ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓެއްގައި، ލަންކާއިން ދިހަ ޓަނުގެ ކާގޯ ރާއްޖެއަށް ގެނެސްފިއެވެ.

މިކަން ހާމަކޮށް މޯލްޑިވިއަން އިން ބުނެފައިވަނީ އެ އެއާލައިނުގެ ފްލައިޓެއްގައި، 9810 ކިލޯ ނުވަތަ 10.8 ޓަނުގެ ކާގޯ ކޮލަމްބޯ އިން ރާއްޖެއަށް ގެނެސްފައިވަނީ މިރޭގެ ވަގުތެއްގައި ކަމަށެވެ. މި ތަކެތި ރާއްޖެ ގެނެސްފައިވަނީ މޯލްޑިވިއަންގެ އެއާބަސް ފްލައިޓުގައެވެ.

މިރޭ ލަންކާއިން ގިނަ އަދަދެއްގެ މުދާ މޯލްޑިވިއަންގެ ފްލައިޓެއްގައި ގެނެސްފައިވާއިރު، މީގެ ކުރިން ވެސް ލަންކާ، ދުބާއި އަދި ތައިލޭންޑުން ގިނަ އަދަދެއްގެ މުދާ މޯލްޑިވިއަން އިން ރާއްޖެއަށް ގެނެސްފައި ވެއެވެ. މޯލްޑިވިއަނުން ބުނީ ކުރިއަށް އޮތްތަނުގައިވެސް ޑިމާންޑަށް ބެލުމަށް ފަހު އިތުރު ބައެއް އެހެން ޤައުމުތަކަށް ވެސް ކާގޯ ދަތުރުތައް އެ އެއާލައިނުން ކުރުމަށް ނިންމާފައިވާ ކަމަށެވެ.

މޯލްޑިވިއަން އިން ބުނެފައިވަނީ، އިންޑިއާ، ބެންކޮކް އަދި ދުބާއި ފަދަ ތަންތަނުން މުދާ ގެންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް އަންނަ ގިނަ އަދަދެއްގެ ފްލައިޓްތައް ހުއްޓާލާފައި ވާއިރު، ރާއްޖެއިން މުދާ އެތެރެކުރާ އިންޑިއާ އާއި ސްރީލަންކާ މިހާރު އޮތީ ފުރަބަންދުކޮށްފައެވެ. އެހެންކަމުން ރާއްޖެއަށް މުދާ އެތެރެކުރުމުގައި ކޮންމެވެސްވަރެއްގެ ގޮންޖެހުންތަކަކާއި ވަނީ ކުރިމަތިލާން ޖެހިފައެވެ.

މޯލްޑިވިއަން އިން އަންނަނީ ރާއްޖޭގެ އެތެރޭގެ ސަރަޙައްދުތަކަށް ވެސް ކާގޯ ދަތުރުތައް ކުރުމަށް ތައްޔާރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސުވާލު

    ދިހަ ޓަނުގެ ދިވެހިން ގެންނަންވީނު