ކޮވިޑް-19 ގެ ސަބަބުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ނުވަތަ އަމިއްލަ މަސައްކަތް ކުރާ ދިވެހި ރައްޔިތުންގެ ތެރެއިން އެ ބައެއްގެ އާމްދަނީއަށް ނުރަނގަޅު އަސަރެއް ކޮށްފައިވާ ފަރާތްތަކަށް ސަރުކާރުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، "އިންކަމް ސަޕޯޓް އެލަވަންސް" އެއް ދިނުމުގައި ޢަމަލުކުރާނެ ހަމަތަކާއި އިޖުރާއަތުތައް ބަޔާންކޮށްދޭ އުސޫލު އާއްމުކޮށް، އަމަލު ކުރަން ފަށައިފިއެވެ.

މިއުސޫލުގައި ވެސް ބުނެފައި ވަނީ ސަރުކާރުން ކުރިން އިއުލާން ވެސް ކޮށްފައިވާ ފަދައިން 5000 ރުފިޔާގެ އެލަވަންސެއް އާމްދަނީއަށް އަސަރު ކޮށްފައިވާ ފަރާތްތަކަށް ދޭނެ ކަމަށެވެ. މިއީ އޭޕްރީލް، މޭ އަދި ޖޫން މަހަށް ދިނުމަށް ހަމަޖެހިފައިވާ އެލަވަންސެއް ކަމަށާއި، އެލަވަންސް ކޮންމެ މަހެއްގެ 15 ވަނަ ދުވަހުގެ ކުރިން ދޭނެ ކަމަށް ވެސް އުސޫލުގައި ބުނެފައި ވެއެވެ.

ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކާއި މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކޮށްފައިވާ، ނުވަތަ މުސާރަ ނުލިބޭ ގޮތަށް ޗުއްޓީ (ނޯޕޭ ލީވް) އަށް ފޮނުވައިފައިވާ ފަރާތަކާއި މުސާރައިގެ ގޮތުގައި ލިބޭ އަދަދުން ބައެއް އުނިކޮށްފައިވާ ފަރާތްތަކަށް މިއުސޫލުގެ ދަށުން އެލަވަންސް ލިބޭނީ މާޗް މަހުގެ 01 ވަނަ ދުވަހާއި ހަމައަށް ވަޒީފާގައި ހުރިނަމައެވެ. އޭގެ އިތުރުން އެލަވަންސް ލިބޭނީ ސަރުކާރުން ހިންގާ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކުގެ ތެރެއިން ކަނޑައެޅޭ ޕްރޮގްރާމެއްގައި ބައިވެރިވެ، އެ ޕްރޮގްރާމް ފުރިހަމަކުރުމަށް އެއްބަސްވުމުން ކަމަށް ވެސް އުސޫލުގައި ވެއެވެ.

އަދި ވަޒީފާއެއް އަދާކުރުމަށް ނުވަތަ މަސައްކަތެއް ކުރުމަށް ޝައުޤުވެރިކަން ހުރި، އަދި ސަރުކާރުގެ ޖޮބް ސެންޓަރ މެދުވެރިކޮށް ވަޒީފާއެއް ނުވަތަ މަސައްކަތެއް އެ ފަރާތަށް ހޯދައިދެވިއްޖެނަމަ، އެ ވަޒީފާއެއް އަދާކުރުމަށް ނުވަތަ މަސައްކަތެއް ކުރުމަށް ވެސް އެއްބަސްވާން ޖެހޭނެ ކަމަށް އުސޫލުގައި ބުނެފައި ވެއެވެ.

އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް ވެސް 5000 ރުފިޔާގެ އެލަވަންސެއް ދިނުމަށް މިއުސޫލުގެ ދަށުން ހަމަޖެހިފައި ވެއެވެ. އަމިއްލަ މަސައްކަތް ކުރާ ފަރާތްތައް ކަމަށް އުސޫލުގައި ބުނެފައި ވަނީ މިނިވަން ކޮންޓްރެކްޓަރުންނާއި، ވިޔަފާރި އުސޫލުން މަސައްކަތްކުރާ ފަންނާނުންނާއި، އާމްދަނީއެއް ހޯދުމުގެ ގޮތުން އަގު ލިބޭގޮތަށް މަސައްކަތްކުރާ އެނޫންވެސް ފަރާތްތަކެވެ.

އެފަރާތްތަކަށް އެލަވަންސް ލިބޭނީ 1 މާރިޗު 2020 އާ ހަމައަށް މަދުވެގެން 6 މަސްދުވަހުގެ މުއްދަތަށް އަމިއްލަ މަސައްކަތުން އާމްދަނީ ހޯދަމުން އައިސްފައިވާނަމަ ކަމަށް އުސޫލުގައި ބުނެފައި ވެއެވެ. އަމިއްލަ މަސައްކަތް ކުރާ ފަރާތެއްނަމަ، ވޭތުވެދިޔަ 6 މަސްދުވަހުގެ ތެރޭގައި ކޮށްފައިވާ މަސައްކަތަށް އަގުކުރެވިފައިވާ އިންވޮއިސްތަކުގެ ކޮޕީ ސަރުކާރަށް ހުށަހަޅަން ޖެހޭނެއެވެ.

އެލަވަންސް ހޯދުމަށް އެދޭއިރު، ބޭންކް ސްޓޭޓްމަންޓާއި، މުސާރަ ލިބުނުކަން އެނގޭނެ ސްލިޕް ވެސް ހުށަހަޅަން ޖެހޭނެއެވެ.

އެލަވަންސް ހޯދުމުގެ ބޭނުމުގައި ދޮގު މައުލޫމާތެއް ދީފިނަމަ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 520 ވަނަ މާއްދާ ނުވަތަ 521 ވަނަ މާއްދާގައި ބަޔާންކުރާ ޖިނާއީ ކުށުގެ ދަޢުވާ އުފުލުމަށް ކުރަންޖެހޭ ޖިނާއީ ތަޙުޤީޤު ކުރުމަށް ޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް މައްސަލަ ހުށަހަޅާނެ ކަމަށް ވެސް އުސޫލުގައި ވެއެވެ.

މިއުސޫލު ހިންގުމަށް ހަމަޖެހިފައި ވަނީ އިކޮނަމިކް މިނިސްޓްރީންނެވެ.

އިކޮނަމިކް މިނިސްޓްރީން އާއްމު ކޮށްފައިވާ އުސޫލު

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ނަން އިތުރު

  މަށައް ލިބެންޖެހޭ ރުފިޔާކޮޅު ފައްޔާޒައް ވެދުމައް އަރުވައިފިން! މަވާސަލާމް! މަ ބޭނުމެއް ނޫން! ފައްޔާޒު ގެ ގާބިލް ކަމާ މެދު ސުވާލު އުފެދޭ! މަށައް މައްސަލަ އަކީ މިމީހުން މި ބުނާ ޕްރޮގްރާމް ތަކުގައި ހަމަ މިމީހުން އަންގާލާ އިރައަ ބައިވެރިވެ އެ ފުރިހަމަ ކުރަން ޖެހުމާ އަދި މި ފައްޔާޒު ހޯދައިދޭ ވަޒީފާ އަކައް ދާން ޖެހޭ ކަމައް އެއްބަސް ވުން! އެ ހެޔޮ ކުރާހިތް ނުވާ ވަޒީފާ އަކައް ވިޔަސް ފައްޔާޒު ބޮޑު ކޮސް ބުނާ އިރައް އެއްބަސް ވާން ޖެހޭ ނޫނީ ދައުވާކުރާނަމޯ! ފައްޔާޒު އަށާ އޭނާގެ ދަރިން ފައްޗަށާ އަދި އޭނާ ގެ އާއިލާ މީހުން ނަށް މި ފައިސާ ބަހާ ހުސްކޮށްލުމައް ގޮވާލަން!

  14
 2. އައިއޭ

  ކޮބާތަ މަސްވެރިންނަށް ލިބޭ މަންފާއަކީ ، މަސްވެރިން އުޅެޔޭ ރިސޯޓުތަކަށް މަސް ކިރައިގެން ދިރި އުޅޭ ފަރާތްތައް

 3. ސަންތިމަރިޔަބު

  ތިޔާ އީވަރަށް ފަކާ އުސޫލުތަކެއް ނިކަމެތި މީހާ ގެ ހަތަރެސްފާއި ބަދެ ކަސްތޮޅުއަޅާލަނީ މަނިކުފާނަށް މިފަދަ ހާލަތެއް ދިމާވާދުވަހު މަނިކުފާނު ޖެހޭނީ އާއްމު ފާހާނާތަށް ސާފުކުރާށޭ ބުނީމާ -/5000ރ ގެ އެލަވަންސްގެ ބޭނުމުގާއި މިކަންކުރަށް ވާނަންތޯ