ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް)އިން އަތޮޅުތެރޭގައި ކުރަމުންދާ އިންެވެސްޓްމަންޓް އިތުރަށް ފުޅާކުރުމުގެ ގޮތުން ގއ. މާމެންދޫ އަދި ގއ. ނިލަންދޫގައި އޭޓީއެމްއެއް ބަހައްޓައިފިއެވެ.

ބީއެމްއެލް އިން ބުނީ، މި ޚިދުމަތް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބިގެންދާނެ ކަމަށެވެ.

މި ފެށުނު އޭޓީއެމް ޚިދުމަތާއެކު މިވަގުތު ގއ. އަތޮޅު ވިލިނގިލީގައި ބްރާންޗް އަދި ސެލްފް ސަރވިސް ބޭންކިންގ ޚިދުމަތް މިދަނީ ދެވެމުންނެވެ. މީގެ އިތުރުން ގއ. އަތޮޅުގެ 6 ރަށެއްގައި މިވަނީ އޭޓީއެމް ސެންޓަރތައް ގާއިމްކުރެވިފައެވެ. މި ރަށްތަކަކީ ކޮލަމާފުށި، ދާންދޫ، މާމެންދޫ، ނިލަންދޫ ،ގެމަނަފުށި، އަދި ކޫއްޑޫ އެވެ. އަދިމީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ގާއިމްކޮށްފައިވާ ކޭޝް އޭޖެންޓް މެދުވެރިކޮށް ބީއެމްއެލް އިން ދަނީ ކަސްޓަމަރުންނަށް ފައިސާ ނެގުމުގެ ޚިދުމަތް ދެމުންނެވެ.

ބީއެމްއެލް ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ، ކޮވިޑް-19ގެ މި ދަނޑިވަޅުގައިވެސް މުޅި ރާއްޖެއަށް ބޭންކިންގ ޚިދުމަތްފުޅާކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

"މި ގޮތުން ރާއްޖޭގެ އެންމެ އާބާދީ ބޮޑު އެއް އަތޮޅުކަމަށްވާ ހުވަދު އަތޮޅުގެ އިތުރު ދެ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމްކުރެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. މި ދެރަށުގެވެސް އާންމު ފަރުދުންނަށާއި، ވިޔަފާރިތަކަށް ބޭންކިންގ ޚިދުމަތް ހޯދުމަށް މި އޭޓީއެމް ސެންޓަރތަކުގެ ސަބަބުން އިތުރު ލުއި ފަސޭހަކަމެއް ލިބިގެންދާނެ." އޭނާ ވިދާޅުވިއެވެ.

ބީއެމްއެލްގެ ބޮޑަށް ބާރު އަޅަނީ ބޭންކިންގ ޚިދުމަތް ހޯއްދެވުމަށް އިންޓަރނެޓް އަދި މޮބައިލް ބޭންކިންގ ބޭނުންކުރެއްވުމެވެ. އަދި ފައިސާ ދެއްކުމަށް މޮބައިލްޕޭ ފަދަ ފަސޭހަ އޮންލައިން ޚިދުމަތްތައް ބޭނުން ކުރުމަށެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 55 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 116 އޭޓީއެމް، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މޮޔަސޮރު

    ގުރަ އިދޫގެ އޭޓީ އެމް ހުޅުވަނީ ކޮން ދުވަހަކު ވަރަށްދަތިކޮށް މި އުޅެނީ