ކޮވިޑް-19 އާއި ގުޅިގެން މުޅި ދުނިޔެ ސިއްހީ ޚިދުމަތްތެރިންނަށް ޝުކުރު އަދާކުރަމުން ދަނިކޮށް ޤަތަރު އެއާވޭސް އިން ހާއްސަ ގިވްއަވޭއެއް މިއަދު ފަށައިފިއެވެ.

ބައިނަލްއަޤުވާމީ ނަރުހުންގެ ދުވަހުގެ މުނާސަބަތުގައި ޤަތަރު އެއާވޭސް އިން ފެށި ޕްރޮމޯޝަންގައި އެއްލައްކަ ޓިކެޓް ހިލޭ ދިނުމަށް ވަނީ ހަމަޖެހިފައެވެ. ނަރުހުންގެ ދުވަހާއި ގުޅިގެން ޕްރޮމޯޝަން ފެށި ނަމަވެސް ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ކޮންމެ މީހަކަށް ވެސް ޓިކެޓް ހޯދަން އެދުމުގެ ފުރުސަތު އެބައޮތެވެ.

މި ޕްރޮމޯޝަންގެ ދަށުން ޓިކެޓް ލިބޭނީ ފުރަތަމަ ޓިކެޓް ހޯދަން އެދޭ ފަރާތްތަކަށެވެ. މިމަހުގެ 18 ވަނަ ދުވަހާއި ހަމައަށް ޓިކެޓަށް އެދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ޤަތަރު އެއާވޭސްއިން ބުނީ ހުރިހާ ޤައުމެއްގެ ސިއްހީ ހިދުމަތްތެރިންނަށް ޕްރޮމޯޝަންގައި ބައިވެރިވުމަށް ފުރުސަތު ދިނުމުގެ ގޮތުން ކޮންމެ ޤައުމަކަށްވެސް ކޮންމެ ދުވަހަކު ވަކި އަދަދެއްގެ ފުރުސަތު ދިނުމަށް ކަޑައަޅާފައިވާކަމަށެވެ.

ސިއްހީ ހިދުމަތްތެރިކަންގަ އަގު ވަޒަންކޮށް، ޝުކުރު އަދާކުރުމަށް ޤަތަރު އެއާލައިންސް އިން ހިލޭ ޓިކެޓު ދިނުމުގެ އިތުރުން ޤަތަރުގެ ހައްމާދު އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޓިއުޓީ ފްރީ އައުޓްލެޓްތަކުން 35 އިންސައްތަ ޑިސްކައުޓް ލިބޭ ވައުޗަރެއް ވެސް ދިނުމަށް ހަމަޖެހިފައެވެ. މިގޮތުން ދެވޭ ވައުޗަރތަށް ޑިސެންބަރު މަހުގެ 31 ގެ ނިޔަލަށް ބޭނުންކުރެވޭނެއެވެ.

ޓިކެޓް ހޯދަން އެދޭނެ ލިންކް

ކޮވިޑް-19 އާއި ގުޅިގެން މިހާރު ދުނިޔޭގެ ދަތުރުފަތުރު ހުއްޓިފައި އޮތް ނަމަވެސް ގިނަ އެއާލައިންތަކުން އުއްމީދު ކުރަނީ ޖުލައި މަހު އަލުން ދަތުރުތައް ކޮންމެވެސް ވަރަކަށް ފެށޭނެ ކަމަށެވެ. އެއާލައިންތަކުން މިހާރު ގެންދަނީ އަލުން ދަތުރުތައް ފަށާއިރު އަމަލު ކުރާނެ ގައިޑްލައިންތައް އެކުލަވާލަމުންނެވެ.