ހޮންޑާގެ އޯތަރައިޒް ޑިސްޓިބިއުޓަރ، ޝީޝާގެ މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އާއި ރޯދަ އިނާޔަތް ލިބޭނެކަން އެ ކުންފުނިން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށް ޝީޝާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ކޮވިޑް-19 ގެ ސަބަބުން މިވޭތުވެދިޔަ މަހުގެ މަސައްކަތުގެ ގަޑިތައް ވަރަށް ބޮޑަށް މަދުވެފައިވީނަމަވެސް އެ މަހުގެ މުސާރަ ހުރިހާ މުވައްޒަފުންނަށް އެއްކޮށް ލިބޭނެކަން ކޮންމެ މުވައްޒަފަކަށް ވެސް އަންގާފައިވާނެ ކަމަށެވެ. އަދި އެ ކުންފުނީގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުން މަގުމަތިވިޔަ ނުދިނުމަށްޓަކައި އާންމު ހާލަތަށް ރުޖޫޢަވަންދެން ނުވަތަ ޤައުމަށް އެނބުރިދެވެންދެން އެފަރާތްތަކަށް ހުރުމާއި، ކެއުމާއި ކަރަންޓާއި ފެނުގެ ޚަރަދު ދޭން ހަމަޖައްސާފައި ވާކަމަށެވެ.

ޝީޝާ އިން ބުނީ، މިދިޔަ މާރިޗު މަހުގެ 21 ވަނަ ދުވަހުން ފެށިގެން އެ ކުންފުނީގެ މަސައްކަތުގެ ގަޑިތައް ވަރަށް ބޮޑުތަނުން ކުޑަކުރެވިފައިވާ ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ވަރަށް ގިނަ މުވައްޒަފުން މި މުއްދަތުގެ ތެރޭގައި އަދާކުރަންޖެހޭ އެއްވެސް މަސްއޫލިއްޔަތެއް ނެތްއިރު، ފުރަބަންދާއި ގުޅިގެން ވިޔަފާރިއަށް ކޮށްފައިވާ ނޭދެވޭ އަސަރުގެ ސަބަބުން އެފަދަ މުވައްޒަފުންނަށް މުސާރަ ނުލިބޭ ގޮތަށް ޗުއްޓީއަށް ފޮނުވާލުމަށް ނިންމާފައިވާ ކަމަށެވެ.

"ނަމަވެސް މި މުވައްޒަފުން އެދޭނަމަ އާންމު ހާލަތަކަށް އައުމާއެކު މަސައްކަތުގެ އުޖޫރަ ލިބޭގޮތަށް ކުރީގެ މަޤާމަށް ރުޖޫއަވުމުގެ އިޚްތިޔާރު މި މުވައްޒަފުންނަށް އަޅުގަނޑުމެން އެރުވީމެވެ. އަދި މި މުވައްޒަފުންނަށް، ކޮންމެ މުވައްޒަފެއްގެ ޚިދުމަތުގެ މުއްދަތާއި ގުޅުވައިގެން، ކޮމްޕެންސޭޝަން ޕެކޭޖެއްވެސް އަޅުގަނޑުމެން ދީފައިވާނެއެވެ." ޝީޝާ އިން ބުންޏެވެ.

ޝީޝާ އިން ބުނެފައިވަނީ، ކޮވިޑް-19 އާއި ގުޅިގެން އުނދަގޫ ގިނަ ނިންމުންތައް ނިންމަން ޖެހިފައިވާއިރު، މިވަގުތު ގޭގައި ތިބެގެން މަސައްކަތްކުރަމުންދާ މުވައްޒަފުންގެ އުޖޫރަވެސް ކުޑަކުރެވިފައިވާކަމަށެވެ. ނަމަވެސް ކުންފުނީގެ މުވައްޒަފުންނަށް ރޯދަމަހުގެ އިނާޔަތް ނުދިނުމަށް ކުރިން ނިންމާފައިވާ ނިންމުން މުރާޖާކޮށް، ހުރިހާ މުވައްޒަފުންނަށް ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި 3000 ރުފިޔާ ދިނުމަށް ނިންމާފައިވާ ކަމަށް ޝީޝާއިން ބުނެފައި ވެއެވެ.

"މުވައްޒަފުންގެ މަސްލަހަތު އަޅުގަނޑުމެންނަށް ވަރަށް މުހިންމެވެ. އެހެންކަމުން އަޅުގަނޑުމެންގެ ހުރިހާ މުވައްޒަފުންނަށް (މުސާރަ ނުލިބޭގޮތަށް ޗުއްޓީ ދީފައިވާ މުވައްޒަފުން ހިމެނޭގޮތަށް) ކުރިންވެސް ހަމަޖެހިފައިވާ ފަދައިން މިދިޔަ މަހުގެ ފުރިހަމަ މުސާރައިގެ އިތުރުން ރޯދަ އިނާޔަތުގެ ގޮތުގައި 3000 ރުފިޔާ ލިބޭނެކަމުގެ ޔަޤީންކަން އަޅުގަނޑުމެން އަރުވަމެވެ." ޝީޝާގެ ބަޔާނުގައި ވެއެވެ.

ޝީޝާ އިން ބުނީ، ކުރިން އެ ކުންފުނިން ރޯދަ އިނާޔަތް ނުދިނުމަށް ނިންމި ނިންމުމަކީ އެންމެ ރަނގަޅު ނިންމުމެއް ނޫންކަން ޤަބޫލުކޮށް، މުވައްޒަފުންނާއި އާންމުންގެ ކިބައިން މަޢާފަށް އެދޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙދހ

    ބަރާބަރު. މިދަތި އުނދަގޫތަކުން މިއަޅާމެން އަވަހަށް ސަލާމަތް ކޮށްދެއްވާށި. އަހަރުމެންނަށް ދަތިތައް ވާހެން ވިޔަފާރިވެރިންނަށްވެސް މިކަމުގެ ބުރަ އުފުލަންޖެހޭ. މިމީހުންނަށްވެސް ހަމަ އެހީތެރިކަން ބޭނުންވާނެކަން. މަދު ނަމަވެސް އެހީތެރިކަމެއްވަންނާ އެތަނެއްގަ ތިބޭ މުވައްޒަފުންނަށް އެހީތެރިވެދެއްވާ. ހާލުގަ ޖެހެން ދޫނުކުރައްވާ

    13
    4