އަންނަ ހޯމަ އަދި ބުދަ ދުވަހު އަސާސީ ބޭންކިންގ ޚިދުމަތްތައް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހުޅުވާނެ ކަަމަށް އެ ބޭންކުން ބުނެފިއެވެ،

އެ ބޭންކުން ބުނީ، ބޭންކް ހުޅުވުމަށް ނިންމާފައި ވަނީ ހެނދުނު 9:30 އިން ފެށިގެން 12:30 އަށް ކަމަށެވެ.

އަދި މި ދެ ދުވަހު އެ ބޭންކުް ދެމުން ގެންދާނެ ޚިދުމަތްތަަކަކީ

1. ރާއްޖެއިން ބޭރަށް ފައިސާ ޓްރާންސްފާ ކުރުން

އިންޓަނޭޝަނަލް ޓްރާންސްފަރ (ޓީޓީ) ގެ ޚިދުމަތް ހޯއްދެއްވުމަށް ފުރިހަމަ ކޮށްފައިވާ ޓީޓީ އެޕްލިކޭޝަނާއި ބޭނުންވާ އެހެނިހެން ލިޔުންތައް (ބިލް) އީމެއިލް [email protected] މެދުވެރިކޮށް ފޮނުވޭނެއެވެ. އަދި އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް އެދި ހުށަހެޅޭނެއެވެ. ހެނދުނު 11.00 ގެ ކުރިން ލިބޭ ޓީޓީ/ލެޓަރ އޮފް ކްރެޑިޓް އެދުވަހު ޕްރޮސެސް ކުރުމަށްވަނީ ހަމަޖެހިފައެވެ.

2 ޕޭ ރޯލް (މުވައްޒަފުންގެ މުސާރަ ޖަމާކޮށްދިނުން) ހިދުމަތް

ޕޭ ރޯލްގެ ޚިދުމަތައް އެދި ހުށަހެޅުން އީމެއިލް މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. މި ޚިދުމަތައް އެދި ހުށަހެޅުމަށް ބޭނުންވާ ލިޔުންތަކުގެ ތަފްސީލް ބޭންކުގެ ވެބްސައިޓް https://www.bankofmaldives.com.mv/payroll-services މެދުވެރިކޮށް ލިބެން ހުންނާނެއެވެ.

ބީއެމްއެލްގެ އެކައުންޓަކުން ޕޭރޯލް ހަމަޖައްސާނަަމަ، ހެނދުނު 11.00 ކުރިން ލިބޭ ހުށަހެޅުންތައް އެދުވަހު ޕްރޮސެސް ވާނެއެވެ. އެހެން ބޭންކެއްގެ އެކައުންޓަކުން ޕޭރޯލް ހަމަޖައްސާނަމަ އެދުވަހު ޕްރޮސެސްކުރެވޭނީ 10.00 ގެ ކުރިން ލިބޭ ހުށަހެޅުންތަކެވެ.

3 އޭޓީއެމް މެދުވެރިކޮށް ޖަމާކުރާ ޗެކް ޕްރޮސެސް ކުރުން

އޭޓީއެމް މެދުރިކޮށް ޖަމާ ކުރާ ކްލިއަރިންގ ޗެކްތައް ޕްރޮސެސް ކުރެވޭނީ ދެން ބޭންކް ހުޅުވޭ ދުވަހެއްގައެވެ. ހެނދުނު 11.30 ކުރިން ޖަމާ ކުރާ ބީއެމްއެލް ޗެކެއްނަމަ އެދުވަހު ޕްރޮސެސް ވާނެއެވެ.

4 ލޯކަލް ބޭންކް ޓްރާންސްފަރ

ހެނދުނު 10.00 ޖެހުމުގެ ކުރިން އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ލިބޭ އޭ.ސީ.އެޗް ޓްރާންސްފަރ ރިކުއެސްޓް އެދުވަހު ޕްރޮސެސް ވާނެއެވެ.

ހެނދުނު 11.30 ގެ ކުރިން އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ލިބޭ އާރް.ޓީ.ޖީ.އެސް ޓްރާންސްފަރ (100،000 ރުފިޔާއަށް ވުރެ މަތި) ރިކުއެސްޓް އެދުވަހު ޕްރޮސެސް ވާނެއެވެ.

ހެނދުނު 11.30 ގެ ކުރިން އީމެއިލް މެދުވެރިކޮށް ލިބޭ އެމް.އާރް.ޓީ.ޖީ.އެސް ޓްރާންސްފަރ ރިކުއެސްޓް އެދުވަހު ޕްރޮސެސް ވާނެއެވެ.

ބޭންކުން ބުނީ (ހުއްދަ ލިބިފައިވާ ފަރާތްތަކަށް) ނަގުދު ފައިސާ ނެގުމާއި ޖަމާކުރުމަށް އޭޓީއެމްގެ ހިދުމަތް ލިބޭނެ ކަމަށެވެ. އަދި ވިޔަފާރި އެކައުންޓަކަށް ދުވާލަކު 500،000 ރުފިޔާ ޖަމާކުރެވޭނެކަމަށާއި އާންމު ފަރުދުންގެ އެކައުންޓަކަށް ދުވާލަކު 100،000 ރުފިޔާ ޖަމާކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.