ހައުސިން ކޯޕަރޭޝަން (އެޗްޑީސީ) ގެ ބިންތައް ކުއްޔަށް ނަގާފައިވާ ވިޔަފާރިތަކަމަށް ރަނގަޅު އިންތިޒާމްތަކެއް އެކުންފުނިން ހަމަޖައްސައި ދެމުން ނުގެންދާތީ އެވިޔަފާރިތައް ބަނގުރޫޓް ވެދާނެ ކަމުގެ ބިރު ބޮޑުވެ، ބައެއް ވިޔަފާރިވެރިން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

ކޮވިޑް-19 ފެތުރެމުން ދާތީ އެޗްޑީސީ އިން ވަނީ "ސަރުކާރުގެ އިކޮނޮމިކް ރިކަވަރީ ޕްލޭނުގެ ދަށުން ފަރުދުންނާއި، ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކަށް ޙައްލެއް ހޯދައިދިނުމަށް ކަމަށް ބުނެ އެކުންފުނިން ދޫކޮށްފައިވާ ފުލެޓު، ގޯތިތައް، ކުއްޔަށް ދޫކޮށްފައިވާ ކޮމާޝަލް ޔުނިޓުތަކާއި އަދި ޞިނާޢީ ބިންތަކަށް އެއްބަސްވުމުގެ ދަށުން 2020 ވަނައަހަރުގެ އޭޕްރީލް އަދި މޭ މަހު ދައްކަންޖެހޭ އިންސްޓޯލްމަންޓް/ކުލީ ގެ %30 (ތިރީސް އިންސައްތަ) އަށްވާ ފައިސާ ދެއްކުން ފަސްކުރުމަށް ނިންމާފައެވެ.

މި ފަދަ "ހެޔޮ ބަދަލެއް" ކުންފުނިން ގެނައި ނަމަވެސް ޙާއްޞަ ކޮށް އެޗްޑީސީ އިން ކޮމާޝަލް ޔުނިޓްތަކެއް ނަގައިގެން ވިޔަފާރި ކުރަމުން ގެންދާ ކުދި ވިޔަފާރިވެރިންނަށް އޮތީ ވަރަށް ބޮޑު ނުރައްކަލެކެވެ. އެއީ ވިޔަފާރި ދަށްވެ، މަހަކަށް ވުރެ ގިނަ ދުވަސް ވެފައި ވާއިރު ވެސް ކުލީގެ ބޮޑު ބައެއް ދައްކަން ޖެހުމާއި، އަދި ކުލިން އުނިކުރާ ފައިސާ ވެސް ފަހުން ދައްކަން ޖެހޭ ގޮތައް އޮތުމެވެ.

ހުޅުމާލޭގެ ލޯކަލް މާރްކޭޓްގައި ގޮޅިއެއް ހިންގަމުން ގެންދާ މީހަކު ބުނީ މާލެ ފުރަބަންދު ކުރުމުގެ ކުރިން ހަވީރުން ފެށިގެން ރޭގަނޑާއި ހަމައަށް ވިޔަފާރިތައް ބަންދުކުރި ހިސާބުން މާރްކޭޓްގެ ވިޔަފާރި ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށާއި، ނަމަވެސް އެޗްޑީސީން ކުއްޔަށް ހަޤީޤަތުގައި ދީފައި ވަނީ ލުޔެއް ނޫން ކަމަށެވެ.

"މިހާރު ދޮޅުމަސް ދުވަހަށް ވުރެ ގިނަ ދުވަސްވީ އެއްވެސް ވަރަކަށް ގޮޅިތަކުން ވިޔަފާރި ނުކުރެވޭތާ. ނަމަވެސް އެޗްޑީސީ އަށް އެބަޖެހޭ ކުލީގެ 70 އިންސައްތަ މިހާރު ވެސް ދައްކަން. އަދި 30 އިންސައްތަ ފަހުން ދައްކަން އެބަޖެހޭ. ނުލިބޭ އާމްދަނީ އަކުން ކުލި ދައްކަން ޖެހުމުން ބަނގުރާޓު ވެގެން ދާނީ. މިކަން އެޗްޑީސީގެ އެކި ނަމްބަރުތަކަށް ގުޅައިގެން ވެސް ދަންނަވާފައި ވާނީ. ނަމަވެސް ހައްލެއް ނުލިބުނު." އޭނާ ބުންޏެވެ.

މާރްކޭޓް ގޮޅިއެއް އެޗްޑީސީން ދޫކޮށްފައި ވަނީ 3500 ރުފިޔާ އަށެވެ. އެއްބަސްވުން ބުނާ ގޮތުން އެތަނުގައި މަސައްކަތް ކުރަން ޖެހެނީ ވެސް ދިވެހިންނެވެ. އެހެންކަމުން ބައެއް މީހުން މިހާތަނަށް ވެސް ގޮޅިތައް ހިންގަމުން އައީ ނިސްބަތުން ބޮޑު މުސާރައެއް ދީގެން މުވައްޒަފުން ނަގައިގެންނެވެ. ނަމަވެސް މިހާރު ކުރިމަތިވެފައިވާ ހާލަތުގެ ސަބަބުން ދެން މިވިޔަފާރީގައި ކުރިއަށް ދެވިދާނެ ކަމުގެ އުއްމީދު ވަނީ ގެއްލިފައެވެ.

"ވަގުތު" އަށް މައުލޫމާތު ދިން އިތުރު ވިޔަފާރިވެރިޔަކު ބުނީ ކޮވިޑް-19 އާއި ގުޅިގެން ދިމާވެފައިވާ ހާލަތުން އަރައިގަނެވެން ދެން ކުލި ވިޔަފާރިތަކުގެ ކުލި އެޗްޑީސީން މައާފު ކޮށްނުދޭނަމަ އެތައް ވިޔަފާރިވެރިންނެއް ބަނގުރޫޓް ވެގެންދާނެ ކަމަށެވެ.

"ސޭވިން އަކު ނެތް ތިން ހަތަރު މަސް ވަންދެން ވިޔަފާރިނުކޮށް ކުލި ދެއްކޭނެ ގޮތެއް. އެންމެ ވަޒީފާއެއް އަދާކޮށްފައި ލިބޭ އެއްޗަކުން ދެކޮޅު ނުޖެހޭތީ އިތުރު ކަމެއް ކުރަން ވެގެން ގޮޅިއެއް ނަގައިގެން އުޅެނީ. ނަމަވެސް ވިޔަފާރި މިވަގުތައް ހުއްޓިފައި މިއޮތީ. މިހާލަތުގައި ކުލި ދައްކަން ޖެހުމަކީ ވަރަށް ބޭއިންސާފުން ކުރަމުން އަންނަ ކަމެއް. އެޗްޑީސީގެ ނިންމުން ބަދަލު ކުރަން ޖެހޭ." އޭނާ ބުންޏެވެ.

އިތުރު މީހަކު ބުނީ މާލޭގައި މީހުން ކުއްޔަށް ދީފައިވާ އަމިއްލަ ތަންތަނުގެ ކުލި ވެސް ވަކި މުއްދަތަކަށް ކުޑަ ކޮށްދީފައިވާ އިރު އެޗްޑީސީން ކުލި ކުޑަކުރުމުގެ ބަދަލުގައި ކުލި ފަސް ކުރުމަކީ ވަރަށް ލަދުވެތި ކަމެއް ކަމަށެވެ. "އާއްމު ރައްޔިތަކަށް ވުރެ އެޗްޑީސީ ގޯސް ވުން އެއީ ލަދުވެތި ކަމެއް. ސަރުކާރު ކުންފުންޏެއް މިއަށްވުރެ ރައްޔިތުންނާއި މެދު ވިސްނަން ޖެހޭ." އޭނާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ހަތަ

    ކަލޭމެން ކައިރިޔަށް އެއްޗެއް ގަންނަންދާއިރަށް މަހުޖަނުންނަށް ވިއްކާ އަގު ދެރަމީހާޔަށް ކިޔާފާ "މީ މިހާރު ލިބޭ އަގޭ ނުގަންނަންޏާ އެހެންތާކަށް ދާށޭ" ބުނާ ވަގުތުތައް ހަނދާން ނެތީތަ؟ އަހަރުމެން މިހާރު ބުނަން އޮތީ މިހާރު އޮތްގޮތަށް ވިޔަފާރީގަ ސަވައިބް ނުވަންޏާ ބަންދުކޮށްފަ ގެޔަށް ދާށޭ.

    19
  2. އަލީ

    މިތަނުގެ ބޮޑުން ނަށްތިބިމީހުން ނަކީ ވަރަށް ކޮރަޕްޓްވެފައި ތިބިބައެއް. ސިނާއީ ސަރަހައްދުގެ އެކިބިމަށް ނަގަނީ ވެސް އެކި ކުލި. ސަރުކާރުގެ ބާރެއް މިތަނުގެ ބޮޑުންގެ މައްޗަކަށް ނުހިގާ.

    16
    1
  3. ޖަޒީރާމަނިކު

    ލޮބުވެތިރައްޔިތުންނޭ. ތިޔައީ މިގައުމުގެރައީސް ސޯލިހު ރައްޔިތުންގެ ހާލު ގާތުން ބައްލަވާ ކަރުނަ އަޅުއްވާ ރައްޔިތުންނަށް އޯގާތެރިވުމާއި ހެޔޮކޮށް ހިތްތެވުން.

    22
    4
  4. އެމަންޖެ

    ސަރުކާރު ބޭނުންވާގޮތް ވަމުންދާއިރު ކަލޭމެންދެން ބޭކާރު އަނގަނުތަޅާ.

    17
    1
  5. ރާއްޖެ ބަގުރޫޓުވުން އެޖެންޑާ-19

    މޑޕ ސަރުކާރުއައި ފަހުން ބަގުރޫޓުވީ ކުދި ވިޔަފާރިއެކަށް ޏެއްނޫ މުޅި މިދިވެހި ރާއްޖެ ބަގުރޫޓުވެއްޖެ!

    28
    3
  6. ހުސޭނުބޭ

    ދެން ކިޔެއްކުރަން 40000 ރުފިޔާއިން މުސާރަދީފައި ބަރިބަރިޔަށް ބައިތިއެްބާފައި ތިބި ޑައިރެކްޓަރުންތަކެއް؟

    10
    1
  7. ޙުއްތު

    އެޗްޑީސީއިން މިހާލަތުގައިވެސް މީސް މީީހުން ވަޒީފާ ގެއްލި ހަދާނެގޮތް ހުސްވެފައިވާ އިރު ވެސް ކުލިހޯދަށް ދުވަނީ، ކީއްތަވާނީ ސަރުކާރާއި ވާހަކަ ދައްކައިގެން ރަެްޔަތުންނަށް ލުޔެއް ދިނިއްޔާ

  8. އަހްމަދު

    ކުލިތަކުން 30ޕަސެންޓް ފަސްކޮށްދީ 70ޕަސެންޓް ދަންކަންޖެހޭއިރު ވަޒީފާތައްގެއްލި ލާރިއެއްލިބެންނެތް ވަގުތެއްގައި މިފައިސާ ދެއްކުމަކީ ރައްޔިތުންއިތުރައް ނިކަމެތިވުންނޫންކަމްކަށްނުވާނެކަންޔަގީން ސަރުކާރުން މިކަމަށް ހައްލެއްހޯއްދަވައިދެއްވާނެކަމަށް އުންމީދުކުރަން

    3
    2
  9. ދުންތަރި

    ތިޔަ ސުހައިލަކީ ކެނެރީގޭ ނަޝީދުގެ އެޖެންޓެއް އެމްޑީޕީ ވެރިކަން ވެއްޓުނީމަ އިސްތިއުފާދީފަ އަނެއްކާ އެމްޑީޕީއަށްވެރިކަންލިބުނީމަ މަޤާމަށައައިސް އެއިނީ ކެނެރީގޭނަޝިދު ބޭނުންވާ މީހުނަށް ހުޅުމާލޭގެ ބިންތައް ވެދުންކުރަން

    10
    2
  10. ހުޅުމީހާ

    ކުލި އަދި ރިޕޭމަންޓްސް މާފު ކޮށްދިނުން ހެޔޮކަން ބޮޑު އަދި ޒިންމާދާރު ގޮތަކީވެސް އެެއީ އަތުގަ ހުރި ލާރިކޮޅުން ކާނެ އެތިކޮޅެއް ލިބޭތޯ އެންމެ ފުރަތަމަ ބަލަންޖެހެނީ މަރުނުވެ ހުރެއްޖިއްޔާތާ ދެންވެސް ކުލި ދެއްކޭނީ

  11. ބޯކިބާ

    ކުލި ކުޑަކުރަން އެދުނީމަ ބުނަނީ ގެއިން ނިކުންނާށޭ، އެކަމަކު މިވެރިންގެ ވިޔަފާރިބިމުން ކުލިނަގައިގެންނުވޭ މިދެން އަރަތެއްނު. ވިޔަފާރި ބިމުން ކުލި ޑަބަލްކުރޭ، ދައްކަންޖެހޭނީ ނުދައްކަންޏާ ބިން އަތުލާ.

  12. ރޯނު އެދުރު

    ތި މާރުކޭޓު ގޮޅިތައް ދޫކޮށްފަ ދާން ވީ ނުން ކުލި ނު ދެއްކެންޔާ. ތި ބޭނުން ބައިވަރު މީހުން އެބަތިބި ކުލި ދައްކައިގެން އުޅެވޭ ވަރު. ސަރުކާރުން ރަނގަޅަށް ކަމެއް ކޮށަ ދިނީމައި ވެސް ހަޖޫ ޖަހަނީ. ބަލަ ސަރުކާރުން ހުރިހާ ކަމެއް ހިލޭ ނުކޮށް ދެވޭނެ. އަމިއްލަ ޒިންމާއެއް ވެސް އެބަ އޮތް. ފައިނޭންސް ކުރާނެ ގޮތް ހޯދައިގެން ވިޔަފާރި ކުރެވޭނީ. ފައިނޭންސް އެހީ ހޯދަން ހަމަ އެކަނި ސަރުކާރައް ދިޔުމުގެ ބަދަލުގައި އެހއނިހެން ގޮތް ގޮތް ހޯދާ. އަމިއްލަ މީހުންނައް ވިޔަފާރިގެ ސްޓޮކް ވިއްކަން ފަށަން ވީ ނު. އިންވެސްޓަރަށް ވެސް ފައިދާ އާއި ގެއްލުމުން ބައެއް އެލޭ ގޮތައް.

    5
    1
  13. ޙާނިމް

    އަމިއްލަ މީހާގެ ގޭގެ ކުލި މާފުކުރާ އިރު ސަރުކަރުގެ ކުލިތައް މާފުނުކުރެވެންވީ ސަބަބެއް ނެތް.
    30 ޕާސަންޓް ވެސް ޖެެހެނީ އެޕްލައިކުރަން . ޢަދި ޖަވާބެއް ވެސް ނާދޭ އަދި. ޢީމެއިލް އެއް ކުރިއަށް ޝުކުރިއްޔާ ވެސް ބުނެނުލާ. 10 ކުރިން ޖަވާބެއް ނުލިބުނީމާ 100 ޕަސަންޓް ކުލި އެންމެ ފަހުން ކަރު އެލުވާލާފައ ޖަމާކުރީ 10 ވަނަ ދުވަހުގެ ރޭގަނޑު 11:30 ގައި...

  14. މަ

    ތިޔަ ގޮޅިތައް ހޯދީވެސް ހައްގު ގޮތުގައެއް ނޫން، ދައްކަވަން އޮތްދުވަހެއް ދައްކަވާނެ ދުނިޔެމަތީގައިވެސްް ބައެއްފަހަރު.

  15. ތަސްއްވަރު

    ސިނާއީ ސަރަހައްދުން ނަގާފަހުރި ގިނަ ބިންތަށްވަނީ ދެވަނަ ފަރާތަކަށް ވ ބޮޑު އަގުގައި ކުއްޔަށްދީފަ އެ ކުލިން ބިމުގެ ވެރިމީހުން ރާއްޖެ ދޫކޮށް އުޅެނީ ބޭރުގައުމުތަކުގައި މަދު ބަޔަކު އެބަޔަކު ނެގި ބިން ތަކުގައި އަމިއްލަޔަށް މަސައްކަތް ކުރަނީ.

  16. އަހުމަދު ކޮލި

    އެޑިއުކޭޝަން މިނިސްޓްރީ އިން ކުއްޔައް ދީފަ ހުރި އެއްވެސް އިމާރާތަކުން ކުލި ކުޑައެއް ނުކުރޭ.