މިދިޔަ އަހަރުގެ ވިޔަފާރިން 898 މިލިއަން ރުފިޔާގެ ބޮޑު ފައިދާއެއް ދިރާގަށް ލިބިއްޖެއެވެ.

ދިރާގުން މިއަދު އާއްމުކޮށްފައިވާ މިދިޔަ އަހަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން، މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 2.6 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. 2016 ވަނަ އަހަރު އާމްދަނީގެ ގޮތުގައި ދިރާގަށް ލިބިފައިވަނީ 2.5 ބިިލިއަން ރުފިޔާއެވެ.

އަދި މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 898 މިލިއަން ރުފިޔާ ދިރާގަށް ވަނީ ލިބިފައެވެ. 2016 ވަނަ އަހަރު ސާފު ފައިދާ އަކީ 840 މިލިއަން ރުފިޔާއެވެ.

އެ ކުންފުނިން މިދިޔަ އަހަރުގެ ސާފު ފައިދާ އިން ހިއްސާ އަކަށް ބަހަން ނިންމާފައި ވަނީ 11.81 ރުފިޔާއެވެ.

އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މެއި މަހުގެ 14 ވަނަ ދުވަހުގެ ރޭ ކުރުނބާ މޯލްޑިވްސްގައެވެ.

ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ވިދާޅުވީ ދިރާގުގެ އާމްދަނީ އާއި ފައިދާ 2017 ވަނަ އަހަރު ރެކޯޑް މިންވަރަކަށް އިތުރުވެފައިވާ ކަމަށެވެ. އަދި ކަސްޓަމަރުންގެ އަދަދުވެސް އިތުރުވެފައިވާ ކަމަށް އިސްމާއިލް ރަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހިއްސާދާރުންނަށް ޑިވިޑެންޓް ބަހަނީ ކޮންއިރަކު؟