ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން އަތޮޅުތެރޭގައި ދެމުންގެންދާ ކަރަންޓް ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ހިންގަމުން ގެންދާ ޚާއްސަ މަޝްރޫއެއްގެ ދަށުން އައު އޮންލައިން ބިލިންގ ސޮފްޓްވެއަރ އެއް ޑިވަލޮޕްކޮށް އެ ސޮފްޓްވެއަރ އިފްތިތާހް ކޮށްފިއެވެ.

މި ސޮފްޓްވެއަރ ޑިވޮލަޕް ކޮށްފައިވަނީ ޝްވެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުންނެވެ. މިއަދު ޝީ ބިލްޑިންގްގެ ޖަލްސާކުރާ މާލަމުގައި ބޭއްވި މި ހަފްލާގައި މި ސޮފްޓްވެއަރ އިފްތިތާހް ކޮށްދެއްވީ އިލެކްޝަން ކަމިޝަންގެ ރައީސް އަހްމަދު ޝަރީފާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ލަމްޢާން އެވެ.

މި ހަފްލާގައި އިލެކްޝަން ކަމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވެފައިވަނީ ފެނަކައިގެ ހަޔާތުގައި މިއަދަކީ ވަރަށް ބޮޑު ކާމިޔާބެއް ހާސިލް ކުރެވުނު ދުވަހެއްކަމަށާއި މި ބިލިންގ ސިސްޓަމްގެ ސަބަބުން އެތަށް ގޮތަކުން ހިދުމަތުގެ ފެންވަރު ރަނގަޅުވެގެން ދާނެކަމަށެވެ.

އަދި މިއަދު ފެނަކަ ހިންގެވުމާ ހަވާލުވެ ހުންނެވި މުހައްމަދު ލަމްޢާނަކީ ފެނަކައިގެ މިސްރާބު ވަރަށް ރަނގަޅަށް އެނގިވަޑައިގެންނަވާ ބޭފުޅެއްކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

މިހަފްލާގައި ވާހަކަދައްކަވަމުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ލަމްޢާން ވިދާޅުވީ މި ޤާއިމްކުރެވުނު ނިޒާމްގެ ސަބަބުން ހިސާބުކިތާބު ބެލެހެއްޓުމުގައި ވަރަށް ބޮޑު ލުއިފަސޭހައަކާއި ޔަޤީންކަމެއް ލިބިގެންދާނެކަމަށެވެ.

ފެނަކަ އިން ވިދާޅުވި ގޮތުގައި މި ސޮފްޓްވެއަރގެ ސަބަބުން ހުރިހާ ބްރާންޗް ތަކާއި ހެޑް އޮފީސް އެއް ނިޒާމެއްގެ ތެރެއަށް ލެވި އެއް ސިސްޓަމަކުން ފެނާއި ކަރަންޓުފަދަ ހުރިހާ ހިދުމަތެއް ދެވޭނެއެވެ.

އަދި ކަސްޓަމަރުންނަށް ހާއްސަ ޕޯޓަލްއަކާއި އޮންލައިންކޮށް ބިލުގެ ތަފްސީލު ބަލާލުމުގެ ފުރުސަތާއި ކަސްޓަމަރުންނަށް ބޭނުންވާ އެންމެހައި މައުލޫމާތާއި ފައިސާ ދެއްކޭނޭ ގޮތާއި ކަސްޓަމަރުންނަށް ހާއްސަ މޮބައިލް ފޯން އެޕެއް މި ސޮފްޓްވެއަރ ގައި ހިމެނޭނެ ކަމަށް ފެނަކަ އިން ވިދާޅުވިއެވެ.