ފުރަތަމަ ކުއާޓާގައި ބީއެމްއެލް އަށް 260 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.

ބީއެމްއެލް އިން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ހަރުދަނާ މާލީ ނަތީޖާއަކާ އެކު ބީއެމްއެލްއިން ފުރަތަމަ ކުއާޓަރ ގައި ރަނގަޅު ނަތީޖާއެއް ހޯދާފައިވާ ކަމަށެވެ.

"ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުންވެސް ރަނގަޅު ފައިދާތަކެއް ހޯދާފައިވުމާއެކު މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރ އާ އަޅާބަލާއިރު ހިންގުމުން ލިބުނު ފައިދާވަނީ %11 އިތުރުވެފައެވެ." ބީއެމްއެލް އިން ވިދާޅުވިއެވެ.

އަލަށް ބޭނުންކުރަން ފަށާފައިވާ އެކައުންޓިންގ ސްޓޭންޑަރޑް އައިއެފްއާރުއެސް 9 ގެ ދަށުން ލޯން ޕްރޮވިޜަންގެ ގޮތުގައި ބަހައްޓަން ޖެހޭ މިންވަރު އިތުރުވެފައިވީ ނަމަވެސް ކުއާޓަރގެ ހިސާބުތަކަށް ބަލާލާއިރު ޓެކްސްއަށް ކެނޑުމުގެ ކުރިން ބޭންކަށް ލިބުނު ފައިދާ ވަނީ 2017 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރ އާ އަޅާބަލާއިރު %3 އިތުރުވެފައި ކަމަށް ބީއެލްއެލް އިން ވިދާޅުވިއެވެ.

އެއް މިންގަނޑަކުން އަޅާބަލާއިރު ޓެކްސްއަށް ކެނޑުމުގެ ކުރިން ބޭންކަށް ލިބުނު ފައިދާ ވަނީ %13 އިތުރުވެފައެވެ. ލޯނު ދޫކުރެވުނު ނިސްބަތްވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެ، އަދި އުފެއްދުންތެރި ނޫން ލޯނުގެ ނިސްބަތް ވަނީ 2017 ވަނަ އަހަރު ނިމުނު އިރު ހުރި ނިސްބަތްކަމަށްވާ %4.1 އިން %3.2 އަށް ދަށްކުރެވިފައެވެ. ބޭންކުގެ ރައުސުލްމާލާއި ލިކުއިޑިޓީ ރޭޝިއޯ ވަނީ ޤާނޫނުން ލާޒިމްކުރާ މިންވަރަށް ވުރެ މަތީ މިންވަރެއްގައި ހިފަހެއްޓިފައި ކަމަށް ވެސް ބީއެލްއެލް އިން ވިދާޅުވިއެވެ.
މި އަހަރުވެސް ބީއެމްއެލް އިން ދަނީ މުޖުތައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހިންގާ އިންވެސްޓްމަންޓް ޕްރޮގްރާމް ހިންގަމުންނެވެ. އަދި މިދިޔަ ފެބްރުވަރީ މަހު އެކަނިވެސް "އަހަރެންގެ ބޭންކް" ގެ ދަށުން 28 ހަރަކާތްތަކެއް ވަނީ ހިންގާފައެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގުނު މި ހަރާކަތްތައް މެދުވެރިކޮށް ތައުލީމާއި ކުޅިވަރާއި އަދި ތިމާވެށީގެ ދާއިރާގެ އިތުރުން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް ވަނީ އެހީތެރިކަން ފޯރުކޮށްދެވިފައެވެ.

މިކަމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ "ކާމިޔާބުކަމާއެކު މިއަހަރު ފެށުނީތީވެ އަޅުގަނޑުމެން މިތިބީ ވަރަށް ހިތްހަމަޖެހިފަ. މިއީ ގިނަ މަސައްކަތްތަކެއް ކުރެވުނު ކުއާޓަރއެއް އަދި މިއަހަރުގެ ބާކީ އޮތް ދުވަސްތަކުގައިވެސް މި ބާރު މިނުގައި މަސައްކަތްތައް ކުރިޔަށް ގެންދިޔުމަށް އަޅުގަނޑުމެން ޚާއްސަ ސަމާލުކަމެއް ދޭނަން. މިދިޔަ ކުއާޓަރ އަކީ ވަރަށް ބުރަކޮށް މަސައްކަތްކުރަން ޖެހުނު ކުއާޓަރ އެއް ނަމަވެސް އަޅުގަނޑުމެންގެ މުވަައްޒަފުން ވަނީ ފާހަގަކޮށްލެވޭ ފަދަ ހީވާގި މަސައްކަތްތަކެއް ކޮށްފަ. ޚާއްސަކޮށް، އަޅުގަނޑުމެން ޚިދުމަތްދޭ މުޖުތަމައުތަކާ އޮތް ގާތްކަން އިތުރުކޮށް މުޖުތަމައުގެ މުހިންމު ބައިވެރިއެއްގެ ގޮތުގައި މަސައްކަތްތަކެއް ކުރުމަށް ފެބްރުއަރީ މަހު ހިންގުނު 'އަހަރެންގެ ބޭންކް' ޕްރޮގްރާމްގެ ތަފާތު 28 ހަރަކާތް ފާހަގަކޮށްލެވޭ." ކަމަށެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 34 ބްރާންޗް، 35 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 95 އޭޓީއެމް، 5000 ޕީއޯއެސް މަރޗަންޓުން، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.