ކ. ކާށިދޫގައި ކޮޕީ ފަތް ތިޔާގިވެ، ފަތެއްގެ އަގު 1ރ. އަށް ވެއްޓިފައިވާ ކަމަށް އެ ރަށުގައި ދިރިއުޅޭ ބައެއް މީހުން މިއަދު ބުނެފިއެވެ.

ރޯދަ މަހާ ދިމާކޮށް ކާށިދޫގައި ދިރިއުޅޭ ގިނަ ބަޔަކު އެ ރަށުގައި ހެއްދި އެއް ބާވަތަކީ ކޮޕީ ފަތެވެ. އޭގެ ތެރެއިން ގިނަ އަދަދެއްގެ ފަތް މާލެ އަށް ފޮނުވަން ކުރިން ނިންމާފައި އޮތް ނަމަވެސް، ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދު ފުރަބަންދުކޮށްފައި އޮތުމުން އެކަން ކުރަން ވަނީ އުނދަގޫވެފައެވެ.

"ވަގުތު" އާ ވާހަކަ ދެއްކި ބައެއް ދަނޑުވެރިން ބުނީ މީގެ ކުރިން ރޯދަ މަސްތަކާ ހިލާފަށް މިފަހަރު ދަނޑުވެރިންނަށް މިފަދަ ބާވަތްތައް މާލެ ފޮނުވުމަށް ދަތިވެފައިވާ ކަމަށެވެ. އެހެންވެ، ކޮޕީފަތްތައް ރަށުތެރޭގައި ހަލާކުވުމުގެ ކުރިން ހެޔޮ އަގުގައި ވިއްކާލަން ޖެހިފައިވާ ކަމަށް ވެސް ދަނޑުވެރިން ބުންޏެވެ.

ކާށިދޫގެ ދަނޑުވެރިއަކު ބުނީ އެ ރަށުގައި ކޮޕީ ފަތް ހަލާކުވަމުންދާތީ އެ ފަތްތައް ވިއްކުމަށް ދަތިވެފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން ވިޔަފާރިއަށް ކުރަން ޖެހޭ ހަރަދު ބޮޑު ތަނުން އިތުރުވެ، ލިބޭ ފައިދާ ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

"އެހެން ރޯދަ މަސްތަކާ އެއް ގޮތަށް މާލެ ފޮނުވަން ވަރަށް ބައިވަރު ގަސް އަހަރެން ވެސް ހެއްދިން. އެކަމަކު ކަން ދިމާކުރި ގޮތުން ގަސްތައް މާލެއެއް ނުފޮނުވުނު. ދެން ރަށުތެރެއަށް ވިއްކާލަން މިޖެހެނީ. ހަމައެކަނި ރަށަށް ފޮނުވިޔަސް އަނެއް ހެން މާ ބޮޑު ފައިދާއެއް ނުވޭ. މިރަށު ގިނަ މީހުން ފަތް ވިއްކަނީ އެއް ރުފިޔާއަށް ވީމަ، އަހަރުމެންވެސް އެއަށްވުރެ އަގު ބޮޑުކޮށް ވިއްކައިފިއްޔާ ވާނެ ގެއްލުމަށް ބަލާފަ އެއަގަށް މި ވިއްކަނީ،" ކާށިދޫ އިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

އޭނާ ބުނީ ކުރިއަށް އޮތް ތަނުގައި ވެސް ކޮޕީ ފަތުގެ އަގަށް އެއްވެސް ބަދަލެއް އަންނާނެހެން ހީނުވާ ކަމަށާއި، ނަމަވެސް، މާލެއަށް ކޮޕީފަތް ގެންދަން ފަށައިފި ނަމަ މީގެ ކުރިން ވިއްކި އަގުތަކަށް ކޮޕީ ފަތް ވިއްކިދާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

ކޮޕީ ފަތަކީ ކޮންމެ ރޯދަ މަހެއްގައި ވެސް ދިވެހިން ގިނަ އަދަދަކަށް ބޭނުންކުރާ ބާވަތެކެވެ. ނަމަވެސް މިހާރު މާލެ ފުރަބަންދުކޮށްފައި އޮތުމުގެ ސަބަބުން، މާލެއަށް ދަނޑުވެރިކަމުން ހައްދާ ތަކެތި ފޮނުވުމަށް ދައްޗެވެ.