މިދިޔަ އަހަރު އެސްޓީއޯގެ ޖުމްލަ އާމްދަނީ 18 ޕަސެންޓް އިތުރުވެފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، 2017 ވަނަ އަހަރުގެ ކުންފުނީގެ ޖުމްލަ އާމްދަނީ 7.5 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާކަމަށާއި، މިއީ 2016 ވަނަ އަހަރާއި އަޅާ ބަލާއިރު 1.1 ބިލިއަން ރުފިޔާގެ އިތުރުވުމެއް ކަމަށެވެ.

އެސްޓީއޯގެ އެ ބަޔާނުގައި ބުނެފައިވާގޮތުގައި، މިދިޔަ އަހަރު އެ ކުންފުނީގެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ދިއުމާއި އެސްޓީއޯ އިން ވިއްކި ތެލުގެ އަގަށް ބަދަލުގެނައުމާއި، ތެޔޮ ވިއްކި އަދަދު އިތުރުވެފައިވުމާއި، އަދި އެހެނިިހެން ވިޔަފާރިތަކުން ލިބުނު އާމްދަނީވެސް އިތުރުވެފައިވުމެވެ.

އެސްޓީއޯއިން ވިއްކި ތެލުގެ ޢަދަދު ވަނީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 2.9 އިންސައްތަ އިތުރުވެފައެވެ. 2017 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރއިން ފެށިގެން އަހަރު ނިމުމާއި ހަމައަށް، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ 25 އިންސައްތަ އުފުލިފައެވެ. ނަމަވެސް މިމުއްދަތުގެ ތެރޭގައި އެސްޓީއޯއިން ވިއްކާ ތެލުގެ ބާވަތްތަކުގެ އަގު ބޮޑުކޮށްފައިވާނީ 12 އިންސައްތައެވެ.

އެސްޓީއޯ އިން ބުނީ، ކުންފުންޏަށް ލިބުނު އާމްދަނީ އިތުރުވެފައިވީ ނަމަވެސް، ކުންފުންޏަށް ލިބުނު ޖުމްލަ ފައިދާ ވަނީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 37 މިލިއަން ރުފިޔާ ދަށްވެފައިވާ ކަމަށެވެ. މިއީ 3.8 އިންސައްތައިގެ ދަށްވުމެކެވެ. ތެލުގެ ވިޔަފާރިން ލިބުނު ޖުމްލަ ފައިދާ އޭގެ ކުރީއަހަރާއި އަޅާބަލާއިރު 76 މިލިއަން ރުފިޔާ ދަށްވެފައިވީނަމަވެސް، ތެޔޮ ނޫން އެހެނިހެން ވިޔަފާރިތަކުން އެސްޓީއޯއަށް ލިބުނު ޖުމްލަ ފައިދާ ވަނީ 39 މިލިއަން ރުފިޔާ އިތުރުވެފައެވެ.

ފާއިތުވި އަހަރު ތެލުގެ ބާޒާރަށް އައި ބަދަލުތަކާއިއެކު ތެލުގެ އަގުތައް އަދިވެސް ދަނީ މައްޗަށެވެ. އެހެންކަމުން މިއަހަރުވެސް އެސްޓީއޯއިން އެންމެ ބޮޑު އިސްކަމެއް ދެނީ ތެލުގެ އަގު އެއްވަރަކަށް ހިފަހައްޓާ، ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން އިޤްތިޞާދަށް ކުރާ އަސަރު ކުޑަކުރުމަށެވެ. އަދި އެހެނިހެން ވިޔަފާރިތައް ކުރިއަރުވާ، އެ ވިޔަފާރިތަކުން ލިބޭ ފައިދާއިން، ތެލުގެ އަގުން ކުންފުންޏަށް ގެއްލިގެންދާ ބައި ކުޑަކުރުމަށެވެ.

އެސްޓީއޯއަކީ ސަރުކާރުގެ އިތުރުން ޢާންމު ޙިއްޞާދާރުން ހިމެނޭ ކުންފުންޏަކަށްވާތީ، ދިވެހިރާއްޖޭގެ އިޤްތިޟާދަށް ބޭނުންވާ، ރައްޔިތުންނާއި ގުޅުންހުރި އެތައް މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏަކަށްވާތީ، އެސްޓީއޯއިން މަސައްކަތްކުރަމުންދަނީ މިދާއިރާތަކަށް އިންވެސްޓްކުރުމާއިއެކު، ޙިއްޞާދާރުންނަށް ދެމެހެއްޓެނިވި ފައިދާއެއް ނެރެދިނުމަށެވެ. މިގޮތުން، ފާއިތުވި އަހަރުގެ 2 ވަނަ ކުއާޓަރއިން ފެށިގެން މިއަހަރުގެ ފުރަތަމަ ކުއާޓަރއާއި ހަމައަށް، އެސްޓީއޯގެ ފައިދާވާނީ އެއް ވަރެއްގައި ހިފެހެއްޓިފައެވެ.

އެސްޓީއޯގެ ހިންގުމުގެ ޚަރަދު، ޕްރޮވިޝަން އަދި ޑިޕްރިސިއޭޝަން ނުހިމަނާ، 2017 ވަނަ އަހަރު ވަނީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު ގާތްގަނޑަކަށް އެއްވަރެއްގައި ހިފެހެއްޓިފައެެވެ. ނަމަވެސް މިދެންނެވުނު ޚަރަދުތައް ހިމަނައިގެން ހިންގުމުގެ ޚަރަދުތައް ވަނީ 25 މިލިއަން އިތުރުވަފެއެވެ. މިއީ 2016 ވަނަ އަހަރާ އަޅާބަލާއިރު 3 އިންސައްތައިގެ އިތުރުވުމެކެވެ. ޕްރޮވިޝަން އިތުރުވުމުގެ މައިގަނޑު ސަބަބަކީ 2017 ވަނަ އަަހަރު، އޭގެ ކުރީ އަހަރާ އަޅާބަލާއިރު ރިސީވަބަލް އިމްޕެއާރމަންޓް، 27 މިލިއަން ރުފިޔާ އިތުރުވެފައިވުމެވެ.

ޓެކްސްއަށް ކެނޑުމަށްފަހު އެސްޓީއޯގެ 2017 ވަަނަ އަހަރުގެ ސާފު ފައިދާއަކީ 211 މިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 26 އިންސައްތައިގެ ދަށްވުމެކެވެ. މިއަހަރު އެސްޓީއޯއަށް ލިބިފައިވާ ފައިދާއިން ޙިއްޞާއަކަށް -/55ރ. ބެހުމަށް، އަހަރީ ޢާންމު ޖަލްސާއަށް ހުށަހެޅުމަށް، އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުންވަނީ ނިންމަވާފައެވެ.

އެސްޓީއޯގެ އަމާޒަކީ އަބަދުވެސް ބާޒާރުގައި ތަކެތީގެ އަގުތައް އެއް މިންގަނޑެއްގައި ހިފެހައްޓާ ދިނުމާއި ޙިއްޞާދާރުންނަށް އެކަށީގެންވާ ފައިދާއެއް ހޯދައިދިނުމެވެ. އެސްޓީއޯ އިން ދަނީ އެ ކުންފުނީގެ ވިޔަފާރި އެއްވަރެއްގައި ހިފަހައްޓާ ވިޔަފާރި ތަރައްގީކުރުމަށް އިންވެސްޓް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަން

    ގިނަ ގޮންޖެހުންތަކާ އެކުވެސް ރަނގަޅު ނަތީޖާއެއް. ހަމައެއާއެކު ރަނގަޅު ޑިވިޑަންޑެއްވެސް ހުށަހަޅައިފި. ހިތްވަރަށް ހަމަ ސާބަސް. ދެން ނަމެއްގަ ތިބި ޕަބްލިކް ކުންފުނިތައް މިކަން ދަސްކުރަން ރަނގަޅު އެސްޓީގެ ފަރާތުން

  2. ސިޔާޒް

    އެސްޓީއޯއިން ނަގާނީ އެކަށީގެންވާ ފައިދާ، ނެގެން އޮންނަ އެންމެ ބޮޑު ފައިދާއެއް ނޫން. އެވެރިން އިސްކުރަނީ ހިދުމަތާ ތަކެތީގެ ވެލިއު، އަދި މުޖުތަމައުގެ އާންމު ފައިދާ.