މާލޭގައި ކޮވިޑް-19 ގެ ނުރައްކާތެރި ބަލިމަޑުކަން ފެތުރެމުން ދާތީ، މިހާރު އިއުލާނު ކޮށްފައިވާ ފުރަބަންދާ ގުޅިގެން މާލޭގައި ދިރިއުޅޭ އާއިލާތަކަށް ދިމާވެފައިވާ ދަތިތަކަށް ކެތްތެރިވުމަށާއި، މި ނާޒުކު ދަނޑިވަޅުގައި ދިމާވާ ގޮންޖެހުންތަކާ އެކުވެސް ރައްޔިތުންނަށް ބޭނުންވާ ތަކެތި ފޯރުކޮށްދީ ޚިދުމަތް ދިނުމުގައި ދެމިތިބޭނެ ކަމަށް، މާލޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ "ވީބީ ބްރަދާސް" ގެ މެނޭޖިންގް ޑިރެކްޓަރ، ހަސަން ޝިޔާމް ވިދާޅުވެއްޖެއެވެ.

ރާއްޖެ ދެކެމުން މިދާ ކޮވިޑް-19 ގެ މި ހާލަތާއި ގުޅިގެން ހަސަން ނެރެފައިވާ ބަޔާނެއްގައި ވަނީ، މިވަގުތު ރާއްޖޭގެ އެންމެން ވެސް ދަތުރުކުރަމުން މިދަނީ ގަދަ ކަނޑެއްގެ ތެރޭގައި ކަމަށާއި، ރާއްޖެ އާއި މުޅި ދުނިޔޭގައި ވެސް ވައިރަސްގެ ހާލަތު ދުވަހެއް ދުވަހަކަށް ބަދަލުވަމުން އަންނަ އިރު، ރައްޔިތުން ކުރިމަތިލާން ޖެހިފައި މިވަނީ އުނދަގޫ ދުވަސްތަކަކާ ކަމަށެވެ.

ހަސަން ވިދާޅުވީ، މީގެ ދުވަސްތަކެއް ކުރީން، ކޮވިޑް-19 ފެތުރުން ހުއްޓުވުމަށްޓަކައި ސިންގަޕޫރާއި އެމެރިކާ އަދި އިނގިރޭސިވިލާތް ފަދަ ގައުމުތައް ފުރަބަންދު ކުރުމުގެ ކުރީން، އެގައުމުތަކުގެ ރައްޔިތުން ވެސް އަވަސްވެގަތީ ގެތަކަށް ބޭނުންވާ ތަކެތި ގިނަ އަދަދަކަށް ގަނެ ވެއްދުމަށް ކަމަށެވެ. އެ ގައުމުތަކުގައި ވެސް ފުރަބަންދުގެ ފުރަތަމަ ދުވަސްކޮޅު ޑެލިވަރީގެ ޚިދުމަތްދޭ ފަރާތްތަކަށް އޮބިނޯންނަވަރުވެ، ބޮޑެތި ސުޕަމާކެޓް ޗެއިންތަކުގެ ޑެލިވަރީ ޚިދުމަތަށް ބާރުބޮޑުވެ ހުއްޓާލާ ހިސާބަށް ވެސް ދިޔަ ކަމަށް ހަސަން ވިދާޅުވިއެވެ.

ރާއްޖޭގައި ވެސް ތަޖުރިބާ ކުރަމުން މިދަނީ އެފަދަ ހާލަތެއްކަން ސިފަކުރައްވަމުން، ހަސަންގެ ބަޔާނުގައި ވިދާޅުވެފައި ވަނީ، އެޗްޕީއޭއިން މާލެ ފުރަބަންދު ކުރުމަށް ނިންމުމާއެކު މިދިޔަ ބުދަ ދުވަހު މެންދުރުފަހު މާލޭގެ ހުރިހާ މާޓުތަކާއި ފިޔާރަތަކަށް ގިނަ އަދަދެއްގެ ބަޔަކު ޖަމާވެ ދިގު ކިޔޫތައް ދަމާލިތަން ފެނިގެން ގޮސްފައިވާ ކަމަށެވެ. އެއަށްފަހު ފުރަބަންދުގެ މުއްދަތާއި އެކު، ދުނިޔޭގެ ވަސީލަތްތައް ގިނަ ކުރިއަރާފައިވާ ގައުމުތަކުގެ ޑެލިވަރީ ނިޒާމަށް ބުރޫއަރައިގެން ދިޔަ ފަދައިން، ރާއްޖޭގައި ވެސް އެ ޚިދުމަތް އިންތިހާއަށް ބާރުބޮޑުވެފައިވާ ކަމަށް ހަސަން ވަނީ ވިދާޅުވެފައެވެ.

"މިއީ ރާއްޖެއިން ކާބޯތަކެތި ހުސްވުމުގެ ބަދަލުގައި ޕެނިކް ބައިން ނުވަތަ ބިރުވެރިކަން އުފެދުމާ ގުޅިގެން ގިނަ ބަޔަކު އެއްފަހަރާ ތަކެތި ގަންނަން މަސައްކަތް ކުރުމުގެ ސަބަބުން ކުރިމަތިވެފައިވާ ޙާލަތެކެވެ. މިފަދަ އާދަތަކުން ދުރުވުމަށް އަޅުގަނޑުމެން މަސައްކަތް ކުރިޔަސް، މިފަދަ ނާޒުކު ދަނޑިވަޅެއްގައި މުޖުތަމަޢުގެ ތެރޭގައި ކޮންމެވެސް ވަރަކަށް މިފަދަ ކަންކަން ހިނގާނެކަން އަޅުގަނޑުމެން އެންމެންވެސް ޤަބޫލުކުރަންވާނެއެވެ." ހަސަން ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ، ކަން މިހެން އޮތްނަމަވެސް ފުރަބަންދުގެ މުއްދަތު ދިގުދެމިގެންދާ ވަރަކަށް މިހާލަތަށް އެހެން ޤައުމުތަކެކޭވެސް އެއްފަދައިން، ރާއްޖޭގެ ރައްޔިތުންވެސް ހޭނެމުންދާނެ ކަމަށާއި، އެއްފަހަރާއި ގިނަ ބަޔަކު ބޮޑެތި އަދަދުތަކުން ތަކެތި ގަތުންވެސް އޭރުން ހުއްޓުމަކަށް އަންނާނެކަން ހަނދާނުގައި ބަހައްޓަންޖެހޭނެ ކަމަށެވެ. އެހާ ހިސާބުން ޑެލިވަރީގެ ޚިދުމަތްދޭ ފަރާތްތަކަށް ލުއިވެ، އޯޑަރުކުރާ ތަކެތި ދުވަހުން ދުވަހަށް ނުވަތަ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ރައްދުކޮށްދެވޭ ވަރު ވާނެ ކަމަށާއި، އެހެންކަމުން މި ދުވަސްކޮޅުގައި އޮތީ ކެތްތެރިކަން އިސްކުރުން ކަމަށް ހަސަން ވިދާޅުވިއެވެ.

ހަސަން ވިދާޅުވެފައި ވަނީ، ޑެލިވަރީގެ ޚިދުމަތް ފުޅާކުރުމަށް ވީބީ އިން ގިނަ ފިޔަވަޅުތަކެއް އަޅާފައިވާއިރު، މި ހާލަތުގެ ނާޒުކުކަން ދަނެގަނެ، މީގެ ކުރިން ދުވަހަކު ވެސް ނުލިބޭ ވަރުގެ ގިނަ އަދި ބޮޑެތި އޯޑަރުތަކަށް އެއްފަރަހާ ޚިދުމަތް ދިނުމުގައި ވިޔަފާރިތަކަށް ކުރިމަތިވާ ގޮންޖެހުންތަކުގެ ބޮޑުކަން ތަސައްވުރުކުރުން އެއީ ހުރިހާ ފަރާތްތަކުންވެސް މިދަނޑިވަޅުގައި ކުރަންޖެހޭނެ ކަމެއް ކަމަށެވެ.

"މި ގޮންޖެހުންތަކާ އެކުވެސް، އަޅުގަނޑުމެން މިތިބީ ތިބޭފުޅުންގެ ޚިދުމަތުގައެވެ. އަޅުގަނޑުމެންގެ ހީވާގި ޓީމުން ކެނޑިނޭޅި މަސައްކަތް ކުރަމުން ދަނީ، އެފަރާތްތަކުގެ އަމިއްލަ އަދި އާއިލާގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ބިރުވެރިކަން އެއްފަރާތް ކުރުމަށްފަހު ތިޔަ އެންމެ ބޭފުޅުންގެ ޚިދުމަތުގައެވެ. އަޅުގަނޑުމެން ދެކޭ ގޮތުގައި މިއީ ގައުމީ ވާޖިބެކެވެ. ޒިންމާދާރު ވިޔަފާރިއެއްގެ ހައިސިއްޔަތުން، މި ނާޒުކު ދަނޑިވަޅުގައި ތިޔަބޭފުޅުންނަށް ޚިދުމަތް ކުރުމަކީ އަޅުގަނޑުމެންގެ މަސްއޫލިއްޔަތެއް ކަމަށް ދެކެމެވެ." ހަސަން ވިދާޅުވެފައި ވެއެވެ.

ހަސަން ވިދާޅުވީ، މިހާލަތަށް ހޭނެމުންދާ މި ދަނޑިވަޅުގައި އެފަރާތާއެކު މަސައްކަތް ކުރުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށާއި، އެއްބަޔަކު އަނެއްބަޔަކަށް އަޅާލުމާއި އޯގާތެރިކަން ދެމެހެއްޓުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމަށެވެ. އަދި މި ހާލަތުގައި ރައްޔިތުން ދައްކަންވީ ނަމޫނާއަކީ، މިފަދަ ކޮންމެ ހާދިސާއަކާއި ކާރިސާއެއްގެ ވަގުތުގައި ވެސް ދިވެހީން ދައްކާފައިވާ ނަމޫނާ ކަމަށާއި، "ދުރުގައި ތިބެން ޖެހުނުކަމުގައި ވީނަމަވެސް، އެންމެން އެކުގައި ގުޅިގެން މަސައްކަތް ކުރުން" ކަމަށެވެ.

ވީބީ އިން ވަނީ މި ދަނޑިވަޅާއި ދިމާކޮށް ވަރަށް ޚާއްސަ ޕްރޮމޯޝަނެއް ވެސް ފަށައިފައެވެ. 100 ރުފިޔާއިން މަތީގެ ވިޔަފާރިކުރާ ފަރާތްތަކަށް ބައިވެރިވެވޭ މި ޕްރޮމޯޝަންގެ ދަށުން، ކޮންމެ ދުވަހަކު ވެސް ހޮވޭ ނަސީބުވެރި ފަރާތްތަކަށް ވީބީ އިން އަންނަނީ 1000 ރުފިޔާގެ އަގުހުރި ވައުޗާއެއް ދެމުންނެވެ. މި ޕްރޮމޯޝަން، އޭޕްރިލް 24 ވަނަ ދުވަހާއި ހަމައަށް ކުރިޔަށްދާނެއެވެ.

ވިބީއިން ތަކެއްޗަށް އޯޑަރު ކުރުމުން ގެޔަށް ޑެލިވަރީ ކޮށްދެމުން ދާއިރު، ވީބީގެ ފިހާރަތަކުން ވަނީ އޯޑަރު ކުރެވޭ ޚާއްސަ ވަގުތުތަކެއްވެސް ކަނޑައަޅައިފައެވެ. އެގޮތުން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 2:00 އަށް އަދި މެންދުރުފަހު 3:00 އިން އިރުއޮއްސި 6:00 އަށް އަދި ރޭގަނޑު 8:00 އިން 11:00 އާއި ހަމައަށް ވީބީގެ ކޮންމެ ފިހާރައަކުން ވެސް ތަކެއްޗަށް އޯޑަރު ކުރެވޭނެއެވެ.

ވީބީގެ ތިން ފިހާރައަކުން މި ޚިދުމަތް ދެމުން ދާއިރު، އޭގެތެރޭގައި ހިމެނެނީ ވީބީ ހެންވޭރު (ހޮޓްލައިން/ވައިބާ: 9152007)، މައްޗަންގޯޅި އާއި ގަލޮޅު (ހޮޓްލައިން/ވައިބާ: 9633855) އަދި މާފަންނު (ހޮޓްލައިން/ވައިބާ: 9634745) އެވެ. މިއިން ކޮންމެ ފިހާރައަކުން ވެސް ތަކެއްޗަށް އޯޑަރުކޮށްގެން މިހާރު ވީބީ އިން ކުރިޔަށްގެންދާ ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ސްޓޭއި ހޯމު

    ފޯނު ނުނަގާ އެއްޗެއް ނުލިބުނަސް އޯޑަރު ކުރުމުގައި ދެމިތިބޭނަމެވެ،

    9
    1
  2. ގައިދުރުކޮށް ތިބޭ

    ލިސްޓް ވައިބަރ ކުރީމާވެސް ކުޑަވެގެން ލިބުނުކަންވެސް އެންގޭވަރުގެ ބަޔަކަށް ކޮން ޚިދުމަތެއްގާ ތޯ ދެމި އެތިބެވެނީ! ތެދު ވެރިކަން ނެތިދިޔުމުން މިކަހަލަ ބަލިތަށް ވެސް ފޮނުއްވާނެ!

    11
    1
  3. އަހްމަދު

    ހަސަން އަހަންނަކީވެސް ގަލޮޅުގައުޅޭވީބީގެކަސްޓަމަރެއް ގަލޮޅުދެއްވާފައިން ނަމްބަރުންއެއްވެސްކަހަލަ އެހީތެރިކަމެއްނުލިބިމިދަނީ ކެއްތެރިކަމާއެކުގޭގަމިތިބެނީ ހުރިހާފިހާރައަކަށްވެސް ބާރުބޮޑުކަންގަބޫލުވެސްކުރަން ހިދުމަތްއިތުރައްފުޅާކޮށް ޑެލިވަރީގެ ހިދުމަތްލިބޭނެކަމައް އުންމީދުކުރަން

    7
    1
  4. ????

    ދީބަލަ މިޙަސަނުގެ ނަންބަރ

  5. ައަހުމަދު

    ދީފަ ތިބި ނަންބަރު ތަށް ގެނގުޅެނީ ދިރިހުރި ބައެއް ހެން ހިޔެއްނުވޭ އެނޫންނަމަ ފޯން ނަގާނެތާ ނޫނީ ވައިބަރ މެސެޖް އަށް ޖަވާބު ދޭނެތާ ދޯ ، ރަނގަޅުވާނީ ހިދުމަތެއް ނުދެވެންޏާ އެހިދުމަތް ލިބޭނެޔޭ ކިޔައިގެން ފޮނިނުކެނޑުން އެއިރުން އެހެންމީހުން ތިތަނަށް ގުޅަން ވެގެން ހޭދަކުރާ ބޭކާރު ވަގުތު ސަލާމަތް ވާނެ.