ކޮވިޑް-19 އާ ގުޅިގެން ފުރަބަންދުގެ މުއްދަތުގައި ހުޅުވާފައި ހުންނަ ފިހާރަތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ނާޅައި ހިދުމަތް ދޭ ނަމަ، އެ ފިހާރަތަކަށް ފުލުހުން ދީފައިވާ ހުރިހާ ހުއްދަތަކެއް ބާތިލް ކުރާނެ ކަމުގެ އިންޒާރު އިކޮނޮމިކް މިނިސްޓްރީން ރޭ ދީފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ "އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު" ގެ ދަށުން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާ ގުޅިގެން، ގޭބިސީތަކުން ބޭރަށް ނުކުމެ އުޅުން މަނާ ކޮށްފައިވާ މުއްދަތުގައި ފުލުހުންގެ ހުއްދައެއްގެ ދަށުން ޒަރޫރީ ބޭނުން ތަކަށް މުދާ ވިއްކާ ފިހާރަތައް އަންގާފައިވާ ކަންތައްތައް ފުރިހަމަ ކޮށްފައި ނުވާނަމަ، އެ ތަނަކަށް ފުލުހުން ދޫކޮށްފައިވާ ހުރިހާ ހުއްދައެއް ބާތިލު ކުރަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ފިހާރައިގެ ކުޑަ ބޮޑު މިނަށް ބަލައި، އެންމެ ގިނަވެގެން ވަދެވޭނެ ކަސްޓަމަރުންގެ އަދަދު ބޭރަށް ފެންނާނެހެން ބެހެއްޓުމާއި ފިހާރައިގައި މަސައްކަތްކުރާ ކޮންމެ މުވައްޒަފަކުވެސް ޚިދުމަތްދޭ ގަޑީގައި، ނޭފަތާއި އަނގަމަތި ފޮރުވޭ ގޮތަށް، މާސްކު އަޅައި ދެ އަތް ތިލައަށް އަންގިލައްވައިގެން ހުރުމަށް މިނިސްޓްރީން އެދެއެވެ.

މީގެއިތުރުން ފިހާރައިގެ އެތެރޭގައި، އެ ފިހާރައެއްގައި މަސައްކަތްކުރުމުގެ ހުއްދަ ފުލުހުން ދޫކޮށްފައިވާ ފަރާތްތައް ފިޔަވައި، އިތުރު މީހުން ނުބޭތިއްބުމަށާއި ފުލުހުން ހުއްދަ ދީފައިވާ ފިހާރައެއްނަމަ، އެ ފިހާރައަކުން ޚިދުމަތް ދިނުމަށް ހުޅުވިފައި ހުންނަ ގަޑިތަކުގައި، ގަވާއިދުން ހުޅުވަން މިނިސްޓްރީން އެންގިއެވެ.

ފުލުހުން ކުރިން ވަނީ ވިޔަފާރި ކުރަން ހުއްދަނަގައި، އެ ހުއްދައާ އެއްގޮތަށް އަމަލު ނުކުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް ވެސް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮރަލް

    ތިޔައީ ދައްކަ ން ޖެހޭ ވާހަކަ އެއް ނޫނެވެ. ކުރަން ޖެހޭ ކަމެކެވެ.

  2. ނަައީމް

    ބިރުދެއްކުމަކުންނުވާނެ އާންމުންނަށް އެދެނީ އަގުނުކުރެވޭ ހިދުމަތެއް 20ރުފިޔާއަށް ވިއްކަންބުނި އަލުވިވެސް މިހާރު ވިއްކަނީ25ރުފިޔާއަށް ///1.80ލާރިއަށްވިއްކަންބުނިބިސްވެސް މިހާރުވިއްކަނީ 2ރުފިޔާއަށް ވީކަމެއްހަރާން ވިޔަފާރިވެރިން މިޖެހެނީ މިހާރު މާލޭ ފިހާރައިން ދޯންޏައްވެސް ޕިކަޕްހިފައިގެން ގެންދަން ނާލުވެސް ބޮޑުވެއްޖެ ދެންވިސްނަބަލަ ވިޔަފާރި ވެރިޔާއަށްވާނެގޮތް ސަރުކާރުފެއިލް ބޮޑުތަނުން ފެއިލް މަވާސަލާމް މިވެރިންނަށް ވޯޓްދެވުނީތީ ހިތާމަކޮށްރޮވޭ އަމިއްލައަށްކުރިކަމަކުން ލިބުނު އަނިޔާއެއް...... ދެރަދެރަ