަރު ހޯދާފައިވާކަން ފާހަގަ ކޮށްލެވެއެވެ.