ގައުމީ އެއާލައިން މޯލްޑިވިއަން އިން އަތޮޅު ތެރޭގެ ރަށްރަށަށް ކާގޯ ފްލައިޓްތައް ބާއްވަން ނިންމައިފިއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަބްރޫކް އަޒީޒް ވިދާޅުވީ ކަރަންޓީންގައި ހޭދަކުރަން ޖެހޭ މުއްދަތު ހޭދަކުރުމަށް ފަހު ދޫކޮށްލާފައިވާ ފަރާތްތައް، ވެސް ކާގޯ ފްލައިޓްތަކުގައި ރަށްރަށަށް ގެންދާނެ ކަމަށެވެ. އޭނާ ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ރަށްރަށަށް ބޭނުންވާ ކާނާގެ ބާވަތްތައް ފޯރުކޮށްދިނުމަށް ގިނަ އަދަދަކަށް ކާގޯ ފްލައިޓްތައް ދަތުރުކުރާނެ ކަމަށެވެ.

"މި ދަތުރުކުރާ ދަތުރުކުރުންތަކުގައި ކަރަންޓީންކުރެވިފައިވާ ބޭފުޅުން ރިލީޒް ކުރެވިފައިވާ ބޭފުޅުން އެބޭފުޅުންގެ އަތޮޅަށް ގެންގޮސްދިނުމުގެ މަސައްކަތް ވެސް މި ފްލައިޓްތައް މެދުވެރިކޮށް ކުރާނެ. މިކަންކަމުގައި ކޯޑިނޭޓްކުރަނީ އެލްޖީއޭ އާއި ރަށްރަށުގެ ކައުންސިލްތަކާއި ގުޅިގެން." މަބްރޫކް ވިދާޅުވިއެވެ.

ކަރަންޓީން ފެސލިތީތަކުގައި ތިބި ދިވެހިންނަށް ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތްވެސް އަނެއްކާވެސް ފަށާފައިވާކަން މަބްރޫކް ފާހަގަކުރެއްވިއެވެ.

"މިކަން ކުރާނީ ކަލާފާން ސްކޫލްގެ ދަރުބާރުގެއާއި ވީ ދިމާލުން ހުންނަ ގޭޓުން ވަދެ، އެތާ ހަމަޖެހިފައިވާ މޭޒުތަކެއްގައި. މިކަންކުރުމަށް ވަޑައިގަންނަވާނެ ގަޑިތަކަކީ، ހޮނިހިރު ދުވަސް އަދި ބުދަ ދުވަހު ހެނދުނު 11:00އިން ފެށިގެން މެންދުރުފަހު 03:00 އާއި ހަމައަށް. އެގަޑިތަކުގައި ވަޑައިގެން އެތަނަށް ތިބޭފުޅުން، ހަވާލުކުރާ ތަކެތި ކަރަންޓީން ފެސިލިޓީތަކުގައި ތިއްބަވާ ބޭފުޅުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް އަޅުގަނޑުމެން ކުރާނަން." އޭނާ ވިދާޅުވިއެވެ.

އައިސޮލޭޝަންގައި މިހާރު 125 މީހުން ތިބި އިރު، ކަރަންޓިން 1329 މީހުން އެބަތިއްބެވެ. މާލެއިން ކޮވިޑް 19 ފެނުމުގެ ސަބަބުން މާލެ ފުރަބަންދުކޮށް، މުޅި ރާއްޖޭގައި އެއް ރަށުން އަނެއް ރަށް އަރާފުރުން މަނާކޮށްފައިވާތީ ކަރަންޓީން ފެސިލިޓީތަކުން ދޫކުރި އެތައް ބަޔަކު ރަށަށް ނުދެވި މާލޭގައި ތާށިވެފައި އެބަތިއްބެވެ.

އޭގެ ތެރެއިން އެހީތެރިކަން ބޭނުންވާ ބައެއް ފަރާތްތަކަށް ސަރުކާރުން ވަނީ ހުރުމުގެ އިންތިޒާމާއި ކެއިން ބުއިމުގެ އިންތިޒާމްވެސް ހަމަޖައްސައިދީފައެވެ.

ކިޔުންތެރިންގެ ހިޔާލު