މާލެ ސިޓީން ކޮވިޑް-19 ފެނުމާއި ގުޅިގެން މާލެ ސިޓީ ފުރަބަންދުކޮށްފައިވާ މި ދަނޑިވަޅުގައި އެސްޓާސް އިން ޑެލިވަރީ ހިދުމަތް ފަށައިފިއެވެ.

އެސްޓާސް އިން ބުނީ، މާލޭގައި ހިންގަމުންދާ އެ ކުންފުނީގެ ފިހާރައިން މިހާރު ޑެލިވަރީ ހިދުމަތް ދެމުންގެންދާނެ ކަމަށާއި، އެސްޓާސް އިން ގަންނަ ތަކެތި ގެންގޮސް ދޭނީ ގްރައުންޑް ފްލޯއާއި ހަމައަށެވެ.

އެސްޓާސް އިން މާލެ އާއި ހުޅުމާލެއަށް ޑެލިވަރީ ހިދުމަތް ދެމުން ގެންދާނެއެވެ.

"އެންމެންގެ ރައްކާތެރިކަމަށްޓަކައި އަޅުގަނޑުމެންގެ ކަސްޓަމަރުން ދިރިއުޅޭ އިމާރާތައް ނުވަންނާނަން. އަޅުގަނޑުމެން އެ ޕްރޮޑަކްޓެެއް ބަހައްޓާދޭނީ އެ އިމާރާތެއްގެ ބޭރު މަގުމަތީގައި، އަދި ކަސްޓަމަރު އެ އައިޓަމް ނެގުމުން، އަޅުގަނޑުމެން ފޮޓޯއެއް ނަގައި، ޑެލިވަރީ ކުރެވުނު ކަން ކަށަވަރު ކުރާނަން". އެސްޓާސް އިން ބުންޏެވެ.

އެސްޓާސް އިން މި ދުވަސްވަރު އެއްވެސް އެއްޗެއް އިންސްޓޯލްކޮށް ނުދޭނެއެވެ. އަދި ކަސްޓަމަރާއި އެސްޓާސްގެ މުވައްޒަފާއި ނުވަ ފޫޓު ދުރުމިން ބެހެއްޓުމަށްވެސް އެސްޓަސް އިން ވަނީ އެދިފައެވެ.

ގޭތެރެއަށް ބޭނުންވާ ހުރިހާ ސާމާނުތަކާއި، އޮފީސްތަކަށް ބޭނުންވާ ހުރިހާ ސާމާނެއް ވިއްކަމުން އަންނަ އެސްޓާސް އިން ބުނީ، 500 ރުފިޔާއަށް ވުރެ މަތިން ކުރާ ކޮންމެ ވިޔަފާރިއެއް ޑެލިވަރީ ކޮށް ދޭނެ ކަަމަށެވެ. އަދި 500 ރުފިޔާއިން ދަށުން ކުރާ ކޮންމެ ވިޔަފާރިއެއް ޑެލިވަރީކޮށް ދޭނީ 100 ރުފިޔާގެ ޗާޖަކާއި އެކުގައި ކަމަށް އެސްޓާސް އިން ބުންޏެވެ.

މީގެ އިތުރުން އެސްޓަސް އިން ބުނީ، އެސްޓާސްގެ ފިހާރަ ވަނީ ބަންދުކޮށްފައި ނަމަވެސް، މަގުމަތީގައި އުޅުމުގެ ހުއްދަ ލިބިފައިވާ ފަރާތާއި، ޑެލިވަރީ ހިދުމަތް ލިބިފައިވާ ފަރާތްތަކަށް ބޭނުންވާ އެއްޗެއް ފިހާރައިގެ ބޭރުގައި ހުރެގެން ނެގުމުގެ ފުރުސަތު ދެވޭނެއެވެ. އަދި އެ ފަރާތްތައް ވާން ޖެހޭނީ ކުންފުންޏެއް ނަމަ އެ ކުންފުނީގެ ޔުނީފޯމްގައި ހުރި ފަރާތަކަށް ކަމަށްވެސް އެސްޓާސް އިން ބުނެފައި ވެއެވެ.

އެސްޓާސް އިން ވަނީ ގޭގައި ތިބެގެން ތަކެތި ގަތުމަށް އެހީއެއްގެ ގޮތުން ހާއްސަ އެޕްއެއްވެސް ލޯންޗް ކޮށްފައެވެ. އަދި އެސްޓާސް ވެބްސައިޓް މެދުވެރިކޮށްވެސް ތަކެތި ގަނެވޭނެއެވެ. މި ދުވަސްވަރު އެސްޓާސް އިން ތަކެތި ގަންނަ ފަރާތްތަކުން ޖެހޭނީ ބީއެމްއެލް އޮންލައިން ކާޑް ޕޭމެންޓް މެދުވެރިކޮށް ނޫނީ އެކައުންޓް ޓްރާންސްފާ ހަދައިގެން ފައިސާ ދައްކާށެވެ.