މާލެ އަދި ހުޅުމާލޭގައި ފުޅާ ދާއިރާއެއްގައި، ފިނިކުރި ކާބޯތަކެތި، ހޯލްސޭލް އަދި ރީޓެއިލް ކުރަމުން އަންނަ "ކުކުޅު ފިހާރަ" ގެ ވެބްސައިޓް، ވިޔަފާރީގައި މިހާތަނަށް އެންމެ ގިނަ މީހުން ބޭނުން ކުރާ ވެބްސައިޓަށް ވެއްޖެ އެވެ.

ކޮވިޑް-19 އާއި ގުޅިގެން، ދަތުރުފަތުރު ކުރުމާއި، އާއްމުން އެއްވެ އުޅުން މަނާކޮށްފައިވާ މި ދަނޑިވަޅުގައި، ކުކުޅު ފިހާއަށް ކުރާ ހުރިހާ އޯޑަރެެއްވެސް މިހާރު ބަލައިގަންނަނީ އެ ވެބްސައިޓް މެދުވެރިކޮށެވެ.

www.kukulhufihaara.com

ދުވާލަކަށް، 3000 އާއި 4000 ދެމެދުގެ އަދަދަކަށް، އޯޑަރު ލިބޭ، މި ވިޔަފާރި އާއި ގުޅިގެން، "ވަގުތު" އަށް މަޢުލޫމާތު ދެއްވަމުން، ކުކުޅު ފިހާރައިގެ، ސޭލްސް އެންޑް މާރކެޓިންގ މެނޭޖަރ، މުހައްމަދު ނަޝާތު ވިދާޅުވީ، އާއްމު ދިރިއުޅުމުގައި، ކާބޯތަކެތީގެ ގޮތުގައި ބޭނުންކުރާ މުޙިއްމު ބާވަތްތައް މިހާރު ލިބެން ހުންނާނެ ކަމަށާއި، މީގެ އިތުރުން، މޭވާ އާއި ތަރުކާރީގެ ގިނަ ބާވަތްތައްވެސް މިހާރު ލިބެން ހުންނާނެ ކަމަށެވެ.

 

"ކަސްޓަމަރުންނަށް ފަސޭހަ ކުރުމުގެ ގޮތުން، ވަރަށް ގިނަ އައިޓަމްތަކަށް މިހާރު ހުންނާނެ ވެބްސައިޓް މެދުވެރިކޮށް އޯޑަރު ކުރެވެން. އޭގެ ތެރޭގައި މިފްކޯ މަސްދަޅާއި ވަޅޯމަސް ހިމެނޭނެ. މިފްކޯއިން ލިބޭ އަގުގައި އަޅުގަނޑުމެން އަތުންވެސް ލިބޭނެ. ހަމައެގޮތަށް، އާފަލު، އޮރެންޖު، ކެރެޓް، މި ބާވަތްތައްވެސް ލިބެން ހުންނާނެ." ނަޝާތު ވިދާޅުވިއެވެ.

ދުވާލެއްގެ މައްޗަށް ގިނަ އަދަދެއްގެ އޯޑަރުތަކެއް ލިބެމުންދާކަން ފާހަގަކޮށް، ނަޝާތު ވިދާޅުވީ، ކޮންމެ ދުވަހަކުވެސް ލިބޭ އޯޑަރުތައް، އެ ދުވަހެއް ނިމުމުގެ ކުރިން ޑެލިވަރީ ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، ނަމަވެސް، މާލެ ސަރަހައްދު ފުރަބަންދުކުރުމާއި ގުޅިގެން، އެއްގަމު އުޅަނދުތައް ބޭނުންވާ ވަރަށް ހުއްދަ ހޯދުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ، ކޮންމެ ވިޔަފާރިއަކަށްވެސް ވަކި އަދަދަކަށް އުނދަޅު ދުއްވުމުގެ ހުއްދަތައް މި ދެނީ. އަޅުގަނޑުމެން މިހާރުވެސް މިއުޅެނީ ރިކުއެސްޓް ކޮށްގެން. މިހެން ވުމުގެ ސަބަބުން، ޑެލިވަރީ ލަސްވާގޮށް ބައެއް ފަހަރު އެބަ ދިމާވޭ. މިކަމުގައި އަޅުގަނޑުމެންގެ ކެޕޭސިޓީއަށް ބަލާއިރު، މިކަން ކުރެވޭވަރަށް މުވައްޒަފުންވެސް އެބަތިބި. ވެހިކަލްވެސް އެބަ ހުރި. ހަމައެކަނި ބޭނުންވަނީ ހުއްދަ. އެ ހުއްދަ ލިބުމުގައި ދަތިތަކެއް އުޅޭތީ ބައެއް ފަހަރަށް ޑެލިވަރީ ލަސްވަނީ. ނަމަވެސް މިހާރުވެސް އަޅުގަނޑުމެންގެ ޓާގެޓަކީ، އެ ދުވަހަކު އަންނަ އޯޑަރަށް އެ ދުވަހަކު ޑެލިވަރީ ކުރުން. އަޅުގަނޑު ހަމަ ފާހަގަކޮށްލަން، މި ދަތި ދަނޑިވަޅުގައިވެސް އެ ބޭފުޅުންގެ ފުރާނަ އަތްމައްޗަށް ލައިގެން މި ތަނުގެ ސްޓާފުން އެ ކުރައްވާ މަސައްކަތް. އެކަމަށްޓަކައި އެ ހުރިހާ ސްޓާފުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. 100 އިންސައްތަ ދިވެހި މުވައްޒަފުން ތިބޭނީވެސް." ނަޝާތު ވިދާޅުވިއެވެ.

ހަމައެހެންމެ، ހޯލްސޭލްކޮށް، ތަކެތި ބައްލަވައިގަންނަވާ ބޭފުޅުންނަށްވެސް، އެ ތަކެތި ބޯޓާއި ހަމައަށް ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް އެއްވެސް އަގަކާއި ނުލާ ލިބޭނެ ކަމަށްވެސް، ނަޝާތު ވިދާޅުވިއެވެ.

"ރާއްޖޭގެ ހުރިހާ ރަށަކުން އޯޑަރުތައް ލިބެމުންދަނީ. އާބާދީގެ ބޮޑުބައެއް މި އޮތީ ރާއްޖެ ތެރޭގަ. އަޅުގަނޑުމެން ކެނޑިނޭޅި 24 ގަޑިއިރު ކަހަލަ ގޮތަކަށް ރަށްރަށް ބޭނުންވާ ފިނިކުރި ސާމާނުގެ އޯޑަރުތައް ނަގަމުންދާއިރު، އަޅުގަނޑުމެންނަށް ދެއްވާ އެއްބާރުލެއްވުމަށް ކަސްޓަރަމުންނަށް ޝުކުރު ދަންނަވަން." ނަޝާތު ވިދާޅުވިއެވެ.

މި ފިހާރަ ތަކުގެ ތިން "އައުޓްލެޓް" އެއް ހުންނަ އިރު، ކުކުޅު ފިހާރަ 1 ހުންނަނީ، ހުޅުމާލޭގައެވެ. އަދި ކުކުޅު ފިހާރަ 2، މާފަންނު އޭއެމްޑީސީ ސަރަހައްދުގައި ހުންނައިރު، ކުކުޅު ފިހާރަ 3 ހުންނަނީ، ހެންވޭރު، ކަލާފާނު ހިނގުމުގައެވެ. މާލޭން ނަމަ، ގުޅުއްވާނީ، 9986575 އަށެވެ. ހުޅުމާލޭން ނަމަ، 96665757 މި ނަމްބަރަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ޝުކުރިއްޔާ ދެއްވާ ޚިދުމަތަށް.
    ކުރިއެރުމާއި ކާމިޔާބު މިންވަރު ކުރައްވާށި އާމީން

    34
  2. ރައްޔިތުމީހާ

    ކޮންބޮޑުފައިދާއެއް، އެބޭފުޅުން އެ ވިއްކާ އަގުގައި އެއްވެސް ފައިދާއެއް ނުވާނެ. އަޅުގަނޑުމެން މީ ވަރަށް ބޮޑު ކުއަންޓިޓީން އެތެރެކޮށް ވިއްކާ ބައެއް، އެހެންކަމުން އަޅުގަނޑުމެން ނަށް ވަރަށް ބޮޑަށް އެނގޭ. މީ އެބޭފުޅުން ރައްޔިތުންނަށް ވެދޭ އެހީތެރެކަމެއް.

    2
    2