ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި އިއުލާނުކޮށްފައިވާ ފުރަބަންދުގެ ފިޔަވަޅުތަކާއެކު، ހުއްދަ ދޫކޮށްފައިވާ ބައެއް ފިހާރަތަށްވެސް ނުހުޅުވުމުގެ މައްސަލަތައް ފެންމަތިވަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ.

ފުލުހުން ވިދާޅުވީ، ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށްތަކައި ހުއްދައަށް އެދުމުން، އެ ހުއްދަ ދޫކޮށްފައިވާ ބައެއް ފިހާރަތަކުން ޚިދުމަތް ލިބެމުން ނުދާނަމަ އެފަދަ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

މީގެ އިތުރުން ފާއިތުވެދިޔަ ދުވަސްތަކުގައި، ހުއްދަ ދޫކޮށްގެން ހިންގާ ބައެއް ފިހާރަތަކުގައި، ހުއްދަ ލިބިފައިވާ މިންވަރަށްވުރެ އިތުރަށް މުވައްޒަފުން ގެންގުޅޭ މައްސަލަތައްވެސް ފެންމަތިވަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވެއެވެ. އެފަދަ ވިޔަފާރިތަކާއި މެދުވެސް ކުރިޔަށް އޮތްތަނުގައި ފިޔަވަޅުއަޅާނެ ކަމަށް އެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

ވިޔަފާރި ކުރުމަށް ދީފައިވާ ހުއްދަ އާއި އެއްގޮތަށް އަމަލުނުކޮށް ޤަވާއިދާ ޚިލާފުވާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެކަމަށް ފުލުހުން ވިދާޅުވެފައި ވީނަމަވެސް، އެފަރާތްތަކާއި މެދު އަޅާނީ ކޮން ފިޔަވަޅެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ރީޓެއިލްކޮށް ތަކެތި ވިއްކާ ބައެއް ފިހާރަތައް ބަންދުކޮށް ވިޔަފާރި ހުއްޓާލާފައި ވާއިރު، ބައެއް ފަރާތްތަކުން ބުނަމުން ދަނީ އެގޮތަށް ނިންމަން ޖެހުނީ ބައެއް ހޯލްސޭލް ފިހާރަތައްވެސް ބަންދުކޮށްފައި ހުރުމުން މުދާ ލިބުން ދަތިވެގެން ކަމަށެވެ.

މީގެ އިތުރުން މާލެ ފުރަބަންދުކޮށްފައި އޮތުމުން ވިޔަފާރިތައް ބަރޯސާވަނީ ޑެލިވަރީގެ ޚިދުމަތަށް ކަމަށްވާއިރު، ޑެލިވަރީ ކުރުމުގައި ވެސް ދަތިތަކެއް ދިމާވާ މައްސަލަތައް ފެންމަތިވަމުން ދެއެވެ.

ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއެކު ވިޔަފާރި ކުރުމަށް ފިހާރަތަކަށް ހުއްދަ ދީފައި ވަނީ ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 9:00 އިން ރޭގަނޑު 12:00 އަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އާދަމުގެދަރި

    ބަޔަކު މީހުން ވިޔަފާރިއެއް ނުކޮށްގެން ފުލުހުންނަށް ފިޔަވަޅެއް ނޭޅޭނެ. އެއީ ފުލުހުންގެ ޤާނޫނީ އިޚްތިޞާޞް އޮންނަ ދާއިރާއެއް ނޫން. މިހާރު މިއޮތް ކުއްލި ހާލަތަކީ ގާނޫނުތައް ޕެރެލައިޒްވެފައި އޮތް ކުއްލި ހާލަތެއް ނޫން.