ކޮވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދު ފުރަބަންދު (ލޮކްޑައުން)ކުރުމާއި ގުޅިގެން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ވިޔަފާރި ބޭންކްތައް ހުޅުވާނެ ކަމަށް އެމްއެމްއޭ އިން ބުނެފިއެވެ.
އެމްއެމްއޭ އިން ބުނީ، ކުރިއަށްއޮތް ހަފްތާގައި ޒަރޫރީ ބޭންކިންގް ޚިދުމަތްތައް ދިނުމަށް އެމް.އެމް.އޭ. އަދި ބޭންކުތައް ހުޅުވުމަށް ހަމަޖެހިފައިވަނީ އާދީއްތަ އަދި ހޯމަ ދުވަހު ކަމަށެވެ. މިގޮތުން އެމްއެމްއޭ ހުޅުވާފައި ހުންނާނީ ހެދުނު 9:30 އިން މެންދުރު 12:30 އަށް ކަމަށާއި، ނަމަވެސް، އެމް.އެމް.އޭ. އިން މިދުވަހު އާންމުންނަށް ޚިދުމަތެއް ނުދޭނެ ކަމަށް ބުނެފައި ވެއެވެ.
މި ދެދުވަހު ބޭންކުތަކުން ފޯރުކޮށްދޭނީ ޓީޓީ ހެދުމާއި، ކުންފުނިތަކުން މުވައްޒަފުންނަށް މުސާރަ ދިނުމަށް ހަދާ އޭ.ސީ.އެޗް./އާރް.ޓީ.ޖީ.އެސް. ޕޭމަންޓުތައް ހެދުމާއި، ލެޓަރ އޮފް ކްރެޑިޓްގެ ޚިދުމަތް އަދި ރާއްޖޭންބޭރަށް ފައިސާ ފޮނުވުމުގެ ޚިދުމަތްތައް އެކަނި ކަމަށް އެމްއެމްއޭ އިން ބުނެފައި ވެއެވެ،
މި ހިދުމަތްތައް ހޯދުމަށް ބޭންކުތަކަށް ދިއުމުގެ ބަދަލުގައި، އެ ޚިދުމަތަކަށް އެދޭ ފޯމް ނުވަތަ ރިކުއެސްޓު އެ ބޭންކަކުން ހަމަޖައްސާފައިވާ ގޮތަކަށް އޮންލައިން ކޮށް ފޮނުވުމަށް އެމްއެމްއޭ އިން ވަނީ އެދިފައެވެ.
މި ދެ ދުވަހު ބޭންކުތައް ހުޅުވާ ގަޑިތަކާއި، ދޭ ޚިދުމަތްތަކާއި، އެ ޚިދުމަތްތައް ފޯރުކޮށްދޭ ގޮތުގެ ތަފްސީލު އެ ބޭންކަކުން އާންމު ކުރާނެއެވެ.
މާލެ ސިޓީ ފުރަބަންދުކޮށްފައި ވަނީ، މާލެއިން ކޮވިޑް-19 ފެނުމާއި ގުޅިގެންނެވެ.